ސްޕެއިންގެ ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ގިނަ ދުވަސްތަކަކަށް ކުޅުމުން ދުރަށް ދާން ޖެހިއްޖެ އެވެ.
އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސާއިން ކުޅުނު މެޗުގައި ޕީކޭގެ ކަކުލަށް އަނިޔާވެ، ބާސާއިން ވަނީ އިތުރު ސްކޭންތައް ހަދައިފަ އެވެ.. ސްކޭންތައް ދައްކާ ގޮތުން، ޕީކޭގެ ލަޓެރަލް ލިގަމެންޓުގެ އެތެރެއަށް އަނިޔާވުމުގެ އިތުރުން ކްރުސިއޭޓް އެންޓީރިއާ ލިގަމެންޓަށް ވެސް ވަނީ ކޮންމެ ވެސް ވަރެއްގެ އަނިޔާތަކެއް ލިބިފަ އެވެ.
ބެލެވޭ ގޮތުގައި އުމުރުން 33 އަހަރުގެ ޕީކޭއަށް ގާތްގަނޑަކަށް ތިން މަހާއި ފަސް މަހާއި ދެމެދުގެ މުއްދަތަކަށް ކުޅުމުން ދުރަށްދާން ޖެހޭނެއެވެ. ބާސާގެ އަރިމަތިން ކުޅޭ ޑިފެންޑަރު ސާޖީ ރޮބާޓޯއަށް ވެސް އަނިޔާވެފައިވާއިރު، ފަލަމަސް ގަނޑަށް ލިބިފައިވާ އެ އަނިޔާގެ ސަބަބުން ރޮބާޓޯއަށް ވެސް ގާތްގަނޑަށް ދެ މަސް ދުވަސް ގެއްލޭނެ އެވެ.
ބާސާ އިން އުނދަގޫ ހާލަތެއްގައި ސީޒަން ފަށާފައިވާއިރު، އެންމެފަހުން އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެޓީމު ވަނީ ތާވަލުގެ 10 ވަނަ އަށް ވެއްޓިފަ އެވެ. ބާސާ އިން މިދިޔަ ސީޒަން ވެސް މާޔޫސް ކަމުގައި ނިންމާލާފައިވާއިރު، އެ ޓީމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުލަބްގެ އެތެރޭގައި ސިޔާސީ މައްސަލަތައް ބޮޑުވުމެވެ.
އެގޮތުން ކުލަބްގެ ކެޕްޓަން ލިއޮނަލް މެސީ އާއި ބޯޑާ މައްސަލަތަކެއް ޖެހި، މެސީ ބާސާ ދޫކޮށްލަން ވެސް އެދިފައިވެ އެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ބާސާ ބޯޑު އެއްކޮށް އިސްތިއުފާ ދިންތަން ވެސް ފެނިގެން ދިޔައެވެ.