އިސްލާމީ ތާރީޚު

ޔޫސުފު ބިން ތާޝްފީން 18

އަބްދުﷲ ފާރޫގް ހަސަން

(23 ނޮވެމްބަރުގެ އަދަދާ ގުޅޭ)

"އެކަންވީގޮތަކީ މީގެ ދެހަފްތާ ކުރީން އަޅުގަނޑަށް މިނުބައި ރޭވުމުގެ ޚަބަރު ލިބިއްޖެ. ޤުރުޠުބާގައި އޮތް معـتـمـد ގެ ސަރުކާރު ވައްޓައިލަން ރޭވި މީހުންގެ ޤަޞްދު ނުބައެއް ނޫން. ނަމަވެސް މަޑުމަޑުންގޮސް މުނާފިޤުންނާއި ވެރިކަމާހުރެ ނިވައްތައިގެންފައި ތިބިމީހުންގެ ބައިގަނޑެއް އެޖަމާޢަތާ ގުޅިއްޖެ. އަޅުގަނޑާ އެއްކުލާހުގެ ކުއްޖެއްގެ ބޭބެއެއްގެ ކާވެނި ޕާޓީއެއް ބޭއްވި ރެއެއް. އެރޭ އަޅުގަނޑުވެސް ދަޢުވަތުގައި ބައިވެރިވީން. އެ ޕާޓީގައި ވަރަށްގިނައިރުވި. އަޅުގަނޑުގެ މާބެވެސް އެ ޙަފުލާއަށް ވަޑައިގެންނެވި. އޭނާ އަޅުގަނޑުގާތު ވިދާޅުވި." "މިހާރު ވަރަށް ދަންވެއްޖެ. ދަރިފުޅު މިރޭ މާބެގެ ގޭގައި މަޑުކޮށްލާ! ގެއަށްދާނީ މާދަމާ ހެނދުނު." މާބެ އެހެން ވިދާޅުވިކަމުގައިވިޔަސް ގެއަށް ނުގޮސް ހުންނާކަށް އަޅުގަނޑު ހިތްހަމައެއް ނުޖެހުނު. ރޭދެބައިވިފަހުން އަޅުގަނޑު ގެއަށްދާން އަސްމަތީގައި ނުކުމެއްޖައިން. ވާދިލްކަބީރުގެ ފާލަން ހުރަސްކޮށްފައި ބައިމޭލެއްހައި ތަނަށް ދެވުނު ތަނާ އަޅުގަނޑަށް އަސްތަކެއްގެ ފިޔަވަޅުގެ އަޑު އިވިއްޖެ. އަޅުގަނޑު އަސް އެއްފަރާތަކަށް ޖައްސައިލައިފިން. ވަރަށް ބާރަށް ދުއްވައިފައި އައި ބައްގީއެއް އަޅުގަނޑު ފަސްދީ ކުރިޔަށް ހިނގައްޖެ. ބައްގީ ދިޔަތާ މާގިނައިރެއްނުވެ އަޅުގަނޑަށް އެހެން އަސްތަކެއްގެ ފިޔަވަޅުގެ އަޑު އިވިއްޖެ. އަނެއްކާވެސް އަޅުގަނޑުގެ އަސް މަގުމަތީން އެއްފަރާތަކަށް ޖައްސަން ޖެހިއްޖެ. އިޝްބީލިއްޔާގެ އަމީރުންގެ ބައްގީކޮޅުތަކާއެކު އާދަވެގެންވެސް އަސްވާރުން ތިބޭ. އާދައިގެ ބާރުމިނެއްގައި ބައްގީ ދުއްވެވުމަކީވެސް އެބޭފުޅުންގެ ޝަރަފާ ޚިލާފު ކަމެއް. އެހެންކަމުން އަސްވާރުން ދިޔައީ ބައްގީ ފަހައިކަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވުނު. ނަމަވެސް މޭލެއްހައިތަނަށް ދަތުރު ކުރެއްވުނުތަނާ ރަށާވީ ދިމާއިން ސަވާރުންގެ ބަޔަކު އަންނާތީ އަޅުގަނޑަށް ފެނިއްޖެ. އެމީހުންގެ އަދަދު އެނގުމުން އެއީ އިރުކޮޅެއްގެ ކުރީން ބައްގީގެ ފަހަތުންދިޔަ ސަވާރުން ކަމާމެދު އަޅުގަނޑުގެ ހިތުގައި ޝައްކު އުފެދިއްޖެ. މަޞްލަޙަތަށްޓަކައި އަޅުގަނޑު އެއްފަރާތަކަށް އަރައި ގަސްތަކުގެ ތެރޭގައި ފިލައިފިން. ސަވާރުން އައިސް އަޅުގަނޑު ހުރިތަނާ އަރާ ހަމަވި ވަގުތު އެކަކު ބުނި އަޑުއިވުނު. "ދެން އަހަރެމެންވީ މިމަގު ދޫކޮށްލައިފައި އެކިފަރާތްފަރާތަށް ވިއްސިވިހާލިވެގަންނަން."

އެބައިމީހުން ފަސްދިނުމުން އަޅުގަނޑު އަނެއްކާވެސް މަގަށް ނިކުމެ އަހުގެ ދުވެލި ބާރުކޮށްލައިފިން. ތަންކޮޅަކަށް ދެވުނުތަނާ މަގުކައިރީގައި އޮތް އަޑިތަނަކަށް ބައްގީއެއް ވެއްޓިފައި އޮއްވައި ފެނިއްޖެ. އަޅުގަނޑު ކައިރިއަށްގޮސް ބަލައިލިއިރު ބައްގީގެ ކައިރީގައި ދެމީހެއްގެ ހަށިގަނޑު އޮތް. ކުއްލިއަކަށް ބައްގީގެ ތެރެއިން މީހަކު ކުކުރާ އަޑު އިވިއްޖެ. އަޅުގަނޑު ވަރަށް އުނދަގުލުން އެމީހަކު ބޭރަށް ނެރެފިން. އޭނާ އޮތީ ވަރަށް ބޮޑަށް ޒަޚަމުވެފައި. އަނދިރީގެ ތެރޭގައި އަޅުގަނޑަކަށް އެމީހަކު އޮޅުމެއްނުފިލި. އޭނާ ހޭއެރުމާއެކު އަޅުގަނޑާ ސުވާލުކޮށްފި. "ތިޔައީ ކާކު؟"

އަޅުގަނޑު އޭނާގެ ހިތްހަމަޖައްސައިދިނިން. އަޅުގަނޑަކީ އޭނާއަށް އެހީވާ މީހެއްކަމުގައި ބުނެފިން. އޭނާ ބުނި. "އަހަރެން މިހާރަކު އެއްވެސް މީހެއްގެ އެހީއެއް ބޭނުމެއް ނޫން. ނަމަވެސް ކަލޭ ބޭނުންކަމުގައިވާނަމަ ޤުރުޠުބާ ހަލާކުން ސަލާމަތްކުރެވިދާނެ. އަހަރެން ކަލެއަށް ބައެއްގެ ނަންތައް ކިޔައިދޭނަން. ކަލޭ ވަރަށް އަވަހަށް ސަރުކާރުގެ މަސްއޫލުވެރިޔަކާ ބައްދަލުކުރޭ. އެންމެރަނގަޅުވާނީ ގަވަރުނަރާ ބައްދަލުކުރެވޭތޯ އުޅުން. އޭނާއަކީ ބޮޑު މޮޔައެއް. އެކަމަކު އޭނާގެ ފުރާނަފުޅަށް ބިރުން ފަހަރެއްގައި ޤުރުޠުބާ ސަލާމަތްކުރައްވާން އުޅުއްވައިފާނެ."

ވަރުފުޅު ދެރަކަމާއެކުވެސް އޭނާގެ އަޑުފުޅު އަޅުގަނޑުގެ ކަންފަތަކަށް ބީރައްޓެއްސެއް ނުވި. އަޅުގަނޑު އޭނާގެ ވާހަކަފުޅު މެދުކަނޑުވައިލައިފައި ދެންނެވިން. "އަޅުގަނޑަށް ހީވަނީ ކަލާއަކީ عبـدالـرّحـمن ހެން. އަޅުގަނޑު ކަލާގެ ގެއަށް ކަލާ ގެންގޮސްދީފާނަން."

އޭނާ ވިދާޅުވިއެވެ. "ނޫން! އަހަރެންގެ ވަގުތު އައިސް ޖެހިއްޖެ!"

އަޅުގަނޑު އެކަމާ މާބޮޑަށް ބާރުއެޅުމުން އޭނާ އަޅުގަނޑުގެ އަތުގައި ހިއްޕަވައިފައި މޭފުޅާ ކައިރިކުރައްވަމުން ވިދާޅުވި. "ނިކަން މިދިމާއަށް ބަލައިލަބަލަ! އަހަރެން ދިރިމިއޮތީ މަދު ނޭވާކޮޅަކަށްޓަކައި. އަހަރެން މަރުވުމުގެ ކުރީން ކޮންމެވެސް މީހަކަށް މިވާހަކަތައް ކިޔައިދޭން ބޭނުން."

އޭނާގެ މޭފުޅަށް މުށްގަނޑާ ޖެހެންދެން ޚަންޖަރެއް ހަރައިލައިފައި ހުއްޓެވެ. އަޅުގަނޑު ދެންނެވިން. "ކަލާއަށް ހިތްޕުޅު ހަމަޖެހުމެއް ލިބިވަޑައިގަންނަވާނެންޏާ އަޅުގަނޑު ކަލާގެ ވަޞިއްޔަތަށް ޢަމަލުކުރާން ވަޢުދުވަން."

އެއަށްފަހު އަޅުގަނޑަށް ވިދާޅުވެދެއްވި. ހާދިސާއަކީ އަޅުގަނޑުގެ މައްސަލައިގެ އަސްލު. އޭނާއަކީ ޤުރުޠުބާގެ ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރާން އުޅުނު ޖަމާޢަތުގެ މެމްބަރެއް. އެރޭ އޭނާ ބާޣީންގެ ސިއްރު ޖަމާޢަތުގެ ބައްދަލުވުމަކަށް ގެންދެވުނު. އެ ޖަލްސާއިން އޭނާއަށް އެނގިވަޑައިގަތީ އެ ޖަމާޢަތުގެ މެމްބަރުން އިބްނު ޢަކާޝާ މެދުވެރިކޮށް ذوالـنّــون ގުޅަމުން ގެންދާކަން. އިބްނު ޢަކާޝާވެސް ވިޔަފާރިވެރިއެއްގެ ހެދުމުގައި އެޖަލްސާގައި ބައިވެރިވި. ބާޣީ ޖަމާޢަތުގެ ގިނަ މެމްބަރުން އެބައްދަލުވުމުގެ ކުރީން ވަނީ އިބްނު ޢަކާޝާއަކީ އެމީހުން ވެރިޔާކަމަށް ގަބޫލުކޮށްފައި. ހާޒިރުވެތިބި މީހުން އެކަކަށްފަހު އަނެކަކު އިބްނު ޢަކާޝާއަށް ވަފާތެރިވާން ހުވާކުރަމުން ގެންދާން ފެށުމުން عبـدالـرّحـمن އެބައިމީހުންނަށް މަލާމާތްކުރެއްވި. އޭނާ ވިދާޅުވިއެވެ. "ތިޔަބައިމީހުން މަގުފޭރޭ މީހަކު ތިޔަބައިމީހުންގެ ލީޑަރަކަށް ހަދާނަމަ އަހަންނަކާ މި ޖަމާޢަތަކާ އެއްވެސް ގުޅުމެއް ނެތް." އެހެން އިތުރު ދެބޭފުޅަކުވެސް عبـدالـرّحـمن އާ ބައިވެރިވެވަޑައިގެންނެވި. އެތިން ބޭފުޅުންނާމެދު ބެލެވުނީ ޖަމާޢަތަށް ޚިޔާނަތްތެރިވެވަޑައިގެންނެވި ކުށްވެރީން ކަމުގައި. އެބޭފުޅުން ކޯފާވެގެން މަޖިލީހުން ނުކުމެވަޑައިގެންނެވިއިރު އިބްނު ޢަކާޝާގެ އިޝާރާތެއްގެ އިންތިޒާރުގައި ނުލަފާ ޖަމާޢަތެއް ބޭރުގައި އޮތް. އެމީހުން އެ ތިންބޭފުޅުންނާ ދިމާކޮށްލި. އެވަގުތު ދެ ޒުވާނުން ކަނޑި ދަމައިގަނެގެން އެމީހުންނާ ދިމާކޮށްލި. عبـدالـرّحـمن އަށް އަނދިރީގެ ތެރޭގައި ބޭރަށް ނުކުމެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންނެވި. އޭރު މަގުމަތީގައި އޭނާގެ ބައްގީ އޮތް. އޭނާ ދުވެވަޑައިގެންފައި ވަޑައިގެން އަރައިވަޑައިގަތީ ބައްގީއަށް. އިބްނު ޢަކާޝާގެ އެކުވެރީން އަސްމައްޗަށް ސަވާރުވެގެން އޭނާގެ ފަހަތްޕުޅުން އަސް ދުއްވައިލިއިރު ބައްގީ އެކަށީގެންވާ ވަރަކަށް ދުރަށް ހިނގައްޖެ. ނަމަވެސް އައްޒަހުރާއާ ތަންކޮޅެއް ދުރުން އެ އަސްވާރުން ބައްގީ ވަށައިލައިފި. عبـدالـرّحـمن ގެ ބައްގީ ދުއްވާ މީހާއާއި އޭނާގެ ނޯކަރު ޤަތުލުކޮށްލުމަށްފަހު عبـدالـرّحـمن ވެސް ޒަޚަމުކޮށްލި. އެމީހުން عبـدالـرّحـمن ދޫކޮށްލީ އޭނާ އަވަހާރަވީ ކަމުގައި ބަލައިފައި.

އެ ހާދިސާގެ ވާހަކަ އަޑުއެހުމަށްފަހު އަޅުގަނޑު ދެންނެވިން. "ޤުރުޠުބާގެ ސަރުކާރަށް ތިޔަ ޚަބަރު ދެއްވަން ކަލާ ބޭނުންފުޅުނަމަ އަޅުގަނޑު މިހިރީ އެކަމަށް ތައްޔާރަށް. އެކަމަކު އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ ކަލާގެ ގެއަށް ކަލާ ގެންދިޔުން." ނަމަވެސް އޭނާ ވިދާޅުވި. "އެކަމަކު އެންމެފުރަތަމަ ކަލޭ އެމީހުންގެ ނަންތައް އަޑުއަހައިލާ! އެއީ އިބްނު ޢަކާޝާ އަށާއި ذوالـنّــون އަށް ޤުރުޠުބާ ވިއްކައިލާން އުޅޭމީހުން. އެބައިމީހުންނަށް އެމީހުންގެ މަޤުޞަދުގައި ކާމިޔާބުވެއްޖެނަމަ... ހަނދާންކުރާތި! ޤުރުޠުބާ ބަދަލުވެގެންދާނީ މިނިކާވަގުގެ ޝިކާރަ ބިމަކަށް. އަހަންނަކީ بــنى عبّــاد އާ ވަރަށް ދެކޮޅު މީހެއް. އެކަމަކު އަހަރެން މަރުނުވެ ހުރެއްޖެނަމަ ޤުރުޠުބާގެ އާ ދުޝްމިނުންގެ ކިބައިން މިރަށް ސަލާމަތްކުރުމަށްޓަކައި بــنى عبّــاد ގެ ދިދައިގެ ދަށުގައި ހަނގުރާމަ ކުރުމަކީވެސް އަހަންނަށް ލިބޭ ހެޔޮ ނަސީބެއްކަމުގައި ދެކޭނަން." އެހެން ވިދާޅުވެފައި އޭނާ އަޅުގަނޑަށް ވިއްސަކަށް މީހުންގެ ނަން ވިދާޅުވެދެއްވި. އޭގެތެރޭގައި ގިނައީ ޤުރުޠުބާގެ ކުރިޔަށް ތިއްބެވި ބޮޑުން. އޭގެތެރޭގައި ސަރުކާރުގެ ވަރަށްމަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނޭ.

عبـدالـرّحـمن އަޅުގަނޑުގެ އަހަށް ލައިގެން އަޅުގަނޑު އޭނާގެ ގެއަށް ގެންގޮސްފީން. މަގުމަތީގައި ބައެއްފަހަރު އޭނާ ޚަބަރު ހުސްވާގޮތްވޭ. ބައެއް ފަހަރަށް ހޭފުޅު އަރައިގެން އަޅުގަނޑާ ވާހަކަ ދައްކަވާ. އަޅުގަނޑަށް އޭނާގެ ގެއަށް ގެންދެވުނުއިރު އެއްގޮތަކަށްވެސް ހޭފުޅެއް ނެތް. އަޅުގަނޑަށް ހީވީ عبـدالـرّحـمن އޭނާގެ ޙަޔާތްޕުޅުގެ ދަތުރު ނިންމައިލެއްވީކަމަށް. އަޅުގަނޑު އޭނާގެ މަންމައަށާއި އަނބިކަނބަލުންނަށާއި ނޯކަރުންނަށް އޭނާގެ ހާދިސާގެ ވާހަކަ ކުރުގޮތަކަށް ކިޔައިދިނިން. އެއަށްފަހު ކަރުދާސްގަނޑެއް ހޯދައިގެން އޭނާ ވިދާޅުވެދެއްވި ނަންތައް ހަނދާނުގެ މައްޗަށް ބިނާކޮށް ލިޔެފިން. އެކަމަކު ބައެއް ނަންތަކާމެދު އަޅުގަނޑުގެ ހިތުގައި ސުވާލުތަކެއް ހިނގާ. އިރުކޮޅެއްގެފަހުން އޭނާ ހޭފުޅުއަރައިފި. އަޅުގަނޑު ފެނުމާއެކު އޭނާ ވިދާޅުވި. "ކަލޭގެ ވަޢުދުގެ މަތީން ހަނދާން ނައްތައިނުލާތި! އަވަހަށް އެނަންތައް ލިޔެލާ!"

އަޅުގަނޑު ލިޔެފައިހުރި ނަންތައް އޭނާއަށް ދަންނަވައިފިން. އޭނާ ތިން ނަމެއް އިޞްލާޙުކުރެއްވި. އިތުރު އަށް ނަމެއް އަލުން ވިދާޅުވެދެއްވި. އޭނާ ސުވާލު ކުރެއްވި. "ކަލޭ ހުންނަނީ މިރަށުގައިތަ؟"

އަޅުގަނޑު ޖަވާބު ދިނިން. "އާދެ! އަޅުގަނޑުގެ ގެ މިގެއާ ވަރަށް ކައިރި. އަޅުގަނޑަކީ عبـدالجـبّـار ގެ ކުއްޖެއް."

އޭނާ ވިދާޅުވިއެވެ. "ތިޔައީ ހިތްވަރުގަދަ މާތް ބައްޕައެއްގެ ބޭފުޅެއް. މިހާރު އަޅުގަނޑު ވަރަށް ހިތްހަމަޖެހއްޖެ."

ފަތިސް ނަމާދުގެ ބަންގީގެ ކުޑައިރުކޮޅެއްގެ ކުރީން އޭނާ އަވަހާރަވެއްޖެ. އަޅުގަނޑު ގެއަށްގޮސް ޤުރުޠުބާގެ ގަވަރުނަރުގެ ނަންފުޅުގައި ވަރަށް ދިގު ސިޓީއެއް ލިޔެފިން. އެއަށްފަހު މެންދުރުވާންދެން ގަވަރުނަރުގެ ގެކޮޅުގެ ވަށައިގެން ޠަވާފު ކުރީން. ނަމަވެސް އަޅުގަނޑަކަށް ގަވަރުނަރާ ބައްދަލުވެވޭގޮތެއް ނުވި. އެހިސާބަކަށް އަޅުގަނޑަކަށް ކައިރިއެއް ނުވެވުނު. ޢަޞުރުވީފަހުން އަޅުގަނޑަށް އައްޒަހުރާގެ ޑިރެކްޓަރުގެ އަރިހަށް ދެވޭގޮތްވެއްޖެ. އޭނާ ވިދާޅުވީ އަޅުގަނޑުގެ ސިޓީ އޭނާގެ އަތްޕުޅަށް އަރުވައިފައި ޖަވާބަކަށް އިންތިޒާރު ކުރާން.

އަޅުގަނޑަށް މަޖުބޫރުވީ އަޅުގަނޑުގެ ސިޓީ އޭނާގެ އަތްޕުޅަށް އަރުވަން. އަޅުގަނޑު އޭނާގެ އަރިހުގައި ދެންނެވިން. "މިއަދު މަނިކުފާނު މިސިޓީ ގަވަރުނަރުގެ އަތްޕުޅަށް އަރުއްވައިފިނަމަ މަނިކުފާނަށް ޤުރުޠުބާ ސަލާމަތްކުރެއްވުމަކީ އެކަށީގެންވާ ކަމެއް."

"ޤުރުޠުބާގެ ފުލުހުންގެ ވެރިޔާގެ ދަރިކަލުންނަކީ އަޅުގަނޑާ އެއްކުލާހެއްގެ ބޭފުޅެއް. ހަވީރު އޭނާ އަޅުގަނޑުމެންގެ ގެއަށް ވަޑައިގެން އަޅުގަނޑު ގާތު ވިދާޅުވިއެވެ. "إدريـس! އަޅުގަނޑުގެ ބައްޕަ ވިދާޅުވީ ކަލާ ހަމަ މިހާރު އަޅުގަނޑުމެންގެ ގެއަށް ވަޑައިގަންނަވަން." އަޅުގަނޑު އޭނާގެ އަރިހުގައި ފުލުހުންގެ ވެރިޔާގެ ގެއަށް ހިނގައްޖައިން. ފުލުހުންގެ ވެރިޔާއަކީ އަޅުގަނޑުގެ ބައްޕަ ދެނެވަޑައިގަންނަވާ ބޭފުޅެއް. އަޅުގަނޑު ފެނިވަޑައިގަތުމާއެކު އޭނާ ވިދާޅުވި "إدريـس! ކަލާ ވަރަށްބޮޑު މޮޔަކަމެއް ކުރައްވައިފީމު. ކުޑައިރުކޮޅެއްގެ ކުރީން އަޅުގަނޑަށް ގަވަރުނަރުގެ އަމުރުފުޅު އަތުވެއްޖެ ކަލާ ހައްޔަރުކުރަން. ދެވަނަ އަމުރުފުޅެއް އަންނަންދެން އެހެންމީހުން ވަކީން ޖަލުގައި ބަންދުކުރަން. "ދެވަނަ އަމުރެއް އަންނާންދެން" ގެ މާނަ އެނގިވަޑައިގަންނަވާތޯ؟"

އަޅުގަނޑު ވަރަށް ކަންބޮޑުވާ ގޮތްވެފައި ދަންނަވައިފިން. "ކަލާ ސަމާސާ ކުރައްވަނީތޯ؟"

"އަޅުގަނޑު ސަމާސާ ކުރަނީއެއް ނޫން!" ދެވަނަ އަމުރެއް އަންނަންދެން" ގެ މާނައަކީ ކަލާގެ މައްޗަކަށް ޝަރިޔަތެއް ނުހިންގޭނެއޭ. ކަލާ އެއްލައިލެވޭ ކޮޓަރި ވާނީ ކަލާގެ އެއްވެސް އާދޭހެއް ބޭރަށް ނާންނާނެ ކޮޓަރިއަކަށް. ވިދާޅުވެ ބައްލަވާ! ކަލާކުރެއްވީ ކޮންކުށެއްތޯ؟"

އެސުވާލުގެ ޖަވާބުގައި އަޅުގަނޑު ހުރިހައި ވާހަކައެއް ތަފްސީލުކޮށް ދަންނަވައިފިން.

ފުލުހުންގެ ވެރިޔާ ހައިރާންވެ އަންތަރީސް ވެވަޑައިގެން އަޅުގަނޑާ ދިމާއަށް ބައްލަވާން ހުންނެވި. އިރުކޮޅެއްގެ ފަހުން އޭނާ ވިދާޅުވި. "އެންމެ ރަނގަޅު އެއީ ކޮންކޮން ބައެއްގެ ނަންތަކެއްތޯ؟"

އޭރުވެސް އަޅުގަނޑު ނަންތައް ލިޔުނު ކަރުދާސްގަނޑުގެ ނަކަލެއް އަޅުގަނޑުގެ ޖީބުގައި އޮތް. އަޅުގަނޑު އެކަރުދާސްގަނޑު ނަގައިފައި އޭގައިހުރި ހުރިހައި ނަންތަކެއް ދަންނަވައިފިން.

އޭގެތެރެއިން އެއް ނަމެއްގެ އަޑު އައްސަވައިފައި ފުލުހުންގެ ވެރިޔާ ކުއްލިއަކަށް ސިހިވަޑައިގެންދިޔަ. އޭނާ ވިދާޅުވި. "އޭ މޮޔަ إدريـس! ކަލާ ތިޔަ ފުންމައިލެއްވީ ކިނބޫ ފެންގަނޑަކަށް. ކަލާ އެބަޔަކާ ދެކޮޅަށް ތިޔަ ޝަކުވާ ކުރައްވާ މީހުންގެ ތެރޭގައި އައްޒަހުރާގެ ޑިރެކްޓަރުގެ ކޮއްކޮވެސް ހިމެނިވަޑައިގަންނަވާ. ޒަހުރާގެ ޑިރެކްޓަރު ކަލާގެ ސިޓީ ވިދާޅުވީ ކަމުގައިވާނީ! ކަލާ ހައްޔަރުކުރުމުގެ ލިޔުމުގައި ގަވަރުނަރު ލައްވައި ސޮއިކުރުވުމަކީ އޭނާއަށް ކުޑަކޮށްވެސް ދަތިފުޅުކަމެއް ނޫން. ކަލާގެ ހައްޔަރުވުން އަވަހާރަވުމަށްވުރެ މާނުބައިވާނެ. ތިޔަ ލިސްޓުގައި ދެން ތިއްބެވި ބޭފުޅުންކުރެވެސް ގިނަބޭފުޅުންނަކީ އެބޭބޭފުޅުންގެ އަތްޕުޅުގައި އޮންނަ ކުޅޭއެއްޗަކަށް ގަވަރުނަރު ވެވަޑައިގެންފައިވާ ބޭފުޅުން."

އަޅުގަނޑު ދަންނަވައިފިން. "އަޅުގަނޑަށް އެންމެ ފަހަރަކު ގަވަރުނަރުގެ އަރިހަށް ދެވޭނެގޮތް ހައްދަވައިދެއްވާ. އަޅުގަނޑަށް ޔަގީން އަޅުގަނޑަށް އޭނާގެ ވިސްނުންފުޅަށް މި މައްސަލަ ވައްދައިދެވިދާނެކަން."

"ކަލާއަކީ ވަރަށްބޮޑު މޮޔައެއް. އެބޭފުޅުން ކަލާ ގަވަރުނަރާ ހަމައަށް ވަޑައިގެންނެވިޔަދެއްވާނެހެން ކަލާއަށް ހީފުޅުވޭތޯ؟ އަދި ވަޑައިގެންނެވުނު ކަމުގައިވިޔަސް އެބޭފުޅުންނާ ދެކޮޅަށް ކަލާ ދައްކަވާ ވާހަކަފުޅު ގަވަރުނަރު އަޑުއައްސަވާނެތޯ؟ ވިސްނައިވަޑައިގަންނަވާ."

މިހާރު ކަލާގެ ކުރިފުޅުމަތީގައި އޮތީ އެންމެ ގޮތެއް. އެއީ އަވަހަށް ފިލައިވަޑައިގަތުން. ޤުރުޠުބާ ސަލާމަތްކުރައްވަން ބޭނުންފުޅުކަމުގައިވާނަމަ ސީދާ އިޝްބީލިއްޔާއަށް ވަޑައިގަންނަވާ! معـتـمـد އާ ބައްދަލުކުރައްވައި ތިޔަހުރިހައި ވާހަކަތަކެއް ވިދާޅުވެދެއްވާ! އޭނާއާ ބައްދަލުވެވަޑައި ނުގެންނެވިއްޖެނަމަ ސަރުކާރުގެ އިސްވެރީންނާ ބައްދަލުކުރައްވާ! މިސްކިތްތަކުގެ އިމާމުންނާ ވާހަކަފުޅު ދައްކަވާ! ހަތަރު އަނގޮޅިތަކުގައި ހުންނަވައި ހަޅޭފުޅުލައްވަވާ! އިޝްބީލިއްޔާއިން ކޮންމެވެސް ބަޔަކު ކަލާގެ ވާހަކަފުޅަށް ސަމާލުކަންދޭނެ. އެންމެ ކުޑަމިނުން ކަލާގެ ފުރާނަފުޅު ސަލާމަތްކުރެއްވިދާނެ. ކަލާ މިރަށުގައި ހުންނަވައި އަޅުގަނޑު ކަލާ ހައްޔަރު ނުކޮށްފިނަމަ އަޅުގަނޑު ވަޒީފާއިން ވަކިކުރުމަށްފަހު ފުލުހުންގެ އެހެން ވެރިއަކު ލައްވައިވެސް މިކަން ކުރުވާނެ. އައްޒަހުރާގެ ޑިރެކްޓަރ އަޅުގަނޑަށް އަންގަވައިފައިވަނީ ކަލާ ހައްޔަރުކުރެވޭއިރަށް އޭނާއަށް ދަންނަވަން. އޭނާ ހުންނަވާނީ ވަރަށް ފިކުރުފުޅު ބޮޑުވެފައި. މިހާރު އޭނާ އަމިއްލަފުޅަށް ކަލާގެ ގެ ޙިޞާރު ކުރައްވައިފައިވުމަކީވެސް ދުރުކަމެއް ނޫން. މިއީ އިތުރަށް ވާހަކަ ދައްކަން ތިބެވޭކަހަލަ ވަގުތެއް ނޫން. މިރަށާ ތިންމޭލު ދުރުގައި އިޝްބީލިއްޔާއަށްދާ މަގު ކައިރީގައި ކުޑަކުޑަ މުސާފިރުޚާނާއެއް ހުންނާނެ. ކަލާ އެތަނަށް ވަޑައިގެން އަޅުގަނޑުގެ ފަރާތުން ޚަބަރެއް ލިބިވަޑައިގަންނަވަންދެން އިންތިޒާރުކުރައްވާ. ޢިޝާނަމާދަށްފަހު އަޅުގަނޑު ކަލާއަށް އަހަކާއި، ދަތުރުފުޅުގެ ޚަރަދާއި، معـتـمـد ގެ ނަންފުޅުގައި އަޅުގަނޑުގެ އަމިއްލަ ސިޓީއެއް ފޮނުވާނަން. އެކަމަކު ކަލާ معـتـمـد ގެ އަރިހުގައި ވިދާޅުވެދެއްވަންވާނެ. ކަލާއަށް އިޝްބީލިއްޔާއަށް ވަޑައިގެންނެވުނީ އަޅުގަނޑުގެ އެހީތެރިކަމުގައި ކަމަށް."

އެވާހަކަފުޅަށްފަހު ފުލުހުންގެ ވެރިޔާ އޭނާގެ ދަރިކަލުންނަށް ވިދާޅުވެއްޖެ. އޭނާ ވަޑައިގަތުމުން އިޝްބީލިއްޔާއަށްދާ މަގުގައި ހުންނަ މެހުމާންސަރާއަށް އަޅުގަނޑު ގެންގޮސްދޭން ވިދާޅުވި.

ފުލުހުންގެ ވެރިޔާގެ ދަރިކަލުން އޭނާގެ ބައްގީގައި އަޅުގަނޑު މެހުމާންސަރާއަށް ގެންގޮސްދެއްވައިފި. ފުލުހުންގެ ވެރިޔާގެ ނޯކަރެއް ޢިޝާނަމާދުގެ ފަހުން އަހަކާއި، ފައިސާކޮޅަކާއި ސިޓީއަކާ ހިފައިގެން އަޅުގަނޑުގެ ގާތަށް އަތުވެއްޖެ. އަޅުގަނޑު ވަގުތުން އިޝްބީލިއްޔާއަށް ދަތުރު ފަށައިފިން.

އިޝްބީލިއްޔާގެ ޝާހީ ކިއްލާގައި ޖާފަތްތަކާއި، ޅެންވެރީންނާއި، ލަވަކިޔާ މީހުންނާއި، ޅެމަށް ފާޑުކިޔާ މީހުންގެ ޖަލްސާތައް އޮތީ ވަރަށް ބާރަށް ހިނގަހިނގައި. ބަރާބަރު ދިހަދުވަސް ވަންދެން އެއްޗެހި ގޮވުމާއި، ނިކަމެތިކޮށްލުމާއި، އަޅައިނުލުމުގެ ހިތްދަތި އިޙުސާސް ތަޙައްމަލު ކުރުމަށްފަހު މިސްކިތެއްގެ އިމާމެއްގެ މަސައްކަތްޕުޅުން އަޅުގަނޑަށް معـتـمـد ގެ ދަރުބާރަށް ހާޒިރުވެވިއްޖެ. ނަމަވެސް އަޅުގަނޑު ދަރުބާރުގައި އެވާހަކަތައް ދަންނަވަ ދަންނަވަ ހުއްޓައި ޤުރުޠުބާއިން އައި ޤާޞިދެއް معـتـمـد ގެ ދަރިކަލުން ޤަތުލުވި ވާހަކައާއި އިބްނު ޢަކާޝާ ޤުރުޠުބާ ހިފި ޚަބަރު ދަންނަވައިފި.

معـتـمـد ގެ އެންމެއިސް އަމުރުފުޅަކީ އެހައި ދުވަސްވަންދެން އަޅުގަނޑުގެ އަރިހަށް ހާޒިރުވިޔަނުދީ ހިފެހެއްޓި ފާރަވެރީންނާއި އޮފިސަރުން ހައްޔަރުކުރެއްވުމުގެ އަމުރުފުޅު. އަޅުގަނޑާ ބެހޭގޮތުން އެންގެވީ އަޅުގަނޑަށް އިޝްބީލިއްޔާގައި ހުރެވޭނެގޮތް ހަމަޖައްސައިދިނުމަށް. އަޅުގަނޑު މިރަށަށް އައިސް މިއުޅެނީ އަޅުގަނޑުގެ މަންމައާއި ކޮއްކޮގެ ހާލުކޮޅު ބަލައިލަން. އަޅުގަނޑަށް އެނގޭ އިބްނު ޢަކާޝާގެ އެކުވެރީން އެންމެ ފޯރިއާއެކު ކުރާނެ މަސައްކަތަކީ އަޅުގަނޑު ހޯދުންކަން.

(ނުނިމޭ)