އޭނާގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަލިކަށި ކޮށްލައި، އެމަނިކުފާނުގެ ސަރުކާރު ރޫޅާލުމަށް ހުށަހެޅި މައްސަލައެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީ ގުޅިގެން، އަމިއްލަ ދެ މެންބަރުން ހިމެނޭގޮތަށް، 11 މެންބަރަކު ސޮއިކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިމްރާންގެ އިތުބާރުނެތް ކަމުގެ މައްސަލައަށް، ޖަވާބުދާރީ ވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އެ މައްސަަލައަކީ ބަހަނާއެއް ކަމަށާއި، އެއީ ނެތް ރޮނގެއް ކުރަހައިގެން، ނުވާކަމެއް ވުޖޫދުކޮށް، ސިޔާސީ މަސްރަހު ހަލަނބޮލިކޮށް، ސަރުކާރު ބަލިކަށިކޮށް، އެ ހަލަބޮލި ކަމުގެ ހިޔަނީގައި، މި ސަރުކާރުން ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ހޯދި، ކާމިޔާބު ފުރޮޅައިލުމަށް ކޮށްފައިވާ ތުހުމަތުތަކެއް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މަޖިލީހަށް އެ މައްސަލަ ހުށަހެޅީ، ދެ ކަމަކަށް އަމާޒުކޮށް ގެންނެވެ.
އެއީ ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ މައްސަލައިގެ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި، ސަފާރީގައި ހިނގައިދިޔައީ ރޭޕެއް ނޫން ކަމަށާއި އަންހެނެއްގެ ޖިންސީ ގުނަވަނެއްގައި ހިފުމަކީ "ކަމެއްކުރިކަންވެސް ނޭނގޭ ފަދަ ކަމެއް ކަމަށް" ވިދާޅުވެ އެއީ ވަރަށް އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކައާ ގުޅިގެންނާއި، އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި ގެއްލުވާލައިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި އެކި ގޮތްގޮތަށް އެކި ފޯރަމްތަކުގައި ވާހަކަދައްކަމުންދާތީ، އެއީ ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމާއި ގާނޫނު ނަގަހައްޓައި ތަންފީޒު ކުރުމުގެ ޒިންމާ އުފުއްލަވާ ވަޒީރުގެ ގާބިލުކަމާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބުނެއެވެ.
އިމްރާން ވިދާޅުވީ، ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ ބޭނުމަށް ސަފާރީ މައްސަލައިގެ ހަގީގަތް ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ތަކުރާރުކޮށް ދަންނަވަން އެއްވެސް އަންހެނަކަށް، އެއްވެސް މިންވަރަކަށް ގޯނާއެއް، ފުރައްސާރައެއް، ކޮށްގެންނުވާނެ، އަދި އެ ފުރުސަތު ދެވިގެންވެސް ނުވާނެ، އަދި އެއީ ސީރިއަސްކަމެއްކަމުގައި ދެކިގެން ފިޔަވަޅުއަޅަންޖެހޭ، މިސަރުކާރުންއެފަދަ ކަންކަމުގައި ފިޔަވަޅު އަޅާނަން، މިކަމުގައި އަޅުގަނޑަށް ބުނެވިފައިވާ އެއްޗެއްގެ ސަބަބުން އެއްވެސް ބޭފުޅަަކަށް މިދެންނެވި ގޮތްނޫން ގޮތަކަށް ދޭހަވާނަމަ އެކަމަށް އެބޭފުޅެއްގެ ކިބައިން އަޅުގަނޑު މައާފަށް އެދެން،" އެ މައްސަލައިގައި ދެއްވި ވާހަކައަށް އިޝާރާތް ކުރައްވައި އިމްރާން ވިދާޅުވިއެވެ.
ޑރ.އަފްރާޝީމް އަޅީގެ މަރުުގެ މައްސަލައާ ބެހޭގޮތުން، އިމްރާން ވިދާޅުވީ، މެއިޑޭ މުޒާހަރާގައި ގެންގުޅުއްވި ކަރުދާސް ތަކަކީ އަސްލެއްނޫން ކަމަށް ޜޭޑިއޯ ޕްރޮގްރާމްގައި ވިދާޅުވީ އެއީ އަސްލުން، ނަގާފައިވާ ކޮޕީތަކެއް ކަމަށް ދެންނެވުމުގެ ބޭނުމުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު