ޚަބަރު

ކުޑަކުދިންގެ ހިިޔާގެ ކޮމްޕިއުޓަރު ލެބަށް ބޭނުންވާ ބައެއް ތަކެތި ދިރާގުން ހަދިޔާކޮށްފި

މަރިޔަމް ޝަހުދާ

ކުޑަކުދިންގެ ހިިޔާގެ ކޮމްޕިއުޓަރު ލެބަށް ބޭނުންވާ މުހިންމު ވަސީލަތްތަކެއް ދިރާގުން ހަދިޔާކޮށްފިއެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓަރު ލެބަށް ބޭނުންވާ 23 ކޮމްޕިއުޓަރު ޑެސްކު، އިތުރު ފަސް ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާ ކުރި ކަމަށް ދިރާގުން ބުނެއެވެ. މީގެ އިތުރުން ދިރާގު ފައިބާ 100އެމް އިންޓަނެޓް ކަނެކްޝަނަކާއި ދިރާގު ޓިވީ ކަނެކްޝަނެއް ހަދިޔާ ކުރި ކަމަށް ދިރާގުން ބުނެއެވެ.

ހަމައެއާއެކު ކުޑަކުދިންގެ ހިޔާގެ މެނޭޖްމަންޓްގެ އެދުމުގެ މަތިން ހިޔާގެ ދެ ލެބަށް ބޭނުންވެފައިވާ މަރާމާތުކުރުމުގެ ބައެއް މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވެސް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި މީގެ ކުރިންވެސް އެކުންފުނިން ވަނީ ކުޑަކުދިންގެ ހިޔާގެ އެކިއެކި ފްލޯތަކަށް ހަތް ދިރާގު ޓީވީ ކަނެކްޝަން ހަދިޔާކޮށްފައެވެ. އަދި އެ ކުދިންގެ އޮންލައިން ކްލާސްތައް ހިންގުމަށް ދިރާގުން އަންނަނީ ފައިބާ އިންޓަނެޓުގެ ހިދުމަތް ހިލޭ ފޯރުކޮށްދެމުން ކަމަށް ދިރާގުން ބުނެއެވެ.

އެކަމާ ގުޅިގެން ކުޑަކުދިންގެ ހިޔާގެ ސީއީއޯ މޫމިނާ އާދަމް ވަނީ ދިރާގުން ވޭތުވެދިޔަ 12 އަހަރު ކުޑަކުދިންގެ ހިޔާއަށް ވެދެމުން އަންނަ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި ދިރާގުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު ދަންނަވައިފައެވެ. އަދި އެ ކުދިންގެ ކިޔެވުމަށާއި، މުނިފޫހިފުލުވުމަށް ދިރާގުން ފޯރުކޮށްދީފައިވާ ދިރާގު ޓީވީ އަދި އިންޓަނެޓަކީ ވަރަށް މުހިންމު ދެ ވަސީލަތް ކަމަށް މޫމިނާ ވިދާޅުވިއެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިންގެ ތައުލީމާއި އަދި ކުރިއެރުމަކީ އެކުންފުނިން ނުހަނު އިސްކަމެއްދޭ ކަމަށް އެކުންފުނިން ބުނެއެވެ. އަދި މީގެ ކުރިންވެސް އެ ކުންފުނިން ކުޑަކުދިންގެ ހިޔާތަކަށް އެކި ގޮތްގޮތުން އެހިތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން ދިރާގުން އެންމެ ފުރަތަމަ ކޮމްޕިއުޓަރު ލެބް ކުޑަކުދިންގެ ހިޔާގައި ގާއިމުކުރުމަށް އެހީތެރިވެފައިވަނީ 2013 ވަނަ އަހަރު ކަމަށާއި ހަމަ އެއަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި ލައިބްރަރީއެއް ވެސް ގާއިމުކޮށްދީފައި ކަމަށް ދިރާގުން ބުނެއެވެ. އޭގެ އިތުރުން ދިރާގުން ވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތި"ގައި އިންޓަނެޓުގެ ހިދުމަތް ހިލޭ ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު ހަަތަރު ކްލާސްރޫމްގައި ގާއިމުކޮށްދީފައެވެ.