ޚަބަރު

މަލީހުގެ ރައްދު އެމްޑީޕީއަށް: އަމިއްލަ ސަންދޯކަށް ތިޖައްސަވަނީ މޮހޮރު!

އިބްރާހިމް ޒަކީ

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމުގެ މަގާމުން މުހައްމަދު މަލީހް ޖަމާލް، ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމުމާ ގުޅިގެން އެމްޑީޕީން މިހާރު އެ ދަނީ އަމިއްލަ ސަންދޯކަށް މޮހޮރު ޖަހަމުން ކަމަށް ވިދާޅުވެ، މަލީހު އެމްޑީޕީއަށް ރައްދު ދެއްވައިފިއެވެ.

ބޮޑެތި ފާޑުކިތުންތަކާއެކު، އެމްޑީޕީއަށް ރައްދުދެއްވަމުން މަލީހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަޒީރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގައި މަގާމުން ދުރުކުރަން އެމްޑީޕީން ކުރާ މަސައްކަތްތަކަކީ މަކަރުވެރި، ހީލަތްތެތި ގޮތެއްގައި ކޯލިޝަންގެ މިނިސްޓަރުން ބޭރުކުރުމަށް ރާވައިގެން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕު މެންބަރުން މަލީހާ މެދު ހިތްހަމަޖެހިވަޑައިނުގަތީ، ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން ވީޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެ ޕްރޮގްރާމުގައި ބަރުލަމާނީ ނިޒާމާ ދެކޮޅަށް މަލީހު ދެއްކެވި ވާހަކަތަކާ ގުޅިގެން، ބޮޑެތި ނުރުހުންތަކެއް އެމްޑީޕީން ވަނީ މަލީހަށް ކުރިިމަތިކުރުވައިފައެވެ.

ނަމަވެސް މަލީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ހަދަން ޖެހޭ ގަވާއިދުތަކެއް މަލީހުގެ ވަޒީރު ކަމަށް ދެ އަހަރުވި އިރު ވެސް ހެދިފައިނުވާ ކަމަށެވެ. އެއީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމަކޮށް، ރެގިއުލޭޓްކޮށް ހިންގަން ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި އެ ގަވާއިދުތައް ނުހެދި ލަސްވާ ކޮންމެ ދުވަހަކު ދައުލަތާއި ރައްޔިތުންނަށް ގެއްލުންތަކެއްވާ ކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މަލީހު ވިދާޅުވީ، އެއީ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުން ކަމަށެވެ.

"އަޅުގަނޑުގެ ދޫ މޯގޭޖް ކޮށްފައި، އޭގެ ސެޓްފިކެޓް އެވެރިންނާ ހަވާލުކޮށްފައެއް ނުވާނެ. މަކަރުވެރި ހީލަތްތެތި ގޮތެއްގައި ކޯލިޝަންގެ މިނިސްޓަރުން ބޭރު ކުރުމުގެ ނުބައި ޕްލޭން ކުރިއަށް އެ ގެންދަވަނީ. މުޅި އެތި ޖަހައިގަތުމުގެ ޕްލޭން، ސުޕަ މެޖޯރިޓީ، ސުޕަ މައިނޯރިޓީއަށް ވެސް ބަދަލުވެދާނެ،" މަލީހު ވިދާޅުވިއެވެ.

މަލީހު އިތުރަށް ވިދާޅުވީ، "ތިމަންނާމެންގެ ވެރިކަމެއްގައި ގާނޫނުއަސާސީގެ މާއްދާ 27 އަށް އިތުބާރު ނެތްކަމަށް ތިޔަ ފާސްކުރީ. ތިޔައީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ތާޖު އަޅުއްވައިގެން އުޅުއްވާ ބޭފުޅުން، ބައިކޮޅަށް ޖެހި ގޯލެއް. އަމިއްލަ ސަންދޯކަށް ތިޔަ ޖައްސަވަނީ މޮހޮރު،" ކަމަށެވެ.