އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބް ރައީސް އަހުމަދު އަކްރަމް، އެ ކޮމިޝަންގެ މެންބަރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ ސުލޫކީ މައްސަލައަކާ ގުޅިގެން ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
އީސީގެ މެމްބަރު ކަމުން އަކްރަމް ވަކިކުރަން ކޮމިޓީން ނިންމާފައިވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވައިފަ އެވެ. އަކްރަމް ވަކިކުރަން ކޮމިޓީން ނިންމީ އީސީގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މައްސަލައެއްގައި ކަމަށް ކުރިން އަޑުތައް ފެތުރުނެވެ.
ނަމަވެސް ރޮޒައިނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އީސީގެ މެމްބަރު ކަމުން އަކްރަމް ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ނިންމީ ސުލޫކީ މައްސަލައެއްގެ މައްޗަށް ކަމަށެވެ.
"މުއައްޒަފުންނާ ވާހަކަ ދެއްކުމުގައި ކޮމިޝަން މެމްބަރެއް ހިފަހައްޓަންޖެހޭ އަހުލާގީ މިންގަނޑު ހިފަހައްޓާފައިނުވާ ކަމަށް ކޮމިޓީގެ މެމްބަރުންނަށް ގަބޫލު ކުރެވޭތީ،" ރޮޒައިނާ ވިދާޅުވި އެވެ.
އީސީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަކްރަމް ފޮނުއްވި ސިޓީގައި ވިދާޅުވީ، އެ ކޮމިޝަންގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެންބަރު ކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ފެނިވަޑައިނުގަންނަވާތީ ކަމަށެވެ.
އަދި އޭނާއާގުޅޭ ގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަަލައަކީ ވަކި ބައެއްގެ ރޭވުމުގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް އޭނާގެ ފަރާތުން ހިނގާފައި ނުވާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު