ހުޅުލެ-ހުޅުމާލެ ގުޅޭ ލިންކު ރޯޑުގައި ފަސް މެގަވޮޓް ސޯލާ ޕީވީ ސިސްޓަމެއް ގާއިމުކުރުމަށް ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ އެންސިސް ކޯ ލިމިޓެޑާއެކު އެންވަޔަމަންޓް މިނިސްޓްރީން އިމްޕްލިމެންޓޭޝަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. އެގޮތުން މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ސޮއިކުރެއްވި އިރު، ތައިލެންޑުގެ އެންސިސް ކުންފުނީގެ ފަރާޓުން ސޮއިކުރެއްވީ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު ޗުމްޕުލް ޕަޓަނުކު އެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި އެންސިސް ކުންފުނިން ސްޓެލްކޯއާއެކު ޕަވާ ޕާޗޭސް އެގްރީމަންޓެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ށިރެކްޓަރު ހަސަން މުގުނީއެވެ.
ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ އަދަދަކަށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ މި މަސައްކަތް ތައިލެންޑުގެ އެންސިސް ކުންފުންޏާ ހަވާލުކޮށްފައިވަނީ ވޯލްޑް ބޭންކާއި މިނިސްޓްރީ ގުޅިގެން ހިންގާ އެކްސްލެރޭޓިންގް ސަސްޓޭއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓުގެ ދަށުން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެސްޕަޔާ ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުލެ-ހުޅުމާލޭގައި ފަސް މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރުމަށް ހުޅުވައިލި ފުރުސަތުގައި މި މަސައްކަތަށް 27 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އަދި މި މަސައްކަތަށް ހުށަހެޅި ކުންފުނިތަކުގެ މާލީ އަދި ފަންނީ ގާބިލުކަމަށް ބަލާ އިރު، އެންމެ ކުޑަ އަގެއް ހުށަހެޅީ ތައިލެންޑުގެ އެންސިސް ކުންފުނިން ކަމަށް މިނިސްޓްރީން ބުނެއެވެ.
ލިންކު ރޯޑުގައި ގާއިމު ކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުން އުފައްދާ ކަރަންޓު ސްޓެލްކޯއަށް ވިއްކާނީ ކަރަންޓު ޔުނިޓަކަށް 10.09 ޔޫއެސް ސެންޓަށެވެ. އެންވަޔަރަމަންޓް އެސްޕަޔާގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިން ޔުނިޓުތަކުގައި ގާއިމުކޮށްފައިވާ 1.5 މެގަވޮޓް ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓު ސްޓެލްކޯއަށް ވިއްކަނީ 21 ޔޫއެސް ސެންޓަށެވެ. އެހެންކަމުން މި އެއްބަސްވުމުގެ ދަށުން ކުރިން ސޯލާ ހަކަތައިން އުފައްދާ ކަރަންޓު ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެއްގައި ކަރަންޓު ލިބޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ 2021 ވަނަ އަހަރުގެ ކުރީކޮޅު ކަމަށާއި މި މަޝްރޫއުގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަވެގެން ދާނެ ކަމަށެވެ. އެގޮތުން ފަސް މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓު ޔުނިޓުން ދައުލަތުން ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 މިލިއަން އަހަރަކު ރައްކާކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު