ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިރުބާރު ނެތްކަމުގެ މައްސަަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އެ މައްސަލަ ހުށަހެޅުމާއެކު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުން ވަނީ އޭނާއަށް 14 ދުވަހުގެ ނޯޓިހެއް ދީފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންްޑާގައި ފުރަތަމަ ކަމަކަށް އޮތީ، މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވަނީ، ބަޖެޓް ބަހުސް ނިމުމުން އެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ދެ ގަޑިއިރަށް ކުރިއަށް ގެންދިއުމަށް އާއްމު ކޮމިޓީން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ބަހުސްގައި، ބަހުސް ފެށުމުގެ ކުރިން ދިފާއުގައި ވާހަކަދެއްކެވުމަށް މިނިސްޓަރަށް 10 މިނެޓް، ބަހުސްގެ މެދުތެރެއިން 10 މިނެޓް އަދި ބަހުސް ނިމުމުން 10 މިނެޓް ދިނުމަށް ވެސް ކޮމިޓީން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްފަހު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެ މައްސަލަ މަޖިލީހަށް ވެއްދީ 11 މެންބަރެއްގެ ސޮޔާއެކުގައި ކަމަށެވެ. އެއީ ޕީޕީއެމް/ ޕީއެންސީ ކޯލީޝަންގައި ތިއްބެވި ނުވަ މެންބަރުންގެ އިތުރުން އަމިއްލަ ދެ މެންބަރުން ކަމަށްވާ، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްގެ ސޮޔާއެކު އެވެ.

އިދިކޮޅުން މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައިވަނީ، ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ މައްސަލައިގެ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި، ސަފާރީގައި ހިނގައިދިޔައީ ރޭޕެއް ނޫން ކަމަށާއި އަންހެނެއްގެ ޖިންސީ ގުނަވަނެއްގައި ހިފުމަކީ "ކަމެއްކުރިކަންވެސް ނޭނގޭ ފަދަ ކަމެއް ކަމަށް" ވިދާޅުވެ އެއީ ވަރަށް އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކައަކީ ހޯމް މިނިސްޓްރީއާ ހަވާލުވެ ހުންނެވި ވަޒީރުގެ ހައިސިއްޔަތުން އޭނާގެ ގާބިލުކަމާއި ޒިންމާދާރުކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

އިމްރާންގެ އެ ވާހަކަތަކުގެ ސަބަބުން، ތަހުގީގު ކުރެވެމުން އަންނަ މައްސަލައަކަށް މިނިސްޓަރު ނުފޫޒު ފޯރުވުން ކަމަށް ބެލެވޭ ކަމަށާއި އަދި އެއްވެސް މައްސަލައެއްގެ ކުޑަ ބޮޑުމިން ކަނޑައެޅުމަކީ މިނިސްޓަރަށް ލިބިގެންވާ ބާރަކަށް ނުވާތީއާއި މި ވާހަކަތަކުގެ ސަބަބުން އަންހެނުންނަށް ކުރެވޭ މިފަދަ އަނިޔާތަކަށް އިންސާފު ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން، އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި ގެއްލުވާލައިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި އެކި ގޮތްގޮތަށް އެކި ފޯރަމްތަކުގައި ވާހަކަދައްކަމުންދާތީ، އެއީ ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމާއި ގާނޫނު ނަގަހައްޓައި ތަންފީޒު ކުރުމުގެ ޒިންމާ އުފުއްލަވާ ވަޒީރުގެ ގާބިލުކަމާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް މައްސަލައިގައި ބުނެފައިވެ އެވެ.

އެކަންކަމުގެ ސަބަބުން ހަމަހަމަ ކަމާއެކު އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލު ކުރެވޭތީ އާއި ގާނޫނު އަސާސީގެ 132 ވަނަ މާއްދާގެ ދަށުން ވަޒީރު ކަމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވޭތީއާއި އަދި އެ މާއްދާގެ (ކ)ގައި ބަޔާން ކުރެވިފައިވާ ރައްޔިތުންގެ ސަލާމަތްތެރިކަން ދަމަހައްޓައި ރައްޔިތުންގެ އާންމު ފައިދާ ރައްކާތެރިކުރުމަށް މަސައްކަތް ނުކުރެވޭތީ މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ ކަމަށް މައްސަލައިގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރި އިރު، އޭނާ ވަކިކުރަން އިދިކޮޅު ކޯލިޝަނުން ހުށަހަޅާފައިވާ މައްސަލައަށް ތާއީދު ނުކުރަން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފަ އެވެ.