އިސްލާމީ ތާރީޚު

ޔޫސުފު ބިން ތާޝްފީން 17

އަބްދުﷲ ފާރޫގް ހަސަން

1

(21 ނޮވެމްބަރުގެ އަދަދާ ގުޅޭ)

سعد އާއި އޭނާގެ ކޮއްކޮމެން މަދަރުސާއަށް ވަޑައިގަންނަވާން ތައްޔާރުވެ ވަޑައިގަންނަވަނިކޮށް ބޭރު ދޮރުގައި މީހަކު ޓަކިދީފިއެވެ. سعد ވަޑައިގެން ދޮރު ހުޅުއްވައިލެއްވިއިރު ދޮރުމަތީގައި ހުންނެވީ އެބޭފުޅުންގެ މުދައްރިސެވެ. سعد ފެނިވަޑައިގަތުމާއެކު މުދައްރިސް ވިދާޅުވިއެވެ.

"سعد! ދެންމެއަކު އަޅުގަނޑަށް ޤުރުޠުބާއާ ބެހޭ ވަރަށް މުހިންމު ޚަބަރެއް ލިބިއްޖެ. ބާޣީންގެ ކޮންމެވެސް ޖަމާޢަތެއް ޤުރުޠުބާގެ ސަރުކާރު ވައްޓައިލައިފި. އަޅުގަނޑަށް އެޚަބަރުގެ ތަފުސީލެއް ނުލިބޭ. އަޅުގަނޑަށް އެނގުނުވަރަކީ ޤުރުޠުބާގެ ގަވަރުނަރަކަށް ހުންނެވި معـتـمـد ގެ ދަރިކަލުން ޤަތުލުވެއްޖެކަން. ބާޣީންގެ ލީޑަރަކަށްހުރީ އިބްނު ޢަކާޝާ."

އެޚަބަރު ލިބިވަޑައިގަތުމުން އިރުކޮޅެއްވަންދެން سعد އެއްވެސް އެއްޗެކޭ ވިދާޅުނުވެވިފައި ހުންނެވިއެވެ. އިރުކޮޅެއްގެ ފަހުން އޭނާ ސުވާލު ކުރެއްވިއެވެ.

"ކަލޭގެފާނުގެ އަރިހުގައި ތިޔަ ޚަބަރު ދެންނެވީ ކާކުތޯ؟"

މުދައްރިސް ޖަވާބު ދެއްވިއެވެ. "އިރުކޮޅެއްގެ ކުރީން އަޅުގަނޑާ މިރަށުގެ ފުލުހުންގެ ވެރިޔާއާ ބައްދަލުވި. އޭނާ ވިދާޅުވިގޮތުގައި ރޭގައި ޤުރުޠުބާގެ ބަޔަކު މިރަށަށް އަތުވެއްޖެ. މިރަށުގެ ފުލުހުންނަށް ޚަބަރުދިނީ އެމީހުން. ފުލުހުންނަށް އެބައިމީހުންނާމެދު ޝައްކުވެގެން ރަށުތެރެއަށް އެމީހުންގެ ގާތްތިމާގެ މީހުންގެ ގާތަށް ދިއުމުގެ ހުއްދައެއް ނުދިން. ފަތިސްވަންދެން ބައިތިއްބީ ފުލުހުންގެ މަރުކަޒުގައި. ފަތިސްވުމުން އެމީހުން ތިމާގެ މީހުން ކަމުގައި ބުނި މީސްމީހުން ގެނެސް ސުވާލު ކޮށްގެން އެމީހުންގެ ޙަޤީޤަތް އޮޅުންފިލުވީ. ފުލުހުންގެ ވެރިޔާ ވިދާޅުވާ ގޮތުގައި ޚުދު އޭނާ ވަނީ އެކަން ކަށަވަރު ކުރައްވައިފައި. އަޅުގަނޑު އެތަނުން އެކެއްގެ މިރަށުގައިތިބި ގާތްތިމާގެ މީހުންގެ އެޑްރެސް އޮޅުންފިލުވިން. سعد ވަޑައިގެން އެމީހުން ކުރެން މަޢުލޫމާތު ހޯއްދެވިދާނެ."

سعد ވިދާޅުވިއެވެ. "ނޫން. އަޅުގަނޑު ހަމަ މިހާރު ދާނީ ޤުރުޠުބާއަށް!"

އިރުކޮޅެއްގެފަހުން سعد އޭނާގެ މަންމައާއި ކޮއްކޮމެންނާ ސަލާންކުރައްވައިފައި އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ. އޭނާ أحمد ގެ ކޮނޑުމަތީގައި އަތްޕުޅު ބާއްވަވާފައި ވިދާޅުވިއެވެ. "أحمد! ކޮއްކޮ މިހާރު ބޮޑުވެއްޖެ. ބޭބެ މިދަނީ، ގޭގައި ބޭބެ އަދާކުރާ މަސްއޫލިއްޔަތު ކޮއްކޮއާ ހަވާލުކޮށްފައި."

އިބްނު ޢަކާޝާ ވަނީ ޤުރުޠުބާއަށް އައިސްގޮސްވާ ހުރިހައި މަގުތަކެއްގައި ސިފައިން ފޯރިމަރާގޮތަށް ހަމަޖައްސައިފައެވެ. ޤުރުޠުބާއަށްދާ އެންމެން ރަށްބޭރުގެ ޗެކްޕޮއިންޓުތަކާއި ދޮރޯށިތަކުގެ ކައިރީގައި މަޑުކުރުވައެވެ. معـتـمـد ގެ އޮފިސަރުންނާއި ސިފައިންގެ ތެރެއިން ދެކޮޅުވެރިކަމަކާ ނުލައި ހަތިޔާރު ބެހެއްޓި އެންމެންނަށްވެސް ވަނީ ރަށް ދޫކޮށްފައި އިޝްބީލިއްޔާއަށް ދިއުމުގެ ހުއްދަ ދީފައެވެ. ހަނގުރާމައިގައި ހައްޔަރުވި އިޝްބީލިއްޔާގެ ސިފައިންގެ ތެރެއިން ހަނގުރާމައިގައި ހައްޔަރުވި މީހުންނާއި ޤަތުލުވި މީހުންގެ އަނބިދަރީންނަށްވެސް ރަށް ދޫކޮށްފައި ދިޔުމުގެ ހުއްދަ އޮތެވެ. ނަމަވެސް ރަށް ދޫކޮށްފައިދާ މީހުންގެ ތެރޭގައި ޤުރުޠުބާގެ ކުރިޔަށްތިބި މީހުން ހިމެނޭތޯ ވަރަށްބޮޑަށް ޗެކުކުރަމުން ގެންދިޔައެވެ.

އިބްނު ޢަކާޝާ ޙަމަލާ ދިންރޭ ޤުރުޠުބާގެ ބައެއް އަމީރުން ސިއްރުން ނުކުމެވަޑައިގެން ވަށައިގެންހުރި ކުދިކުދި އަވަށްތަކަށް ވަޑައިގެން އިބްނު ޢަކާޝާއާ ހަނގުރާމަކުރުމުގެ މައްޗަށް ބާރުއެޅުއްވިއެވެ. އިބްނު ޢަކާޝާއަށް އެޚަބަރު ލިބުމާއެކު އަންހެނުންނާއި ކުޑަކުދީން ފިޔަވައި ރަށް ދޫކޮށްފައިދާ ކޮންމެ މީހަކު ރަށުން ނުކުތުމުގެ ކުރީން ލިޔުމަކުން އަމުރު ހޯދާން އަންގައިފިއެވެ. އެފަދަ މީހުން ރަށުން ނުކުތުމަށް ރަށުގެ ހުޅަނގު ދޮރޯށި ޚާއްޞަ ކުރިއެވެ.

سعد ޤުރުޠުބާގެ ދެކުނުފަރާތާއި އިރުމަތީ ފަރާތުގެ ދޮރޯށިތަކުން ރަށަށް އަރައިވަޑައިގެންނެވޭތޯ މަސައްކަތްޕުޅު ކުރެއްވުމަށްފަހު ކާމިޔާބު ލިބިވަޑައިނުގެންނެވުމުން ވަޑައިގަތީ ހުޅަނގުފަރާތަށެވެ. އެދިމާއިން ރަށްބޭރުގައި ފަސްސަތޭކަ ވަރަކަށް މީހުން ރަށަށް ނޭރިގެން މަޑުކޮށްލައިގެން ތިއްބެވެ. އޭގެތެރެއިން ގިނަމީހުންނަކީ ޤުރުޠުބާގެ މީހުންނެވެ. އިބްނު ޢަކާޝާ އައްޒަހުރާ ހިފިރޭ އެކިއެކި ސަބަބުތަކާހުރެ އެބައިމީހުންނަށް ތިބެވުނީ ރަށުން ބޭރުގައެވެ. އެބައިމީހުންގެ އިތުރަށް އިޝްބީލިއްޔާއާއި އެހެނިހެން ރަށްރަށުން ރަޙުމަތްތެރީންނާއި ގާތްތިމާގެ މީހުންގެ ހާލުބަލައިލާން އައިމީހުންވެސް ތިއްބެވެ. އެއެންމެންނަށްވެސް އޮތީ އެއް ޙުކުމެކެވެ. އެއީ ދިހަދުވަސް ވާންދެން އިންތިޒާރު ކުރުމެވެ. ބައެއް މީހުންވަނީ ރަށުގެ ކައިރީގައިހުރި މެހުމާންސަރާތަކާއި ދަނޑުވެރީންނާއި މަސްވެރީންގެ ޖިފުޓިތަކުން ޖާގަ ހޯދައިފައެވެ.

سعد އިރުކޮޅެއްވަންދެން ދޮރޯށީގެ ކުރިމަތީގައި ހުންނެވިއެވެ. އޭނާ ބައްލަވަމުން ގެންދެވީ ރަށް ދޫކޮށްދިއުމަށާއި، އެކިއެކި ބޭނުމުގައި ރަށުން ނުކުތުމުގެ ހުއްދަ ފުލުހުންނަށް ދައްކައިގެން ބޭރަށް ނުކުންނަމުންދާ މީހުންގެ ކުދިކުދި ޖަމާޢަތް ޖަމާޢަތާ ދިމާއަށެވެ. سعد އިރުކޮޅަކު ބައްލަވާން ހުންނަވައިފައި ހިތްވަރުކުރައްވާފައި ސިފައިންގެ އޮފިސަރެއްގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ.

"ބައްލަވާ! އަޅުގަނޑަކީ ޣަރުނާޠާއިން އައިމީހެއް. އަޅުގަނޑު މިއައީ ތިމާގެ މީހުން މިރަށުގައި ތިބޭތީ އެމީހުންގެ ހާލު ބަލައިލާން."

ސިފައިންގެ އޮފިސަރު ދޮރޯށީން ބޭރުގައިތިބި އެތައްސަތޭކަ މީހުންނާ ދިމާއަށް އިޝާރާތްކޮށްފައި ބުންޏެވެ. "ނިކަން އެފަރާތް ބައްލަވަ ބައްލަވާ! އޭގެތެރެއިން ގިނަމީހުންނަކީ މިރަށުގެ މީހުން. ދެންތިބި އެންމެންގެވެސް ކޮންމެވެސް ރަޙުމަތްތެރިއެއް ނުވަތަ ސަހަރޯވެރިއެއް މިރަށުގައި ހުންނާނެ. ކަލާވެސް އެމީހުންނާއެކު މަޑުކޮށްލައްވާ! އެހެންނޫނީ ދިހަދުވަސް ފަހުން ވަޑައިގަންނަވާ!"

ސިފައިންގެ އޮފިސަރެއްގެ ރަސްމީ ތަހުޒީބީ ޖަވާބުން އޭނާގެ ޙަޤީޤީ ޚުލުޤު ހުރިގޮތް سعد އަށް އޮޅިވަޑައިގެން ވިދާޅުވިއެވެ. "ކަލާ އަޅުގަނޑާމެދު ޝައްކު ކުރައްވާނަމަ އަޅުގަނޑާއެކު ސިފައިންގެ މީހަކު ފޮނުއްވައިދެއްވާ. އަޅުގަނޑު ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި އެމީހަކާއެކު އެނބުރި އަތުވެދާނަން."

ސިފައިންގެ އޮފިސަރު އޭނާގެ ރާގު ބަދަލުކޮށްލަމުން ޖަވާބު ދިނެވެ. "ކަލޭ ތިޔަ އަހަރެންގެ ވަގުތު ނަގައިލަނީ!"

سعد ގެ ހިތްޕުޅަށް އެރިއެވެ. އޭނާގެ ބައްޕާފުޅުގެ ނަންފުޅު ވިދާޅުވެއްޖެނަމަ ސިފައިންގެ އޮފިސަރުގެ ރާގު ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ޤުރުޠުބާގެ އިންޤިލާބާމެދު އެކިމީސްމީހުންގެ ދޫދޫމަތީން އިވިވަޑައިގެންފައިވާ ޚަބަރުތަކާމެދު ވިސްނައިވަޑައިގަތުމުން އޭނާގެ ބައްޕަގެ ނަންފުޅު ވިދާޅުވުމަކީ މަޞްލަޙަތާ ޚިލާފު ކަމެއްކަން سعد އަށް ވިސްނިވަޑައިގެންފިއެވެ. އެވަގުތު އެހެން ޒުވާނެއް ސިފައިންގެ އޮފިސަރާ ކައިރިއަށް ޖެހިލައިފައި ބުންޏެވެ. "ބައްލަވާ އަޅުގަނޑުގެ އަންހެނުން އުޅެނީ ވަރަށް ބަލިވެ. ކަލާ އަޅުގަނޑާ ބެހޭގޮތުން ރަށުގެ ކޮންމެ މާތް މީހަކާ ސުވާލު ކުރައްވާ! އަޅުގަނޑަކީ ދޫލަ ވިއްކާ މީހެއް. އަޅުގަނޑާ ސިޔާސަތަކާ އެއްވެސް ގުޅުމެއްނެތް."

ސިފައިންގެ އޮފިސަރު އެޒުވާނާގެ މޭގައި އަތްއަޅައި ކޮއްޕައިލައިފައި ހަޅޭއްލަވައިގަތެވެ. "މިތަނުން ރައްކާވާން އުޅޭ!"

އޭރުވެސް سعد ހުންނެވީ ދޮރޯށީގެ ކުރިމަތީގައެވެ. ހައްދަވާނެ ގޮތެއް ވިސްނިވަޑައި ނުގެންނެވިފައެވެ. ސިފައިންގެ އޮފިސަރު ދޫލަވިއްކާ ޒުވާނާއަށް އެއްޗެހިގޮވައި ނިމިގެން سعد އާ ދިމާއަށް އެނބުރިފައި ބުންޏެވެ. "ބަލަ! ކަލޭ އަދިވެސް މިތާހުރީތަ؟"

سعد އޭނާގެ އަސް ކުރިޔަށް ޖައްސައިލައްވަމުން ވިދާޅުވިއެވެ. "بــنى عبّــاد ގެ ކިބައިން ޤުރުޠުބާ ސަލާމަތްވުމަށްފަހު އެހެން މިނިކާވަގުތަކެއްގެ ޝިކާރަކުރާ ތަނަކަށް ޤުރުޠުބާވީކަމެއް އަހަރެން ނުދެނަހުރިން. މީގެކުރީން އެކަން އެނގިފައި އޮތްނަމަކަ އަހަރެން ކަލޭގެ ބޮލަށް އުނދަގޫކުރާކަށެއް ނުއުޅުނީމުސް."

ސިފައިންގެ އޮފިސަރުގެ ގާތަށްއައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނާގެ ހަންމުށީން سعد ގެ ގައިކޮޅަށް ދެއެތިފަހަރު ބޭލިއެވެ. سعد އޭނާގެ މުލައްދަނޑިފުޅުން އެކަތިފަހަރު މަތަކުރިއެވެ. އަނެއް އެތިފަހަރު އެރީ އޭނާގެ އަސްކޮޅުގެ މޫނުމައްޗަށެވެ. އަސް ސިހިގެން ދިއުމާއެކު ކެވިއަރައިގެން އެއްފަރާތަކަށް ދުއްވައިގަތެވެ. މީހުންތައް ބިރުން ހަޅޭއްލަވަމުން އެއްފަރާތަކަށް އަރައިފިއެވެ. ރުޅިއައިސްފައިހުރި ސިފައިންގެ އޮފިސަރު ދޮރޯށީގެ ކުރިމައްޗަށް އެއްވަމުންދިޔަ މީހުންގެ ގައިގައި އޭނާގެ ހަންމުށީން ތަޅާންފަށައިފިއެވެ.

سعد އޭނާގެ އަސް ވިއްސަކަށް ގަޒުހައިތަނަށް ދިޔަތަނާ އަސް މަޑުކުރައްވައިފިއެވެ. އަހުގެ ކަނދުރާގައި މަޑުމަޑުން ތަޅުއްވައިލައްވައިފައި ކަނޑި އުރައިން ދަންމަވައިގެން ސިފައިންގެ އޮފިސަރާ ދިމާޔަށް އަސް އަނބުރައިލެއްވިއެވެ. ނަމަވެސް އެވަގުތު ކޮންމެވެސް ޒުވާނެއް ކުރިޔަށް ޖެހިލައިފައި އޭނާގެ އަސްކޮޅުގެ ލަގަނުގައި ހިފަހައްޓައިފިއެވެ. އޭނާ ބުންޏެވެ. "މޮޔަނުވޭ! މިކަހަލަ ވަގުތެއްގައި ކަނޑި އުރައިގެ ތެރޭގައި ބޭއްވުމަކީވެސް ހިތްވަރުގަދަކަމެއް. ކަލޭ ތިޔަދުށީ އެންމެ މިނިކާވަގެއް. އެކަމަކު މިވަގުތު ޤުރުޠުބާއަށް ވެރިވެފައިވަނީ މިނިކާވަގުގެ ބޮޑުސިންގާ އައިނެއް!"

سعد އެޒުވާނާއާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ ލައިގެންހުރީ ގެރިބަކަރި ހުއިހައްޕާ ބަރުބަރީއެއްގެ ހެދުމެކެވެ. ނަމަވެސް سعد ގެ ހިތްޕުޅުގެ އެންމެ ފުރަތަމަ އަޑަކަށްވީ "އަހަރެން ކޮންމެވެސް ތަނަކުން ކަލޭ ދުށިން." މިއަޑެވެ. ޒުވާނާ އެވަގުތު ހީނލިއެވެ. އެހިނިތުންވުމުން سعد ގެ ހިތްޕުޅަށް އޭނާ ދެނެވަޑައިގަންނަވާ ރައްޓެހިފުޅު ސޫރައެއް ސިފަވެގެން ހިނގައްޖެއެވެ.

سعد ގެ އަރިހަށް މީހުންތައް ޖަމާވާން ފަށައިފިއެވެ. ޒުވާނާ ދެންނެވިއެވެ. "ކަލާ ތިޔަވަޑައިގަތީ ޣަރުނާޠާއިން ކަމުގައިވާނަމަ، ކަލާގެ ނަމަކީ سعد بــن عبـدالمـنعــم ކަމުގައިވާނަމަ ކަލާގެ ރަޙުމަތްތެރިއެއް ކޯރުގެ އައްސޭރީގައި ކަލާގެ އިންތިޒާރުގައި ހުންނާނެ. މިތާތިބެ ވާހަކަދެއްކުން ރަނގަޅެއް ނޫން." ޒުވާނާ سعد ގެ އަހުގެ ލަގަން ދޫކޮށްލައިފައި އެއްފަރާތަކަށް ޖެހިލައިފިއެވެ. އޭރު سعد ގެ ވަށައިގެން އެތައްބަޔަކު ޖަމާވެއްޖެއެވެ. ސިފައިންގެ އޮފިސަރު ޢަމަލުކުރި ގޮތާމެދު އެބައިމީހުން ރުޅިވެރިކަމާއި ހިތާމަ ފާޅުކުރަމުން ގެންދިޔައެވެ. سعد އެބައިމީހުންގެ ވާހަކަތަކަށް ސަމާލުކަން ދެއްވުމުގެ ބަދަލުގައި އޭނާގެ ކަނޑިކޮޅު އުރަޔަށް ލައްވައިގެން ކޯރާ ދިމާއަށް އަސް އަނބުރައިލައްވައިފިއެވެ. މިހާރު އޭނާގެ ހިތްޕުޅަށް އިޙުސާސް ކުރެއްވެނީ ކޯފާގެ އަސަރެއް ނޫނެވެ! އުފާވެރިކަމުގެ ވިންދުތަކެވެ. ކޯރާ ތަންކޮޅެއް ދުރުން އޭނާއަށް އެއްކަލަ ޒުވާނާ ފެނިވަޑައިގެންފިއެވެ. سعد އަސްމަތީން ފުންމައިލައްވައިފައި ޒުވާނާގެ މުލައްދަނޑީގައި ހިއްޕަވަމުން ވިދާޅުވިއެވެ. "ކަލާގެ ހެދުންކޮޅެކޭ އެއްގޮތަށް ކަލާގެ މޫނުފުޅުގެ ކުލައަކީވެސް މަސްނޫޢީ ކުލައެއް ކަމުގައިވާނަމަ އަޅުގަނޑުގެ ރަޙުމަތްތެރިޔާއާ ބައްދަލުވާން އަޅުގަނޑު ބޭނުންވަނީ ހަމަމިހާރު މިތާނގައި."

ޒުވާނާ ބޭއިޚުތިޔާރުގައި سعد އާ އޮޅުލައިގަތެވެ. އެއީ إدريـس بــن عبـدالجـبّـار އެވެ.

سعد ވިދާޅުވިއެވެ. "މިތާނގައި ކީއްތޯ ތިޔަކުރައްވަނީ؟ ކަލާ މޫނުފުޅުގައި ދެލި އުނގުޅައްވައިގެން ބަކަރިހުއިހައްޕާ މީހެއްގެ ހެދުން އެޅުއްވީމާ ކަލާގެ ރަޙުމަތްތެރީންނަށްވެސް އޮޅުވައިލެއްވިދާނެއޭ ދެންނެވީ ކާކުތޯ؟"


إدريـس ޖަވާބު ދެއްވިއެވެ. "ސާބަސް. އަޅުގަނޑު އަމިއްލައަށް ކަލާ އަޅުގަނޑާމެދު ސަމާލުކުރުވުމުގެ ކުރިޔަކު ކަލާއަކަށް އަޅުގަނޑަކީ ކާކުކަމެއް ކުޑަކޮށްވެސް ރޭކައެއްނުލި. ކަލާ އެކަމަކަށް ސާބަހެއް ނުދެއްވާނުތޯ؟"

* * * * * * * * * * *

ކޯރުގެ އައްސޭރީގައި ހުރި ގަހެއްގައި سعد އޭނާގެ އަސް ބަނދެލައްވައިފިއެވެ. އެއަށްފަހު إدريـس އާ ދެބޭފުޅުން ބިންމަތީގައި އިށީނދެވަޑައިގެންފިއެވެ.

سعد ވިދާޅުވިއެވެ. "ދެން އެންމެ ރަނގަޅު. ކަލާގެ މަންމަޔާއި ކޮއްކޮގެ ހާލުކޮޅު ރަނގަޅުތޯ؟"

إدريـس ވިދާޅުވިއެވެ. "އަޅުގަނޑު ޤުރުޠުބާއިން ފިލިއިރު އެބޭފުޅުން ތިއްބެވީ ހެޔޮހާލުކޮޅުގައި. މިހާރު އެބޭފުޅުން ޚަބަރު އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތް اللّـه. ކަލާގެ މަންމައާއި ކޮއްކޮމެންގެ ހާލުކޮޅު ކިހިނެއްތޯ؟"

"އެންމެ ބޭފުޅުންވެސް ތިއްބެވީ ހެޔޮހާލުކޮޅުގައި. މާތް اللّـه އަށް ޙަމްދުހުރި. ޣަރުނާޠާ އަދި އޮތީ މިބާވަތުގެ ތަޅާފޮޅުންތަކާއި ހަމަނުޖެހުންތަކުން ސަލާމަތްވެފައި. ކަލާ ޤުރުޠުބާއިން ފިލައިވަޑައިގެންނެވީ ކީއްވެތޯ؟"

إدريـس ވަށައިގެން ހޯއްދަވައިލައްވައިފައި އޭނާގެ ވާހަކަ ވިދާޅުވެދެއްވާން ފައްޓަވައިފިއެވެ.

"އެކަންވީގޮތަކީ މީގެ ދެހަފްތާ ކުރީން އަޅުގަނޑަށް މިނުބައި ރޭވުމުގެ ޚަބަރު ލިބިއްޖެ. ޤުރުޠުބާގައި އޮތް معـتـمـد ގެ ސަރުކާރު ވައްޓައިލަން ރޭވި މީހުންގެ ޤަޞްދު ނުބައެއް ނޫން. ނަމަވެސް މަޑުމަޑުންގޮސް މުނާފިޤުންނާއި ވެރިކަމާހުރެ ނިވައްތައިގެންފައި ތިބިމީހުންގެ ބައިގަނޑެއް އެޖަމާޢަތާ ގުޅިއްޖެ. އަޅުގަނޑާ އެއްކުލާހުގެ ކުއްޖެއްގެ ބޭބެއެއްގެ ކާވެނި ޕާޓީއެއް ބޭއްވި ރެއެއް. އެރޭ އަޅުގަނޑުވެސް ދަޢުވަތުގައި ބައިވެރިވީން. އެ ޕާޓީގައި ވަރަށްގިނައިރުވި. އަޅުގަނޑުގެ މާބެވެސް އެ ޙަފުލާއަށް ވަޑައިގެންނެވި. އޭނާ އަޅުގަނޑުގާތު ވިދާޅުވި." "މިހާރު ވަރަށް ދަންވެއްޖެ. ދަރިފުޅު މިރޭ މާބެގެ ގޭގައި މަޑުކޮށްލާ! ގެއަށްދާނީ މާދަމާ ހެނދުނު." މާބެ އެހެން ވިދާޅުވިކަމުގައިވިޔަސް ގެއަށް ނުގޮސް ހުންނާކަށް އަޅުގަނޑު ހިތްހަމައެއް ނުޖެހުނު. ރޭދެބައިވިފަހުން އަޅުގަނޑު ގެއަށްދާން އަސްމަތީގައި ނުކުމެއްޖައިން. ވާދިލްކަބީރުގެ ފާލަން ހުރަސްކޮށްފައި ބައިމޭލެއްހައި ތަނަށް ދެވުނު ތަނާ އަޅުގަނޑަށް އަސްތަކެއްގެ ފިޔަވަޅުގެ އަޑު އިވިއްޖެ. އަޅުގަނޑު އަސް އެއްފަރާތަކަށް ޖައްސައިލައިފިން. ވަރަށް ބާރަށް ދުއްވައިފައި އައި ބައްގީއެއް އަޅުގަނޑު ފަސްދީ ކުރިޔަށް ހިނގައްޖެ. ބައްގީ ދިޔަތާ މާގިނައިރެއްނުވެ އަޅުގަނޑަށް އެހެން އަސްތަކެއްގެ ފިޔަވަޅުގެ އަޑު އިވިއްޖެ. އަނެއްކާވެސް އަޅުގަނޑުގެ އަސް މަގުމަތީން އެއްފަރާތަކަށް ޖައްސަން ޖެހިއްޖެ. އިޝްބީލިއްޔާގެ އަމީރުންގެ ބައްގީކޮޅުތަކާއެކު އާދަވެގެންވެސް އަސްވާރުން ތިބޭ. އާދައިގެ ބާރުމިނެއްގައި ބައްގީ ދުއްވެވުމަކީވެސް އެބޭފުޅުންގެ ޝަރަފާ ޚިލާފު ކަމެއް. އެހެންކަމުން އަސްވާރުން ދިޔައީ ބައްގީ ފަހައިކަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވުނު. ނަމަވެސް މޭލެއްހައިތަނަށް ދަތުރު ކުރެއްވުނުތަނާ ރަށާވީ ދިމާއިން ސަވާރުންގެ ބަޔަކު އަންނާތީ އަޅުގަނޑަށް ފެނިއްޖެ. އެމީހުންގެ އަދަދު އެނގުމުން އެއީ އިރުކޮޅެއްގެ ކުރީން ބައްގީގެ ފަހަތުންދިޔަ ސަވާރުން ކަމާމެދު އަޅުގަނޑުގެ ހިތުގައި ޝައްކު އުފެދިއްޖެ. މަޞްލަޙަތަށްޓަކައި އަޅުގަނޑު އެއްފަރާތަކަށް އަރައި ގަސްތަކުގެ ތެރޭގައި ފިލައިފިން. ސަވާރުން އައިސް އަޅުގަނޑު ހުރިތަނާ އަރާ ހަމަވި ވަގުތު އެކަކު ބުނި އަޑުއިވުނު. "ދެން އަހަރެމެންވީ މިމަގު ދޫކޮށްލައިފައި އެކިފަރާތްފަރާތަށް ވިއްސިވިހާލިވެގަންނަން."

(ނުނިމޭ)