އާޖެންޓީނާގެ "ހީރޯ"، ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާގެ ކުއްލި މަރުގެ ވާހަކައަށް އަދިވެސް ހުއްޓުމެއް ނެތެވެ. ހާޓް އެޓޭކެއްގައި އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވުމާއެކު މުޅި ފުޓުބޯޅަ ހިތާމައިގެ ތެރެއަށް ގަރަގު ކޮށްލިއެވެ. ހަނދާންތައް އާކުރުމަށް މަގުތައް ފުރާލައި، ތައުޒިޔާގެ މެސެޖުތައް ބަންޑުންކޮށްލީ، މަރަޑޯނާގެ ފުޓުބޯޅަ ކެރިއަރުގެ ސަބަބުންނެވެ. އެތައް ބަޔަކަށް އޭނާ ގެނެސްދިން އުފާވެރިކަމާއި، ހޯދި ގަދަރާއި އިއްޒަތުންނެވެ.

ފުޓުބޯޅައިގެ ބޭރުން މަރަޑޯނާ ގެންގުޅޭ މިޒާޖަކީވެސް އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. އެ ވާހަކަތައް އެކިއެކި ގޮތްގޮތުން މިއަދު ދެކެވެމުން ދަނީވެސް އެހެންވެއެވެ. ހާއްސަކޮށް މަރަޑޯނާގެ ކެރިއަރަކީ ހަމައެކަނި ލޯތްބާއި ގަދަރާއި އިއްޒަތުގެ ކެރިއަރެއް ނޫނެވެ. ނަފުރަތާއި ފުރައްސާރައިގެ އިތުރުން މަސްތުވާތަކެއްޗާއި، ޕާޓީތަކުގެ ވާހަކަވެސް މަރަޑޯނާގެ ކެރިއަރުގައި ހިމެނެއެވެ.

ހަނދާންތަކަކަށް ޖެހިލަމާ ހިނގާށެވެ. 1986 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ މަރަޑޯނާގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެވެ. މިހާތަނަށް ދުނިޔޭގެ ތާރީހުގައިވެސް ކުޅުންތެރިޔަކު ވޯލްޑް ކަޕެއްގައި ދެއްކި އެންމެ ތަފާތު ކުޅުމާއެކު އެ އަހަރުގެ ޗެމްޕިއަންކަން އާޖެންޓީނާއަށް ހޯދައިދިނުމުގައި މަރަޑޯނާ ދެއްކި ކުޅުމުގެ ވާހަކަ އަދިވެސް ފަނޑުވުމެއް ނެތެވެ. މުޅި ވޯލްޑް ކަޕުގައި އާޖެންޓީނާއިން އުފެއްދި ހަމަލާތަކުގެ ދެބައިކުޅަ އެއްބައި ހަމަލާގެ މޭސްތެރިއަކީ މަރަޑޯނާއެވެ. އާޖެންޓީނާ އިން ޖެހި 14 ގޯލުގެ ތެރެއިން 10 ގޯލުގައި އޭނާ ހިއްސާ އޮތެވެ. އެއީ ފަސް ގޯލާއި ފަސް އެސިސްޓެވެ.

އެ ތަފާސްހިސާބުތަކަށް ވެސް މުހިއްމު ވާހަކައެއްވެސް އެ ވޯލްޑް ކަޕާ ގުޅިގެން އެބައޮތެވެ. ކުއާޓާ ފައިނަލުގައި އިންގްލެންޑް ކަޓުވައިލަން މަރަޑޯނާ ޖެހި ދެ ގޯލެއްގެ ވާހަކައެކެވެ. އޭގެ ތެރެއިން އެއް ގޯލަކީ ބޮލުން ޖަހަން އަރައި، އަތުން ޖެހި ގޯލެކެވެ. އަނެއް ގޯލަކީ މިދިޔަ 100 އަހަރުގެ އެންމެ މޮޅު ގޯލެވެ. އިންގްލެންޑް ޓީމުގެ އެތައް ކުޅުންތެރިންނެއް ކައިރިން ނައްޓައި ގޯލްކީޕަރުވެސް ނައްޓާލުމަށްފަހު މަރަޑޯނާގެ ޖާދޫ ފުރިހަމަވި ގޯލެވެ.

ކޮންމެއަކަސް ސަމާލުކަން ބޮޑުވީ އަތުން ޖެހި ގޯލަށެވެ. ދުނިޔެ ހައިރާން ކަމާއެކު އެ ގޯލަށް ބަލައި، އަދިވެސް ފޫހިނުވެއެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަށް، އޭނާއަށް ވުރެ އިސްކޮޅުން ދިގު އިންގްލެންޑުގެ ގޯލްކީޕަރު ޕީޓާ ޝިލްޓަން އަށްވުރެ މައްޗަށް ފުންމައިގެން އަރައި، އަތުންނެވެ. އޭނާ ބޯޅައިގައި ޖެހި ވަގުތު ބޮލަށް ގެނައި ހަރަކާތާ އެކު ގިނަ ބަޔެއްގެ ލޮލަށް އޮޅުވައިލެވުނެވެ. ރެފްރީއަށްވެސް ވީ ނުވީއެއް ނޭނގި މަރަޑޯނާ ހެދި މަކަރުގައި ޖެހެން މަޖުބޫރުވީއެވެ. އެ ރެފްރީއަކީ ތުރުކީގެ އަލީ ބިން ނަސެރެވެ. މިހާރު އޭނާގެ އުމުރުން 76 އަހަރެވެ.

ނަސެރުގެ ހަނދާންތައް އާކުރަން އޭނާ ފެށީ ދެވަނަ ގޯލަށް މަރަޑޯނާ ދެއްކި ހުނަރުވެރިކަމާ ހަމައިންނެވެ. 2015 ވަނަ އަހަރު މަރަޑޯނާއާ ބައްދަލުވެ، ދީފައިވާ ޖާޒީއާއެކު ބީބީސީއަށް ނަސެރު އާކޮށްދިން ހަނދާންތަކުގައި އޭނާ ބުނެފައިވާ ގޮތުގައި އިންގްލެންޑް ކޮޅަށް މަރަޑޯނާ ޖެހި ދެވަނަ ގޯލަކީ ތާރީހީ ގޯލެކެވެ. އެ ގޯލް ޖެހިއިރު ރެފްރީއަށް ހުރެވުމަކީ ލިބުނު ޝަރަފެއް ކަމަށް އޭނާ ދެކެއެވެ. ނަސެރުގެ ފަރާތުން އަޑުއަހަން ބޭނުންވަނީ އެ ގޯލުގެ ވާހަކައެއް ނޫނެވެ. އަތުން ޖެހި ގޯލުގެ ވާހަކައެވެ. ރެފްރީގެ އެ ގޯހަކީ މަރަޑޯނާގެ ކެރިއަރުގެ މުޅިން އާ ބާބެކެވެ.

"އަހަރެން ހަނދާން އެބަހުރި ވަރަށް ރަނގަޅަށް. އެއީ ކެރިއަރުގައި ހަނދާން ނުނެތޭނެ ދުވަހެއް. އިންގްލެންޑް ޑިފެންޑަރު ބައިކޮޅަށް ފޮނުވާލި ބޯޅައެއް އެއީ. މަރަޑޯނާއާއި ގޯލްކީޕަރު ޝިލްޓަން ފުއްމައިގެން އެރިއިރު ދެ ކުޅުންތެރިންވެސް އޮތީ އަހަންނަށް ފުރަގަސް ޖެހިފައި. ލައިންސްމަކަށް ހުރި ބަލްގޭރިއާގެ ބޮގްޑާން ޑޮޝޭވްއަށް ކުރިމަތިވާ ގޮތަށް މަރަޑޯނާ އަތުން ޖެހީ. އަހަންނަށް ކޮންމެވެސް ވަރަކަށް ޝައްކުވެގެން ލައިންސްމަނަށް ބަލައިލެވުނު، އޭރު އޭނާ ގޯލެއް ކަމަށް ޔަގީންކޮށް މެދު ރޮނގަށް ދުއްވައިގެންފި،" 115،000 ސަޕޯޓަރުން ކުރިމަތީގައި މަރަޑޯނާ އަތުން ޖެހި ގޯލުގެ ވާހަކަ ނަސެރު ކިޔައިދިނެވެ.

އެ މެޗުގެ ލައިސްމަންކަން ކުރި ޑޮޝޭވް 2017 ވަނަ އަހަރު އުމުރުން 80 އަހަރުގައި ވަނީ މަރުވެފައެވެ. އޭނާ ބުނެފައިވަނީ އޭރު ފީފާއިން ގަބޫލުކުރާ ގޮތުގައި ރެފްރީގެ ނިންމުމަކަށް ލައިންސްމަނަކަށް ބަހެއް ނުކިޔޭނެ ކަމަށެވެ. އަދި ޔޫރަޕްގެ ރެފްރީއެއް މެޗުގައި ހުރި ނަމަ އެ ގޯލު ބާތިލުވާނެ ކަމަށްވެސް ޑޮޝޭވް ބުނެފައިވެއެވެ.

ނަސެރު ބުނީ މެޗުގައި އިންގްލެންޑް ކުޅުންތެރިން ދެއްކި ޑިސިޕްލިން ބަލައިގަންނަ ކަމަށާއި އެ މެޗުގައި ފެނުނީ ތަފާތު މަންޒަރެއް ކަމަށެވެ.

"އިންގްލެންޑް ކުޅުންތެރިން ދެއްކި ސްޕޯޓްސްމަންޝިޕަށް ތައުރީފު ހައްގު. ގެރީ ލިނެކާ އައިސް ބުނި ހަނދާންވޭ ރެފްރީއޭ އެއީ ހޭންޑް ބޯޅައެކޭ. އަހަންނަށް ބުނެވުނީ ކުޅުމައިގެން ކުރިއަށްދާނެ. އަހަންނަށް އެއީ ފީފާގެ ގަވާއިދުން 100 ގޯލެއް އެ ވަގުތު. އެ މެޗުގައި ލިނެކާ ގޯލަށް ޖަހައި 2-1 އަށް ނަތީޖާ ބަދަލުކޮށްލުމަށްފަހު ދެން ލިބުނު ފުރުސަތުގައި އިންގްލެންޑުން އެއްވަރު ނުކުރުމުން އަހަންނަށް ކުރެވުނީ ތަފާތު އިހުސާސެއް. ހިތުގެ އަޑިން ބޭނުންވި އެއްވަރުކުރަން. އެއީ އަހަންނަށް ހެދުނު ގޯސް ފޫބައްދައިލަން ބޭނުންވެފައި ހުރިވަރުން،" ނަސެރު ކިޔައިދީފައިވެއެވެ.

2015 ވަނަ އަހަރު މަރަޑޯނާ ތުރުކީއަށް ދިޔަ ދަތުރެއްގައި ނަސެރުގެ ގެއަށް ގޮސް، ސޮއިކޮށްފައިވާ ޖާޒީއެއް ދީފައިވެއެވެ. މަރަޑޯނާ ނެސެރު ކައިރީގައި ބުނެފައިވަނީ އެދުވަހު ހުރި ރެފްރީގެ ސަބަބުން އޭނާއަށް 100 އަހަރުގެ އެންމެ މޮޅު ގޯލް ޖަހަން ފުރުސަތު ލިބުނު ވާހަކައެވެ. ނަސެރު އެދުވަހު މަރަޑޯނާ ގާތު ބުނި އެންމެ ބޮޑު ވާހަކައަކީ 1986 ވަނަ އަހަރު ވޯލްޑް ކަޕް ނެގީ އާޖެންޓީނާއިން ނޫން ކަމާއި މަރަޑޯނާ ކަމެވެ.

ނަސެރުގެ އެ ވާހަކައަކަށް ދެބަސްވެވޭކަށް ވެސް ނެތެވެ. 1986ގެ ވޯލްޑް ކަޕަކީ މަރަޑޯނާގެ ވޯލްޑް ކަޕެކެވެ. މަރަޑޯނާގެ ލެގަސީ އަބަދަށް ދެމިގެންދާނެއެވެ.