ބޭރުގެ ފަރާތްތަަކަށް ރާއްޖެއިން ޕްރައިވެޓް އައިލެންޑް ގަނެވޭ ގޮތަށާއި ރިސޯޓުތަކުން ވަކި ކޮޓަރި އާއި ރިސޯޓްތަކުން ކަނޑައަޅާ ބައެއް ނުވަތަ ރަށެއްގެ ފަޅުންވިޔަސް ބައެއް ދިގު މުއްދަތަކަށް ގަނެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުން، 1000 ބައިވެރިން ރާއްޖޭގައި ސެކަންޑް ހޯމެއް ގާއިމްކުރަން މަސައްކަތް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓޫރިޒަމަށް ދޫކުރާ ބިންތަކުން ނަގާ ކުއްޔަށް އެކި އަތޮޅުތައް ކެޓަގަރައިސްކޮށް ބަދަލު ގެނައުމަށާއި އިންޓަގުރޭޓެޑް ޓޫރިސްޓް ރިސޯޓާއި ސްޓްރާޓާ އުސޫލުން ރިސޯޓުތަކުގެ ކޮޓަރި ނުވަތަ ވިލާ، ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި ޕްރައިވެޓް އައިލެންޑް ކުއްޔަށް ދިނުމާގުޅޭ އުސޫލުތައް ބަޔާންކޮށް ޓޫރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލަށް މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މި ބިލު ގާނޫނަކަށްވުމުން އުފެދޭ، ސެކަންޑް ހޯމް ޕްރޮގްރާމްގެ ދަށުން، ޔޫރަޕްގެ ގައުމުތަކުން މަދުވެގެން 1000 މީހުން ރާއްޖޭގައި ސެކަންޑްހޯމް ގާއިމް ކުރާނެ ކަމަށެވެ.
އެކަމުގެ ސަބަބުން ދައުލަތަށް އުތުރު އާމްދަނީ ލިބިގެންދާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"ތެދުފުޅެއް ހިނގަމުންދާ ރިސޯޓެއްގެ ހެޑްލީސްއެއް އޮތް ފަރާތަކަށް އެ ރިސޯޓަކުން ވިލާގެ، ނުވަތަ ޕްލޮޓްތައް ވަކިވަކިން ފަސްހާސް އަކަފޫޓުގެ، ދިހަހާސް އަކަފޫޓުގެ ބިން އެހެން ފަރާތަކަށް، ދެވަނަ ފަރާތަކަށް އެ ހެޑްލީސްގެ މުއްދަތަށް ކުއްޔަށް ދިނުމުގެ، ވިއްކާލުމުގެ ހައްގު މި ބިލުން އެބަދޭ، އެހެންވީމައި ސެކަންޑް ހޯމް ޕްރޮގްރާމް ޔޫރަޕްގެ ގައުމުތަކަށް ދިވެހި ރާއްޖޭގައި ހިންގޭގޮތަށް މި ބިލުން އެބަ ޖާގަދޭ، އިއްޒަތްތެރި މެންބަރުން ވަނީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނަސް ދެއްވައިފަ، އެއީ އެ ސެކަންޑް ހޯމް ޕްރޮގްރާމަށްޓަކައި ރެސިޑެންޓް ވިސާ ދިނުން، އެހެންވީމަ އުއްމީދު އެބަ ކުރެވޭ، މި އިސްލާހާ އެކީގައި 1000 ބައިވެރިން މަދުވެގެން މި ރިއަލް ސްޓޭޓް ވިޔަފާރީގެ ފުރުސަތު ހޯދައި ދިވެހި ރާއްޖޭގައި ސެކަންޑް ހޯމެއް ނުވަތަ އޭނާގެ ދެވަނަ ގެއެއް ގާއިމް ކުރަން މަސައްކަތްކުރާނެކަމަށް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު