ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.
ނަސީމަށް ރުހުން ދިނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިޜާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާ ރިޕޯޓަށް ވޯޓަށް އަހައިގެން، އޭނާއަށް ރުހުން އޮތްކަމަށް ފާސްކުރީ، ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން 66 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަން ކުރައްވާފައިވަނީ ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނަސީމް ހެލްތު މިނިސްޓަރުކަމަށް އައްޔަނުކުރެއްވި އިރު، އޭނާ ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގައެވެ. ނަސީމަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީީޕީގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ.
ނަސީމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަންވެސް ކުރައްވައިފައެވެ. އަދި ހާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ނަސީމް މަސައްކަތް ކުރައްވާފައިވާ އިރު، އޭނާއަކީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
އަމީން އިސްތިއުފާ ދެއްވާފައިވަނީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައި ވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު