ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ކުޑަކުދިންނަށް ދޭ ތެރަޕީގެ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ހިދުމަތްތައް ފޯރުކޮށްދޭ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ތެރަޕީގެ ގިނަ ހިދުމަތްތައް މިހާރު ލިބެން ހުރީ މާލޭގައިކަން ފާހަގަކުރައްވައި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވެސް އެފަދަ ހިދުމަތްތައް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

އޭގެ އިތުރުން ވާހަކަދެއްކުމުގައި ދަތިތައް ހުންނަ ކުދިންނަށް ދޭ ސްޕީޗް ތެރަޕީ ފަދަ ދާއިރާތަކުން ތަމްރީނުވެފައިވާ މީހުން މަދުކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ މެދުވެރިކޮށް އެފަދަ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

ކުޑަކުދިންނަށް ކުރިމަތިވާ ހެދިބޮޑުވުމުގެ މައްސަލަތައް ދުރާލާ ދެނެގަތުމާއި ހާއްސަ ފަރުވާ ބޭނުންވާ ކުދިން ދެނެގަނެވޭނެ ގޮތްތައް މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވައިފައެވެ.

ނައިބު ރައީސް އިއްޔެ ވަނީ އައިޖީއެމްއެޗްގެ ސްޕީޗް ތެރަޕީ ޑިޕާޓްމަންޓަށް ޒިޔާރަތް ކުރައްވައި އެ ތަނުގެ މަސައްކަތްތައް ވެސް ބައްލަވައިލައްވައިފައެވެ. އެ ޒިޔާރަތުގައި އެ ޑިޕާޓްމަންޓުގެ އިސްވެރިން ވަނީ އެ ތަނުގައި މަސައްކަތްކުރާ ތެރެޕިސްޓުންގެ އަދަދާ ބަލާއިރު އެ ހިދުމަތް ހޯދަން އެދޭ ކުދިންގެ އަދަދު އިތުރުކަން ފާހަގަކުރައްވައިފައެވެ. އަދި އެ ދާއިރާގައި މިހާރު ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ނައިބު ރައީސްއާ ހިއްސާކުރެއްވިއެވެ.