އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ބަޖެޓް ހުށަހެޅި އިރު، އަންނަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ހިމަނާފައި އޮތް ނަމަވެސް މަޖިލީހުގެ ބަޖެޓް ކޮމިޓީން، ބަޖެޓް ދިރާސާކޮށް ނިންމައި ފޮނުވި ބަޖެޓް ރިޕޯޓްގައި، އަންނަ އަހަރަށް 21 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ހިމަނާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެ އަދަދަކީ އާމްދަނީއަށް ލިބޭނެ ކަމަށް ކުރިން ލަފާކުރި އަދަދުގެ 3.355 ބިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށެވެ. ބަޖެޓް ދިރާސާ ކުރުމުގައި ކޮމިޓީން ބަޖެޓަށް ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި އޮފީސްތަކުގެ ޑޮމެސްޓިކް ހިންގުމުގެ ހަރަދު ވެސް ކުޑަކޮށްފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.
އެގޮތުން ބަޖެޓް ހުށަހެޅި އިރު، އޮފީސްތައް ހިންގުމުގެ ހަރަދުގެ ގޮތުގައި 26.027 ބިލިއަން ރުފިޔާ ހިމަނާފައި އޮތް ނަމަވެސް، ކޮމިޓީން ދިރާސާކުރި ރިޕޯޓުގައި އެ ހަރަދުން 209 މިލިއަން ރުފިޔާ ވަނީ ދަށްކޮށްފަ އެވެ. އަދި އަންނަ އަހަރުގެ ޕީއެސްއައިޕީ ޕްރޮގްރާމަށް 135.2 މިލިއަން ރުފިޔާ އިތުރު ކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ. މި އިތުރުކުރުންތަކާއެކު މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ވަނީ 200 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ބަޖެޓް ކޮމިޓީ ރިޕޯޓް މަޖިލީހުގެ އިދާރާއަށް ލިބުނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި މަޖިލިސް އިދާރާއިން ބަޖެޓް ރިޕޯޓް މެންބަރުންނަށް ފޮނުއްވުމަށްފަހު، ތިން ދުވަސް ދޫކޮށް އަންނަ އާދިއްތަ ދުވަހު ބަޖެޓް ރިޕޯޓަށް މަޖިލީހުގައި ބަހުސް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ. ބަޖެޓް ރިޕޯޓްގެ ބަހުސްގައި ކޮންމެ މެންބަރަކަށް ވާހަކަދެއްކެވުމަށް ލިބިވަޑައިގަންނަވާނީ ހަތް މިނެޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު