ކުރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އއ. ފެރިދޫ، ސިޔާމާ މަންޒިލް، އަހުމަދު ޝަކީލު އައްޔަންކޮށްފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އަހުމަދު ޝަކީލު އައްޔަން ކުރީ، އެކަމަށްޓަކައި އެ ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ފަރާތްތަކާއި، ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީން އިންޓަވިއު ކުރުމަށްފަހު ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުގެމަތިން ކަމަށެވެ.
ކުރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އަހުމަދު ޝަކީލު އައްޔަން ކުރެއްވުމަށްފަހު، އެކަމުގެ ފަތްކޮޅު ޝަކީލަށް އެރުވީ އެކަމަށްޓަކައި ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް ހިސާން ހުސެއިންއެވެ.
ކުރިމިނަލް ކޯޓުގެ އިސް ގާޒީކަމުގެ މަގާމަށް އައްޔަންކުރެއްވި ޝަކީލް ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އަދި ޝަރީއާއިން މާސްޓާސް ހާސިލުކުރައްވައިފައެވެ.
މީގެ އިތުރުން ޝަކީލަކީ ފަނޑިޔާރު ކަމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ކުރިން މަސައްކަތް ކުރެއްވި ކޯޓުތަކުގެ ތެރޭގައި ޖުވެނައިލް ކޯޓާއި ސިވިލް ކޯޓާއި ފެމިލީ ކޯޓު އަދި ކްރިމިނަލް ކޯޓު ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު