ރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާއެއް ގާއިމުކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މުސްލިމް ވޯލްޑް ލީގުގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްްމަދު ބިން އަބްދުލްކަރީމް އަލް އީސާއާ މިއަދު މަޝްވަރާކުރައްވައިފިއެވެ.

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖެއާއި މުސްލިމް ވޯލްޑް ލީގާ ދެމެދު ފާއިތުވި އަހަރުތަކުގައި އޮތް ގާތް ބަދަހި ގުޅުމާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވިއެވެ. އަދި ކިންގް ސަލްމާން މިސްކިތުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ދެ ހަރަމްގެ ހާދިމް، ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ ދީލަތި އެހީފުޅާއެކު ކުރިއަށްދާ މި މަސައްކަތް ނިމުމުން އެ މިސްކިތް ވެގެންދާނީ ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތަށް ކަމަށާއި އެ މިސްކިތް ވެގެންދާނީ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް އަހުވަންތަކަމުގެ ގުޅުމުގެ ރަމްޒަކަށް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި މުސްލިމް ވޯލްޑް ލީގުގެ އޮފީހެއް ހުޅުވުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާއެއް ރާއްޖޭގައި ގާއިމުކުރުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ އިސްލާމް ދީނުގެ ދައުވަތު ފުޅާކޮށް، ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން އައިސްފައިވާ އިސްލާމްދީނުގެ ހަމަތައް އުނގަންނައިދިނުމަށް މުސްލިމް ވޯލްޑް ލީގުން ކުރަމުން އަންނަ މަސައްކަތުގައި ސެކްރެޓަރީ ޖެނެރަލް ކުރައްވާ މިންނެތް ބުރަ މަސައްކަތް ފާހަގަކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދުގެ އަރިހުގައި ރާއްޖެއިން ސައޫދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލު ބައިވެރިވެވަޑައިގަތެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރިޔާޒްގައި ޓްރާންސިޓް ކުރައްވާފައި މިވަނީ މާދަމާ ފެށޭ އޯއައިސީ ހާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ނިޖާ އަށް ވަޑައިގަތުމުގެ މަގުމަތީގައެވެ.