ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް މިޝަން ފޯ މައިގްރެންޓް ވޯކާސް (އެމްއެމްޑަބްލިޔުއެމް)ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފިއެވެ.
މިމަހުގެ 23 ވަނަ ދުވަހު ރަޖިސްޓަރީކުރި މި ޖަމިއްޔާއަކީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށް އުފެއްދި ފުރަތަމަ ޖަމިއްޔާއެވެ. އެގޮތުން ބިދޭސީންނަށް އެކި ކަންކަމުގައި އިންސާފު ހޯދައިދިނުމާއި، ބިދޭސީންނަށް ކުރާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަކީ މި ޖަމިއްޔާގެ މަގުސަދެކެވެ.
އެމްއެމްޑަބްލިޔުއެމް އުފެއްދީ ޑރ. މިނާހް ފާއިޒް ރަޝާދާއި އޭޑީކޭގައި މެޑިކަލް އޮފިސަރެއްގެ މަގާމު އަދާކުރައްވަމުން އަންނަ ޑރ. އަދީލް ޝަރީފުގެ އިތުރުން އުސްތާޒް ނަވައިލާ ނާޝިދެވެ.
ޑރ. މިނާހް ފާއިޒަކީ މީގެ ކުރިން އޭޑީކޭ ހޮސްޕިޓަލުގައި މެޑިކަލް އޮފިސަރެއްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ޔުނިވާސިޓީ އޮފް އޮކްފޯޑުން އިންޓަނޭޝަނަލް ހެލްތު އެންޑް ޓްރޮޕިކަލް މެޑިސިންއިން މާސްޓާސް ހާސިލުކުރައްވައިފައެވެ.
އުސްތާޒް ނަވައިލާ ނާޝިދަކީ އޭޑީކޭ ގްރޫޕުގެ ޑިރެކްޓަރެކެވެ. އަދި އޭނާއަކީ ގާނޫނީ ދާއިރާގައި ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. ނަވައިލާ ވަނީ ޔުނިވާސިޓީ އޮފް ސުސެސްއިން ލޯ އިން ޑިގްރީ ހާސިލުކުރައްވައިފައެވެ.
ޑރ. އަދީލް ޝަރީފަކީ ރާއްޖެ އަންނަ ބިދޭސީ މަސައްކަތްތެރިންނަށް ކުރިމަތިވާ ސިއްހީ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް މަސައްކަތްކުރައްވަމުން އަންނަ ބޭފުޅެކެވެ. އަދި މުޖުތަމައާ ގުޅުންހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯދުމަށްވެސް އޭނާ މަސައްކަތް ކުރައްވައެވެ.
އެމްއެމްޑަބްލިޔުއެމް އިން މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެ ޖަމިއްޔާގެ އެކްޒެކެޓިވް ކޮމިޓީ އިންތިހާބުކުރުމުގެ މަސައްކަތެވެ. ބިދޭސީންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަކީވެސް އެ ޖަމިއްޔާގެ އަމާޒެކެވެ.
އދ. އިން މިއަހަރު ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން އެންމެ ގިނަ ބިދޭސީން ދިރިއުޅެނީ ރާއްޖޭގައެވެ. އަދި އޭގެ ތެރެއިން 60،000 މީހުންނަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު