ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މެންދުރުފަހު ޅ. ފެލިވަރަށް ޒިޔާރަތްކުރައްވައި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އެކި ސަރަހައްދުތައް ބައްލަވައިލައްވައިފިއެވެ.
ރައީސް ސޯލިހު ފެލިވަރަށް ވަޑައިގެންނެވީ، ފާދިއްޕޮޅަށް މިއަދު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މި ޒިޔާރަތުގައި ރައީސް ވަނީ މަސްވެރިންގެ މެރީނާގައި ބަހައްޓާފައިވާ 4000 މެގަޓަނުގެ އާ ކޯލްޑް ސްޓޯރޭޖުގެ ފަރުމާ ބައްލަވައިލައްވައިފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ކޯލްޑް ސްޓޯރޭޖް އެޅުމަށް ބިން ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި، އެތަން ވެސް ބައްލަވައިލައްވައިފައެވެ.
މީގެ އިތުރުން ރައީސް ވަނީ ފެލިވަރުގައި މިހާރު މަސްގަނެ ރައްކާކުރުމަށް ބޭނުންކުރާ ކޯލްޑް ސްޓޯރޭޖުގެ ހާލަތު ބައްލަވާލައްވައި، މަސް ބަންދުކުރާ ކާރުހާނާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލައްވައިފައެވެ. މިހާރު ބޭނުންކުރާ ކޯލްޑް ސްޓޯރޭޖް ހުރި އިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެފައިވާ ކަމަށާއި އެ ސްޓޯރޭޖުގެ އައިސް އުފައްދާ މިންވަރަކީ މިހާރަށް އެންމެ އެކަށީގެންވާ މިންވަރެއް ނޫން ކަމުން އިތުރަށް އައިސް އުފެއްދުމަށް ކޯލްޑް ސްޓޯރޭޖުގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ފެލިވަރަށް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެވަގުތު ފެލިވަރު ފަޅުގައި އޮތް މަސްދޯންޏަކަށް އަރައިވަޑައިގެން ދޯނީގައި ތިބި މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަށް އޮޅުންފިލުއްވައިފައެވެ. އެގޮތުން މަސްވެރިން ވަނީ އައިސް ލިބުމުގައި ހުރި ދަތިތަކާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާކަން ހާމަކުރައްވައި އެ މައްސަލަތައް ހައްލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހު ފެލިވަރަށް ޒިޔާރަތްކުރެއްވުމުގެ ކުރިން ޅ. މާފިލާފުއްޓަށް ޒިޔާރަތްކުރައްވައި ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ މާފިލާފުށީގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެޑިއުކޭޝަން ކޮމާންޑްގެ ދަށުން ގާއިމުކޮށްފައިވާ ދަ ބޭސިކް ސްކޫލް (ޓީބީއެސް) ހުޅުއްވައިދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު