ޚަބަރު

ރައީސް ސޯލިހު ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޅ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހު ޅ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި އިއްޔެ ވަނީ ޅ. މާފިލާފުއްޓަށް ވަޑައިގަންނަވައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައޮފައެވެ.

ރައީސް އޮފީހުން ބުނީ އެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަމުން، ސިފައިންގެ ހުވަޔަކީ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާ ކަމަށާއި އެއީ މާތްވެގެންވާ އިސްލާމްދީނުގެ ސައްހަ އަގީދާއާއި، ގާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގަލެއް ކަމުގައި ވިދާޅުވެފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތު ނިންމަވައިލެއްވުމަށްފަހު ރައީސް ވަނީ ސިފައިންގެ ކޮންޕޯސިޓް ޓްރެއިނިން ސެންޓަރަށް ޒިޔާރާތްކުރައްވައި އެމްއެންޑީއެފްގެ އެޑިއުކޭޝަން ކޮމާންޑުގެ ދަށުން ގާއިމުކޮށްފައިވާ ދަ ބޭސިކް ސްކޫލް (ޓީބީއެސް) ހުޅުއްވައިދެއްވައިފައެވެ. އަދި އެމަނިކުފާނު ވަނީ މާފިލާފުށީގެ މުހިންމު ތަންތަނަށް ވެސް ޒިޔާރަތްކުރައްވައިފައެވެ.

މި ދަތުރުފުޅުގައި މާފިލާފުށިން ރައީސް ވަޑައިގެންނެވީ ޅ. ފެލިވަރަށެވެ. އެ ރަށަށް ޒިޔާރަތްކުރައްވައި އެމަނިކުފާނު ވަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތަކާއި، އެތަނުގައި ބިނާކުރާ އާ ކޯލްޑް ސްޓޯރޭޖް ބިނާކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ބައްލަވައިލައްވައިފައެވެ. މީގެ އިތުރުން އެ ރަށުގައި އެވަގުތު ތިބި ބައެއް މަސްވެރިންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ރައީސް އަޑުއައްސަވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.