ޚަބަރު

އުރީދޫން ވިއްކާ މޯބައިލް ފޯނާއި އެހެނިހެން ތަކެތި އެމްއައިބީ މެދުވެރިކޮށް އިންސްޓޯލްމަންޓަށް ދޫކުރަނީ

އުރީދޫ މޯލްޑިވްސް އިން ވިއްކާ މޯބައިލް ފޯނާއި އެހެނިހެން ތަކެތި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް އިންސްޓޯލްމަންޓަށް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

އުރީދޫން ބުނީ އުރީދޫ މޯލްޑިވްސް އިން ލިބެން ހުންނަ މޯބައިލް ފޯނު އަދި އެކްސެސަރީތައް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އުޖާލާ ދިރިއުޅުން (ޔޫޑޭ) ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް އިންސްޓޯލްމެންޓަށް ބަލައިގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ޕާޓްނާޝިޕްގެ ދަށުން އެމްއައިބީ ޔޫޑީ ފެސިލިޓީ ގެންގުޅޭ ކޮންމެ މީހަކަށްވެސް އުރީދޫން ލިބެންހުރި ކޮންމެ ޑިވައިސްއެއް ވެސް އިންސްޓޯލްމެންޓަށް ބަލައިގަނެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

"އީޖާދީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތަކާއެކު އެންމެ ފަހުގެ ޑިޖިޓަލް ޑިވައިސްތަކުގެ ބޭނުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން. އެހެންކަމުން މި ޕާޓްނާޝިޕްގެ ދަށުން އަޅުގަނޑުމެން މާކެޓުކުރާ ފޯނުތަކާއި ޑިވައިސްތައް، މާކެޓުގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި އިންސްޓޯލްމެންޓް ޕްލޭނެއްގެ ދަށުން ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫ މޯލްޑިވްސްގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫން ކަސްޓަމަރުންނަށް އެންމެ ފަހުގެ ލޯ އެންޑް، މިޑް ރޭންޖް އަދި ހައި އެންޑް ފޯނުތައް އަދި އެކްސެސަރީ، މާކެޓުގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދެއެވެ. ޑިވައިސްތައް ގަންނަ އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކުގެ ދަށުން ލިބޭ ހިލޭ ޑޭޓާ ފަދަ ފައިދާތައް އެމްއައިބީ ޔޫޑީ ފެސިލިޓީގެ ދަށުން ބަލައިގަންނަ ކަސްޓަމަރުންނަށްވެސް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ އެހެނިހެން ނެޓްވޯކުތަކުގެ ކަސްޓަމަރުންނަށްވެސް އެމްއައިބީ ޕޭމަންޓް ޕްލޭންގެ ދަށުން އުރީދޫ މެދުވެރިކޮށް ބޭނުންވާ ޑިވައިސްއެއް ހެޔޮ އަގުގައި ބަލައިގަތުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށެވެ. އަދި އިންސްޓޯލްމެންޓް ޕްލޭން ކަނޑައެޅިގެންދާނީ ކޮންމެ ކަސްޓަމަރެއްގެ އެވެއިލަބަލް ލިމިޓަށް އެކަށޭނަ ގޮތަށް އެމްއައިބީން އެޕްރޫވް ކުރެވިގެން ކަމަށް އުރީދޫން ބުނެއެވެ.

މާލެ އަދި ހުޅުމާލެ އުރީދޫ ޝޮޕަށް ޒިޔާރަތްކޮށްގެން ފޯނާއި އެކްސެސަރީ އަދި ޑިވައިސް އެމްއައިބީ ޔޫޑީ ފެސިލިޓީ މެދުވެރިކޮށް މިހާރު ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.