ޖަޕާނުން ކޯސްޓްގާޑަށް 117 މިލިއަން ރުފިޔާ ދިނުމަށް އެކްސްޗޭންޖް އޮފް ނޯޓްސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖޭގެ ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް 117 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކޮށްފައިވަނީ މިއަދު އެކަމަށް ހާއްސަކޮށްގެން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.
މި އެހީގެ ދަށުން ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އިތުރުން ސަބް ރީޖަނަލް ސެންޓަރުތަކާ ކޯސްޓްގާޑު އުޅަނދުފަހަރުގެ ގާބިލުކަން އިތުރު ކުރެވިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި އެންމެ ފަހުގެ މުވާސަލާތީ އާލާތްތަކާއި، މީހުން ހޯދާ ސަލާމަތްކުރުމުގައި ބޭނުންކުރާނެ އާލަތްތަކުގެ އިތުރުން ކޯސްޓްގާޑަށް ބޭނުންވާ ޑައިވް އިކުއިޕްމަންޓް ޖަޕާނު ސަރުކާރުގެ މި އެހީއާއެކު ހޯދޭނެ ކަމަށް ފޮރިން މިނިސްޓްރީން ފާހަގަކުރެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ. އެގޮތުން ކަނޑުފޭރުން، ހައްދުފަހަނައަޅައި ދިއުން އަދި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި ދެގައުމު އިތުރަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި ވާހަކަ ދެއްކެވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޔާނާއީ ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، ޖަޕާން ސަރުކާރުން ރާއްޖެއަށް ވަމުން އަންނަ އެހީތެރިކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން، އެމްއެންޑީއެފް، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އަދި ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަޕާނުން ރާއްޖެއަށް 117 މިލިއަން ރުފިޔާގެ އެހީ ދިނުމަށް އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެވިގެން ދިއުމަކީ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ރަމްޒެއްގެ އިތުރުން ކާރިސާތަކަށް އިޖާބަދިނުމާއި މީހުން ސަލާމަތްކުރުމުގެ ދާއިރާއިން ދެގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ ރަމްޒެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޖަޕާނުން ވަނީ 21 ޕެރަމެޑިކް އެމްބިއުލާންސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. ޖަޕާނު ސަރުކާރުން ހަދިޔާކުރި 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި އެހީގެ ދަށުން ހަދިޔާކުރި އެމްބިއުލާންސް، 15 އަތޮޅެއްގެ 21 ރަށަށް ވަނީ ހަދިޔާކޮށްފައެވެ.