އިސްލާމީ ތާރީޚު

ޔޫސުފު ބިން ތާޝްފީން 19

އަބްދުﷲ ފާރޫގް ހަސަން

1

(26 ނޮވެމްބަރުގެ އަދަދާ ގުޅޭ)

معـتـمـد ގެ އެންމެއިސް އަމުރުފުޅަކީ އެހައި ދުވަސްވަންދެން އަޅުގަނޑުގެ އަރިހަށް ހާޒިރުވިޔަނުދީ ހިފެހެއްޓި ފާރަވެރީންނާއި އޮފިސަރުން ހައްޔަރުކުރެއްވުމުގެ އަމުރުފުޅު. އަޅުގަނޑާ ބެހޭގޮތުން އެންގެވީ އަޅުގަނޑަށް އިޝްބީލިއްޔާގައި ހުރެވޭނެގޮތް ހަމަޖައްސައިދިނުމަށް. އަޅުގަނޑު މިރަށަށް އައިސް މިއުޅެނީ އަޅުގަނޑުގެ މަންމައާއި ކޮއްކޮގެ ހާލުކޮޅު ބަލައިލަން. އަޅުގަނޑަށް އެނގޭ އިބްނު ޢަކާޝާގެ އެކުވެރީން އެންމެ ފޯރިއާއެކު ކުރާނެ މަސައްކަތަކީ އަޅުގަނޑު ހޯދުންކަން.

އަޅުގަނޑު ވަރަށް ފަތިހާ މިރަށަށް އަތުވެއްޖައިން. މަދީނަތުއްޒަހުރާ ޤުރުޠުބާއަށްވުރެ މާބޮޑަށްއޮތީ ބަންދުކޮށްފައި. އަޅުގަނޑު ސީދާ އެރަށަށްދާން މަސައްކަތްކުރުމަކީ ވަރަށް ނުރައްކާތެރިކަމެއް. އަޅުގަނޑު ދަންނަ މީހުން ޤުރުޠުބާއަށްވުރެ އައްޒަހުރާގައި މާގިނަވާނެ. އެހެންކަމުން އަޅުގަނޑު ގަސްދުކުރީ އެންމެފުރަތަމަ ޤުރުޠުބާއަށްގޮސް އަޅުގަނޑުގެ ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރީން މެދުވެރިކޮށް މަންމައާއި ކޮއްކޮގެ ހާލުކޮޅު އޮޅުންފިލުވަން. އަޅުގަނޑުގެ މަންމައާއި ކޮއްކޮ މާބެގެ އަރިހަށް ޤުރުޠުބާއަށް ވަޑައިގެން ތިއްބެވުމަކީވެސް އެކަށީގެންވާ ކަމެއް. ކޮންމެ ދުވަހަކުވެސް ހެނދުނު މޭވާއާއި ތަރުކާރީއާއި، ގޮވާމާއި، ދަރާއި، ޖަނަވާރަށް ކާންދޭ ހުޔާއި، މިބާވަތުގެ ތަކެތި ގެންނަ މީހުންނަށް ރަށުއިރުމަތީ ފަރާތުގެ ދޮރޯށީން ރަށަށް ވަނުމުގެ ހުއްދަދޭ. އަޅުގަނޑު ގަސްދުކުރަނީ މާދަމާ ދަރުވިއްކާ މީހެއްގެ ހެދުމުގައި ނަސީބު ވަޒަންކޮށްލަން. އަޅުގަނޑު މިއައީ މިރަށާ ތަންކޮޅެއް ދުރުން އިޝްބީލިއްޔާއަށްދާ މަގު ކައިރީގައި އޮންނަ އަވަށަކަށް އަޅުގަނޑުގެ އަސް ދޫކޮށްލައިފައި. އެރަށުގެ ދަނޑުވެރިޔަކު އަޅުގަނޑުމެންގެ ބަގީޗާގެ ޑަރޯގާއަކަށް ހުންނަތާ ދުވަސްކޮޅެއްވެއްޖެ. މިހެދުމަކީވެސް އެރަށުން ހޯދި ހެދުމެއް. އަޅުގަނޑު ދޮރޯށި ކައިރީ މިހުންނަނީ އަޅުގަނޑު ދަންނަ މީހަކާ ދިމާވޭތޯ. އެފަދަ މީހަކާ ދިމާވެއްޖެނަމަ ގޭގެ ހާލު އޮޅުންފިލުވަންވެގެން. ދެން ކަލާ ވިދާޅުވެދެއްވާ. "ކީއްތޯ ކަލާ ތިޔަކުރައްވަނީ؟"

سعد ޖަވާބު ދެއްވިއެވެ. "އަޅުގަނޑު އައީ ބައްޕާފުޅުގެ ޚަބަރެއް އޮޅުންފިލާތޯ. އަޅުގަނޑު ކުރީން ހީކުރީ ބާޣީން އެންމެފުރަތަމަ ދޫކޮށްލާނީ ބައްޕަމެންކަމަށް. އެކަމަކު މިހާރު ކަންހުރިގޮތް އޮޅުންފިލުމުން އަޅުގަނޑަށް ވިސްނޭ އިބްނު ޢަކާޝާ ކަހަލަ މީހަކަށް ކިޔަމަންތެރިކަން އަދާކުރައްވައިގެން މިނިވަންކަން ހޯއްދެވުމަށްވުރެ ބައްޕާފުޅު ތަރުޖީހުދެއްވާނީ ޖަލުގައި ހުންނެވުމަށް. ކަލާގެ ވާހަކަފުޅު އަޑުއިވުމުން އަޅުގަނޑު ގަސްދުކުރަނީ ކަލާ އެއްގޮތަކަށްވެސް ރަށަށް އަރައިވަޑައިގެންނެވިޔަ ނުދޭން. އެކަމަށްޓަކައި ކަލާ ނުރައްކަލަކަށް ތިޔަ ހުށަހޮޅިވަޑައިގަންނަވާ ކަންތައް އަޅުގަނޑަށް ދާދިފަސޭހައިން ކުރެވިދާނެ. ކަލާގެ މަންމައާއި ކޮއްކޮ އިޝްބީލިއްޔާއަށް ގެންދަވަން ބޭނުންފުޅުކަމުގައިވާނަމަ އަޅުގަނޑު ކަލާގެ އަރިހަށް އެބޭފުޅުން ގެނެސްދީފާނަން. އަޅުގަނޑުގެ ކުރިމަތީގައި އޮތްހައިވެސް މައްސަލައަކީ ރަށަށް އެރުން. ރަށަށް އެރުމަށްފަހު އަޅުގަނޑަށް ކޮންމެތަނެއްގައިވެސް މިނިވަންކަމާއެކު އުޅެވިދާނެ. ނަމަވެސް ރަށުގެ އެއްވެސްތަނެއް ކަލާއަކަށް ރައްކައުތެރިއެއް ނުވާނެ. ކަލާގެ ތިމާގެފުޅު ބޭބޭފުޅުންގެ ގޭގޭގައިވެސް މިހާރު ފޯރިމަރަމުން ގެންދިއުމަކީ އެކަށީގެންވާ ކަމެއް. އެހެންކަމުން އެބޭފުޅުންނަށް އެހީވެދެއްވުމުގެ ބަދަލުގައި ކަލާއަކީ އެބޭފުޅުންނަށް އާ މުސީބަތެއްގެ ސަބަބަކަށްވެސް ވެވަޑައިގެންފާނެ."

إدريـس އިރުކޮޅަކު ވިސްނައިވަޑައިގަތުމަށްފަހު ވިދާޅުވިއެވެ. "އެންމެ ރަނގަޅު! މާތް اللّـه ކަލާ ފޮނުއްވީ އަޅުގަނޑަށް އެހީވެދެއްވާން ކަމުގައިވާނަމަ ކަމަކާނުލައި ނުރައްކަލަކަށް ހުށަހެޅޭކަށް އަޅުގަނޑުވެސް ބޭނުމެއް ނޫން."

ހަވީރު ވަނީއެވެ. سعد އާއި إدريـس އާ ދެބޭފުޅުން ކޯރުގެ އައްސޭރީގައި ނަމާދު ކުރެއްވުމަށްފަހު އަވަށަކާ ދިމާއަށް ވަޑައިގެންފިއެވެ. އެދެބޭފުޅުން އެރޭ ހޭދަކުރެއްވީ ދަނޑުވެރިޔެއްގެ ގޭގައެވެ. ފަތިހު سعد އޭނާގެ އަސްކޮޅު އެތާނގައި ބާއްވަވައިފައި ހިމާރަކަށް ދަރު އަރުއްވައިގެން ރަށާ ދިމާއަށް މިސްރާބު ޖައްސަވައިފިއެވެ.

إدريـس އޭނާ ފޮނުއްވައިލައްވަމުން އޭނާއާ މުސާފަޙާ ކުރައްވައިފައި ވިދާޅުވިއެވެ. "سعد! އަޅުގަނޑު މީގެކުރީން ދުވަހަކުވެސް ތިޔަހައި ރީތި ދަރުވިއްކާ މީހަކު ނުދެކެން. ކޮންމެ ހެދުމެއްގައިވެސް ކަލާ ހީވަނީ ހަމަ ސިފައިންގެ މީހެއްހެން. ކަލާއަށް ދޮރުފާރަވެރީންނަކަށް އޮޅުވައެއް ނުލެއްވޭނެ."

سعد ޖަވާބު ދެއްވިއެވެ. "ހިތްޕުޅު ހަމަޖައްސަވާ! ފާރަވެރީން އަޅުގަނޑު ދެކޭނީ ކަލާގެ ލޯފުޅަކުން ނޫން."

* * * * * * * * * * *

المـــاس އިނީ އަސްގުދަނުގެ ކުރިމަތީގައި ލަކުޑި ފިލައެއްގެ މަތީގައި އިށީނދެގެންނެވެ. އޭނާ އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ކުއްލިއަކަށް ކޮންމެވެސް މީހެއް އޭނާގެ ފުރަގަހުން ވަރަށް ބާރަށް ބުންޏެވެ. "ކަލާ ދަރު ބައްލަވައިގަންނަވާނުތޯ!"

المـــاس ސިއްސައިގެންގޮސް ފަހަތަށް ބަލައިލުމާއެކު ދަރުވިއްކާ ޒުވާނާއާ ދިމާއަށް ބުންޏެވެ. "ރައްކާވޭ! އަހަރެން ދަރު ބޭނުމެއް ނޫން." ނަމަވެސް ކުއްލިއަކަށް އޭނާގެ ސަމާލުކަން ހުއްޓުނީ ދަރު އަރުވައިފައިއޮތް ހިމާރުގެ މައްޗަށެވެ. އޭރު ހިމާރު އޮތީ އަސްގުދަނަށް އަލަށް އަޅައިފައިހުރި ރޯވިނަތަކަށް އަރައިގަނެ އެސޮރުގެ ބަނޑުހައިކަން ފިލުވާށެވެ. المـــاس ރުޅިއައިސް ރަތްވެގެން ދަރުވިއްކާ މީހާގެ އަތުގައި އޮތް އަސާ ފިރުކައިގެންފައި ހިމާރުގައި ތަޅާންފަށައިފިއެވެ. ދެތިން އެތިފަހަރެއް އަޅާއިރަށް ހިމާރު ބަގީޗާގެ އެއްފަރާތަކަށް ދުވެފައި ހިނގައްޖެއެވެ. ދަރުވިއްކާ ޒުވާނާ ކުރިޔަށް ޖެހިލައިފައި المـــاس ގެ މުލައްދަނޑީގައި ހިފަހައްޓަމުން ބުންޏެވެ. "المـــاس ބޭބޭ! ހިމާރަކީ ބުއްދިއެއް ހުންނަ އެއްޗެއް ނޫން."

المـــاس ގެ ގާތަށް އައިސްފައިހުރި ރުޅީގައި އޭނާގެ މުލައްދަނޑިން ވީއްލުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ހީކުރިވަރަށްވުރެ ދަރުވިއްކާ ޒުވާނާގެ ބާރު މާގަދައެވެ. އޭނާ ދަރުވިއްކާ ޒުވާނާއާ ދިމާއަށް އެންމެފުރަތަމަ ފަހަރަށް ވިސްނުންތެރިކަމާއެކު ބަލައިލިއެވެ. އޭނާގެ ރުޅިވެރިކަން އުފާވެރިކަމަށް ބަދަލުވެއްޖެއެވެ. "سعد! ދަރިފުޅުތޯ؟" އޭނާ ދަރުވިއްކާ ޒުވާނާ އޭނާގެ މޭގައި ޖައްސައިލަމުން ބުންޏެވެ.

سعد ވިދާޅުވިއެވެ. "ބައްޕާފުޅުގެ ޚަބަރެއް ނެތްތަ؟"

المـــاس ހިތާމަވެރި ރާގެއްގައި ޖަވާބު ދިނެވެ. "އެއްވެސް ޚަބަރެއް ނުލިބުނު. އޭނާގެ އެކުވެރިޔަކުވެސް ޖަލަކުން ސަލާމަތެއްނުވޭ!"

المـــاس ހުރީ سعد އާ އެތައް ސުވާލުތަކެއް ކުރާހިތުން ކެތްތެރިކަން ކުޑަވެފައެވެ. ނަމަވެސް ދެންތިބި ނޯކަރުން އެތަނަށް އެއްވާތަން ފެނުމުން އޭނާ سعد ގެ އަތްޕުޅުގައި ހިފައިގެން ގެއާދިމާއަށް ގެންދަމުން ދެންނެވިއެވެ. "ނުރައްކަލެއް އޮތިއްޔާ ދަރިފުޅު މިތާ ހުންނެވުން ރަނގަޅެއް ނޫން!"

المـــاس ގޭތެރެއަށް ވަދެ سعد ކޮޓަރިއެއްގައި ބައިންދައިފައި ދެންނެވިއެވެ. "މިތާ އިށީނދެވަޑައިގަންނަވާ! އަޅުގަނޑު ނޯކަރުންނަށް ބައެއް އިރުޝާދު ދީފައި އެބައަންނަން."

سعد ވިދާޅުވިއެވެ. "المـــاس ބޭބެ ކަންބޮޑުނުވޭ! އަހަރެން މިހެދުންއެޅީ ހަމައެކަނި ރަށުތެރެއަށް ވަނުމަށްޓަކައި. އަހަންނަށް ކިޔަވާކުއްޖެއްގެ ޔުނީފޯމެއް ހޯދައިދީ! އަހަރެން ވަރަށް މުހިންމު ކަމަކު ރަށުތެރެއަށް ގޮސްލާން ބޭނުން."

المـــاس ބުންޏެވެ. "ސާހިބާއާ ބެހޭގޮތުން އަޅުގަނޑު އޭނާގެ ހުރިހައި ރަޙުމަތްތެރީންނާ ސުވާލުކޮށްފިން. އެބޭފުޅުން ވިދާޅުވާ ގޮތުގައި އިބްނު ޢަކާޝާ ޤައިދީން މިނިވަންކުރުމުގެ ކުރީން އެބޭފުޅުން ލައްވައި ޠުލައިޠުލާގެ ރަސްގެފާނު ذوالـنّــون އަށް ބައިޢަތު ހިއްޕުވާނެ. މިއަދު ނޫނީ މާދަމާ ذوالـنّــون މިރަށަށް ވަޑައިގަންނަވާނެ."

"ބޮޑުބޭބެ ދެކޭގޮތުގައި ޤުރުޠުބާގެ މީހުން ذوالـنّــون ގެ އަޅުވެތިކަން ގަބޫލުކޮށްފާނެތަ؟"

المـــاس ޖަވާބު ދިނެވެ. "ޤުރުޠުބާގެ މީހުންނެކޭ ބަކަރި އައިނެކޭ މިހާރަކު ކުޑަވެސް ތަފާތެއް ނެތް. އަތުގައި ލަޓިބުރިއެއް އޮތް ކޮންމެ މީހަކަށް ބޭނުން ދިމާޔަކަށް އެމީހުން ލަވަމުން ގެންދެވިދާނެ. އަމީރުންގެ އެއްޖަމާޢަތެއް ޤުރުޠުބާގެ މީހުން އިޝްބީލިއްޔާ މީހުންނަށް ވިއްކައިލީ. މިހާރު އަނެއް ޖަމާޢަތެއް ތެދުވެއްޖެ. އެބައިމީހުން ޠުލައިޠުލާގެ މީހުންނަށް ޤުރުޠުބާގެ ބަކަރިތައް ވިއްކައިލީ. އިބްނު ޢަކާޝާ ގަވަރުނަރުގެ ގަނޑުވަރު ހިފިރޭ އަޅުގަނޑުމެން ތިބީ ވަރަށް އުފަލުން. އަޅުގަނޑު ޔަގީންކޮށްގެންހުރީ ޤުދުރަތުން އޭނާ ފޮނުއްވީ އިޝްބީލިއްޔާގެ އަޅުވެތިކަމުން ޤުރުޠުބާ ސަލާމަތްކުރާން ކަމުގައި. ނަމަވެސް ވިދިގެން އައިދުވަހު އަޅުގަނޑުމެންނަށް އެނގިއްޖެ. އޭނާ ޤުރުޠުބާގެ ނުފޫޒުހުރި ބޮޑުން ލައްވައި ذوالـنّــون އަށް ބައިޢަތު ހިއްޕާކަން. އެކަމަށް އިންކާރުކުރާ މީހަކުވިއްޔާ ދަންޖައްސައި ޖަލަށްލައި ހަދަމުން ގެންދާކަން. އޭނާގެ ޙަމަލައިގެ ހަފުތާއެއްހައި ދުވަސް ކުރީއްސުރެ ބޭރުން އެތައްބަޔަކު ޤުރުޠުބާއަށް އަންނަމުންދިޔަ. މިރަށު މީހުން ހީކުރީ އެއީ ޤުރުޠުބާގެ މިނިވަންކަމުގެ ހަނގުރާމައިގައި ބައިވެރިވާން އަންނަ މީހުންކަމަށް. އެހެން ހީކޮށް ޤުރުޠުބާގެ މީހުން ބޭރުންއައި މީހުނަށް އެބައިމީހުންގެ ގެތަކުން ޖާގަދިން. އަޅުގަނޑުވެސް ފަނަރަ މީހުންނަށް މިގޭގައި ފިލައި ތިބެން ޖާގަ ދިނިން. ނަމަވެސް ޙަޤީޤަތުގައި އައީ ذوالـنّــون ގެ ސިފައިން."

سعد ސުވާލު ކުރެއްވިއެވެ. "ބޮޑުބޭބެއަށް إدريـس ގެ ޢާއިލާގެ އެއްވެސް ޚަބަރެއްވިތަ؟"

المـــاس ޖަވާބު ދިނެވެ. "އަޅުގަނޑުވެސް މިއުޅެނީ ތިޔަވާހަކަ ދަންނަވަން. މި އިންޤިލާބުގެ އެތައް ދުވަހެއް ކުރީން إدريـس ގެއްލިއްޖެ. ފުލުހުން އޭނާ ފެނޭތޯ ވަރަށް ހީވާގިކަމާއެކު މަސައްކަތްކުރި. މިހާރު އިބްނު ޢަކާޝާއާ އެއްކޮޅަށް ތިއްބެވި ބޮޑުންކުރެ އެތައްބޭފުޅުންނެއް އޭނާ ފެނިވަޑައިނުގަންނަވައިގެން މަސައްކަތްޕުޅު ކުރައްވަނީ عبّــاد ގެ ސިފައިންނަށްވުރެވެސް މާބޮޑަށް އިސްކަންދެއްވައިގެން އަޅުގަނޑު މިހިރީ ވަރަށްބޮޑަށް ހައިރާންވެފައި.

ޤުރުޠުބާގެ ބޮޑުންނާއި، އިޝްބީލިއްޔާގެ ވެރިކަންކުރާ އާއިލާގެ ދުޝްމިނުކަން إدريـس އެއްފަހަރާ ހޯއްދެވީ ކޮންކުށެއް ކުރައްވައިގެންތޯ އަޅުގަނޑު ހިތުގައި ސުވާލު އުފެދުނު. ރަށުގައި ތިއްބެވި އޭނާގެ ތިމާގެފުޅު ހުރިހައި ބޭފުޅުންނާއި އޭނާގެ ހުރިހައި ރަޙުމަތްތެރީންގެ ގޭގެ ބަލައި ފާސްކުރެވުނު. إدريـس ގެ މާބެ إدريـس މަންމައާއި ކޮއްކޮ މަދީނަތުއްޒަހުރާއިން ޤުރުޠުބާއަށް ގެންނަވާން އުޅުއްވި. ނަމަވެސް އެބޭފުޅުންނަކަށް ގެދޫކޮށްލައްވައިފައި ވަޑައިގަތުމުގެ ހުއްދަ ލިބިވަޑައެއް ނުގެންނެވި. އިންޤިލާބު އައުމުން އަޅުގަނޑު ހީކުރީ އޭނާއާމެދު އިބްނު ޢަކާޝާ ކަންތައްކުރާގޮތް عبّــاد ގެ ސިފައިންނާ ތަފާތުވާނެކަމަށް. އެކަމަކު ކަންވީ އެހެންނަކުން ނޫން. އިއްޔެ ހަވީރު އަޅުގަނޑާ إدريـس ގެ މާބެއާ މިސްކިތުން ބައްދަލުވި. އޭނާ ވިދާޅުވީ އިބްނު ޢަކާޝާގެ ފުލުހުން إدريـس ގެ ގެ ބަލަހައްޓާލެއް މާވަރުގަދަކަމަށް. إدريـس ގެ މާބެގެ ބާރައަހަރުގެ ބޭފުޅަކު އޭނާގެ ބޮޑުދައިތަގެ ޚަބަރު ބައްލަވާން إدريـس ގެ ގެއަށް ވަޑައިގަތުމުން ފުލުހުން އޭނާވެސް ހައްޔަރުކޮށްގެން ވަރަށްބޮޑަށް އަދަބުދިން. އެމީހުން ހީކުރީ އޭނާ ވަޑައިގަތީ إدريـس ފޮނުއްވައިގެން ކަމަށް. އޭނާއަށް މަޖުބޫރުކުރީ إدريـس ގެ އެޑްރެސް ވިދާޅުވެދެއްވަން. އެކަމަކު އޭނާއަކަށްވެސް إدريـس ހުންނެވިތަނެއް އޮޅުންފިލައިވަޑައެއް ނުގަނޭ."

سعد ސުވާލު ކުރެއްވިއެވެ. "އަނެއްކާ އޭނާގެ މަންމައަށާއި ކޮއްކޮއަށް އެއްވެސް އަނިޔާކުރީތަ؟"

"އިޝްބީލިއްޔާގެ މީހުން ފުލުހުންނަކަށް އަންހެނުންނާ ދިމާއަށް އަތްއުފުލައިލުމުގެ ހުއްދައެއް ނުދޭ. އެކަމަކު މިހާރު އޮތީ މަގުފޭރޭ މީހެއްގެ ވެރިކަން. މިހާރު އެއްވެސްކަމަކީ މުސްތަޙީލު ކަމެއްނޫން."

سعد ވިދާޅުވިއެވެ. "އަހަރެން ބޭނުންވަނީ ވީހައިވެސް އަވަހަކަށް އެބޭފުޅުން إدريـس ގެ އަރިހަށް ގެންދަން. އޭނާ ރަށްބޭރުގައި އެބޭފުޅުންގެ އިންތިޒާރުގައި އެބަހުންނެވި."

"إدريـس އާ ދަރިފުޅާ ދިމާވި ކޮންއިރަކުތޯ؟"

"އިއްޔެ."

"އޭނާ ކުރެއްވީ ކޮންކުށެއްތޯ. ދަރިފުޅު އޮޅުމެއް ނުފިލުއްވަމުތޯ؟"

"އޭނާ އުޅުއްވީ އިބްނު ޢަކާޝާގެ ބަޣާވަތުގެ ޚަބަރު ދުރާލައި ސަރުކާރަށް ދެއްވަން."

المـــاس ހައިރާންވެގެން ސުވާލު ކުރިއެވެ. "އެހެންވީއިރު އިޝްބީލިއްޔާގެ ވެރީން އޭނާ ހައްޔަރުކުރައްވާން އުޅުއްވީ ކީއްވެތޯ؟"

އެ ސުވާލުގެ ޖަވާބުގައި سعد إدريـس ގެ ވާހަކަ ކުރުގޮތަކަށް المـــاس އަށް ވިދާޅުވެދެއްވިއެވެ.

* * * * * * * * * * *

إدريـس ގެ ކޮއްކޮ ميـمــونـة އިންނެވީ އުށްބައްތިއެއްގެ އަލީގައި ފޮތެއް ވިދާޅުވާށެވެ. އިރުއޮއްސި ޢިޝާނަމާދު ވަގުތު ވެއްޖެއެވެ. އޭނާގެ މަންމަ އިންނެވީ ނަމާދުކުރައްވައި ނިމިވަޑައިގެން އޭނާ އާދައިގެ މަތީން ކުރައްވާ ޒިކުރު ކުރައްވާށެވެ. އޭނާ އިންނެވީ ميـمــونـة އިންނެވި ކޮޓަރިޔާ ޖެހިގެންހުރި ކޮޓަރީގައެވެ. ކޮންމެވެސް މީހެއް މަޑުމަޑުން ދޮރުގައި ޓަކިދީފިއެވެ.

ميـمــونـة ސިހިވަޑައިގަތުމާއެކު ކޮޅަށް ތެދުވެވަޑައިގެންފިއެވެ. އޭނާ އިންނެވި އަދަރާދަގޮނޑިއާ ޖެހިގެންހުރި އޭނާގެ އެނދުގެ ބާލީސްކޮޅު ދަށުގައި ފޮރުއްވައިފައި އޮތް ޚަންޖަރެއް ނަންގަވައިގެން މަޑުމަޑުން ވަޑައިގެން ދޮރު ކައިރިއަށް ހުއްޓިވަޑައިގެންފިއެވެ. ދޮރު ހުރީ އެތެރެއިން ތަންޑު އަޅައިފައެވެ. ميـمــونـة އިރުކޮޅެއްވަންދެން ދޮރާ ދިމާއަށް ކަންފަތްޕުޅު ދެއްވައިގެން ހުންނެވިއެވެ. އިރުކޮޅެއްގެފަހުން ކޮންމެވެސް މީހެއް އަނެއްކާވެސް ދޮރުގައި ޓަކިދީފިއެވެ. "ކާކު؟" ميـمــونـة ސިހިވަޑައިގެންފައިވާ އަޑުފުޅަކުން ސުވާލު ކުރެއްވިއެވެ.

ބޭރުން ކޮންމެވެސް މީހެއް މަޑުމަޑުން ޖަވާބު ދިނެވެ. "ބިރުފުޅުގެން ވަޑައިނުގަންނަވާ! އަޅުގަނޑަކީ سعد. އަޅުގަނޑު މިއައީ إدريـس ފޮނުއްވި ޚަބަރަކާއިގެން."

އޭރު ميـمــونـة ގެ މަންމަ އޭނާ އިންނެވި ކޮޓަރީން ނުކުމެވަޑައިގެން ميـمــونـة ގެ އަރިހަށް ވަޑައިގެންފިއެވެ. އޭނާ ބިރުފުޅުން ހުންނަވައި ސުވާލު ކުރެއްވިއެވެ. "ކީއްތަވީ ميـمــونـة؟"

"ميـمــونـة ގެ ބަދަލުގައި سعد ބޭރުގައި ހުންނަވައި ޖަވާބު ދެއްވިއެވެ. "އަޅުގަނޑަކީ سعد بــن عبـدالمـنعــم، އަޅުގަނޑު މިއައީ ދައިތަ އަރިހަށް إدريـس ފޮނުއްވައިގެން."

ميـمــونـة ގެ މަންމަ ކުޑަކޮށް ފަސްޖެހިވަޑައިގެންފައިމެ ދޮރު ހުޅުއްވައިފިއެވެ. سعد އެތެރެއަށް ވެދެވަޑައިގެންފިއެވެ. އޭނާ ހުންނެވީ ސިފައިންގެ މީހެއްގެ ހެދުމުގައެވެ. ميـمــونـة އާއި އޭނާގެ މަންމައާ ދެބޭފުޅުން ހައްދަވާނެ ގޮތެއް އެނގިވަޑައިނުގެން ކަންބޮޑުވެވަޑައިގެންފައި سعد އާ ދިމާއަށް ބައްލަވާން ތިއްބެވިއެވެ.

(ނުނިމޭ)