Close Election
Close
ޚަބަރު

ޑީޖޭއޭއިން ކުށުގެ ރެކޯޑް ސާފުކޮށްދޭން ފަށައިފި

އަލީ އަފާފު ރަމީޒު

ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންތައްތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ބަދަލުކޮށްފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް އެޓާނީ ޖެނެރަލް ކަނޑައަޅަން ޖެހެއެވެ. އެގޮތުން ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއަކީ ޑީޖޭއޭ ކަމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވަނީ ކަނޑައަޅުއްވައިފައެވެ.

ޑީޖޭއޭއިން ބުނީ މާދަމާއިން ފެށިގެން ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންތައްތައް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކުށުގެ ރެކޯޑް ސާފުކުރަން އެދޭ ފޯމް އެ އިދާރާއަށް އީމެއިލް މެދުވެރިކޮށް ވެސް މިހާރު ހުށަހެޅޭނެ ކަމަށާއި އެގޮތަށް ހުށަހަޅާ ފޯމަށް އީމެއިލުން ވެސް ޖަވާބު ދޭނެ ކަމަށެވެ.

ޑީޖޭއޭއަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުންތައް:

  • ރެކޯޑު ސާފުކުރާ ފޯމު (ފޯމު ފުރިހަމަކުރާއިރު ދާއިމީ އެޑްރެހަށް އައިސްފައިވާ އެންމެހައި ބަދަލުތައް އަދި ދަފުތަރު، ފުލެޓު ނުވަތަ ހުޅުމާލޭގެ އެޑްރެހުގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމަށްވާނަމަ އެ އެޑްރެހަކަށް ބަދަލުވުމުގެ ކުރީގެ ދާއިމީ އެޑްރެސް އެނގޭނެހެން ފުރިހަމަކުރުން)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް
  • ދިވެހި ރައްޔިތެއް ނޫންނަމަ ޕާސްޕޯޓުގެ ސާފު ކޮޕީއެއް
  • ކޮމްޕެނީއެއްގެ ރެކޯޑު ސާފުކުރާނަމަ ކޮމްޕެނީގެ ރަޖިސްޓަރީގެ ކޮޕީއެއް
  • ފޯމުގެ ވެރިފަރާތާ ގުޅޭނެ ފޯނު ނަންބަރު

ގާނޫނުގައި ބުނާގޮތުން މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާ އެޓާނީ ޖެނެރަލް ކަނޑައެޅުއްވުމާއެކު ހަ މަސް ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް ޑީޖޭއޭ އިން ހަމަޖައްސަން ޖެހޭނެއެވެ.

މީގެ ކުރިން ކުށުގެ ރެކޯޑް ސާފުކުރަން ޖެހެނީ އެކި ކޯޓުތަކަށް ވަކިވަކިންނާއި މުއައްސަސާތަކަށް ވެސް ވަކިވަކިން ފޯމު ހުށަހަޅައިގެންނެވެ. އެހެންކަމުން ކުށުގެ ރެކޯޑް ސާފުކުރަން އާންމުކޮށް ވަރަށް ގިނަ ދުވަސް ނަގައެވެ.

ނަމަވެސް މި ފަހުން ކޮވިޑާ ގުޅިގެން ކުށުގެ ރެކޯޑް އޮންލައިންކޮށް ސާފުކުރެވޭނެ ގޮތް ޑީޖޭއޭ އިން ހަމަޖެއްސިއެވެ.