އިޓަލީގެ "ގްރީނިން އައިލެންޑްސް" ޖަމިއްޔާގެ ފަރާތުން ބާއްވާ ހަތް ވަނަ ގްރީނިން ދަ އައިލެންޑްސް އީ-ކޮންވެންޝަން 2020ގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

ކޮވިޑް-19ގެ ސަބަބުން އޮންލައިން ޕްލެޓްފޯމެއްގައި ކުރިއަށް ގެންދިޔަ މިއަހަރުގެ ކޮންވެންޝަންގައި ބައިވެރިވި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނީ، މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކޮންވެންޝަންގައި ވޭސްޓް މެނޭޖްމަންޓް، ވޭވް އެނާޖީ ޓެކްނޮލޮޖީ، ސްމާޓް ގްރިޑް މެނޭޖްމަންޓް ސިސްޓަމް، ފްލޯޓިންގް އޮފްޝޯ ވިންޑްްޕަވާ، މެރިޓައިމް ޓްރާންސްޕޯޓް އަދި ސަސްޓެއިނަބަލް އެގްރިކަލްޗާ ފަދަ ސެގްމަންޓުތައް ކުރިއަށް ގެންދިޔަ އެވެ.

ކޮންފަރެންސްގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި އެމްއައިޓީޑީސީން ވަނީ "The Island Resorts: How to become a green destination & reduce costs, while engaging local communities. The Maldives' Case Study" ގެ ނަމުގައި ހާއްސަ ސެގްމަންޓެއް ކުރިއަށް ގެންގޮސްފަ އެވެ.

މި ސެގްމަންޓް ރަސްމީކޮށް ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަދި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. އަދި އެމްއައިޓީޑީސީގެ ފަރާތުން ކޮންފަރެންސްގައި ޕްރެސެންޓޭޝަން ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދެވެ.

ކޮންފަރެންސްގައި ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް ފުރިހަމަ ގައިޑްލައިނެއް ތައްޔާރު ކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު މައުސޫމް ވިދާޅުވީ، އެ ގައިޑްލައިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި، ހެޔޮ ބަދަލެއް އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަދި އިޓަލީގެ ޖީޓީއައި އާއި އެމްއައިޓީޑީސީ ގުޅިގެން ކުރިއަށްގެންދިޔަ އެ ކޮންފަރެންސްގައި ރާއްޖެއަށް ހާއްސަ ސެގްމަންޓެއް ހާއްސަކުރި ކަމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހުސެއިން ރަޝީދު ވަނީ ރާއްޖޭގެ ތިމާވެށީގެ ނާޒުކު ކަމަށް އަލިއަޅުވާލައްވައިފަ އެވެ. އެގޮތުން ރާއްޖެއަކީ ތިމާވެށީގެ ނަލަކަން އިންތިހާއަށް ލިބިފައިވާ ގައުމަކަށް ވެފައި އެނަން އެގޮތުގައި ދެމެހެއްޓުމަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ކޮންމެ ބައެއް ވެސް ކުރިއަށް ގެންދަންވާނީ ތިމާވެއްޓާއި އެންމެ ރައްޓެހި ގޮތެއްގެ މަތިންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެމްޑީ ރާއިދު ދެއްވި ޕްރެސެންޓޭޝަންގައި ރާއްޖެއަށް "ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް" ތައާރަފްކޮށް، ފަތުރުވެރިކަން ތަރައްގީކޮށް ކުރިއަރުވާއިރު އެކަމުގައި މުޖުތަމައުގެ ބައިވެރިވުން އޮންނާނެ އުސޫލަކުން ކުރިއަށް ގެންދިއުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.

ކޮންފަރެންސްގައި ރާއްޖޭގެ ބައެއް ރަށްތަކުން ބަސް އިއްވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ގޮތުން ހޯރަފުއްޓާއި ރިނބުދޫ ކައުންސިލަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނެވެ. އޭގެ އިތުރުން ސޮނެވާ ގުރޫޕާއި މަޓާޓޯގެ ފަރާތުން ކޮންފަރެންސްގައި ބައިވެރިވެ، ވާހަކަ ދެއްކިއެވެ.

މި ކޮންފަރެންސް މިއަދު ނިންމާލި އިރު، ގްރީނިން ދި އައިލެންޑްސް އެވޯޑްސް 2020 ދިނުން މިރޭ އޮންނާނެ އެވެ. މި އެވޯޑަކީ ކޮންފަރެންސް ނިންމާލުމަށްފަހު، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީގެ ކަންކަމުގައި ފާހަގަކުރެވޭ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އަރުވާ ޝަރަފުވެރި އެވޯޑެކެވެ.