މުނިފޫހިފިލުވުން

ސޮނާކްޝީ ވެސް ޗުއްޓީއަށް ރާއްޖޭގައި

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އަނެއްކާވެސް ރާއްޖެއަށް ޗުއްޓީއަށް އަތުވެއްޖެއެވެ.

ސޮނާކްޝީ ސިންހާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުގައެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ. ކޮއްދިއްޕަރުގައި އޭނާ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްކޮށް، ކެޕްޝަންގައި ޖަހާފައިވަނީ "އައިލެންޑް ގާލް" ކަމަށެވެ. އަދި ރާޅުޖަހާ ފަށުގައި އިށީނދެގެން އިން ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައި ކެޕްޝަނުގައި ޖަހާފައިވަނީ "އެންމެ އުފާވަނީ މޫދުގައި" ކަމަށެވެ.

ސޮނާކްޝީ ވަނީ މީގެ ކުރިންވެސް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ. އެފަހަރު އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ ސިއްރު ފެންފުށި ރިސޯޓުގައެވެ.

ސޮނާކްޝީ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ސަލްމާން ހާންގެ "ދަބަންގް 3" އިންނެވެ. ސޮނާކްޝީ އަކީ ކުރީގެ ބަތަލު ޝަތުރަގަން ސިންހާގެ ހަމައެކަނި އަންހެން ދަރިފުޅެވެ.

ދަބަންގް ސީރީސްގެ ތިން ފިލްމުން ފެނިގެން ގޮސްފައިވާ ސޮނާކްޝީ މިހާރު އަންނަނީ "ފޯލެން" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް ކުރަމުންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އިންނެވެ.

އޭނާ ވަނީ "ތޭވަރު"، "އާރް. ރާޖްކުމާރް"، "މިޝަން މަންގަލް"، "ފޯސް 2"، "އިއްތެފާގް" އަދި "ކަލަންކް" އިންވެސް ފެނިގެން ގޮސްފައެވެ. އޭނާ ބޮލީވުޑް އަށް ނުކުމެފައިވަނީ 2010 ވަނަ އަހަރު "ދަބަންގް" އިންނެވެ.

ސޮނާކްޝީގެ އިތުރުން ރާއްޖޭގައި މިހާރުވެސް އިންޑިއާގެ ގިނަ ތަރިންތަކެއް އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ. އެގޮތުން ރަކުލް ޕްރީތާއި ސަމަންތާ އަކިނެނީ އާއި އޭނާގެ ފިރިމީހާ ނާގަ ޗައިތަންނިޔަ ވެސް އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ. މީގެ އިތުރުން ޓައިގާ ޝްރޮފް އާއި ދިޝާ ޕާޓްނީ އާއި ކެޓްރީނާ ކެއިފް އާއި ވަރުން ދާވަން ވެސް ވަނީ މި ފަހުން ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ.