ޚަބަރު

ރާއްޖެ އާއި އީޔޫގެ ޕޮލިސީ ޑައިލޮގް ބައްދަލުވުން ހޯމަ ދުވަހު

އަލީ އަފާފް ރަމީޒު

ދިވެހިރާއްޖެ އިން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއެކު ބާއްވާ ޕޮލިސީ ޑައިލޮގްގެ ފަސްވަނަ ބައްދަލުވުން އަންނަ ހޯމަ ދުވަހު ބާއްވަން ތައްޔާރުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އިން އީޔޫއާއެކު ބާއްވާ ޕޮލިސީ ޑައިލޮގްގެ ފަސްވަނަ ބައްދަލުވުން އަންނަ ހޯމަ ދުވަހު ވާޗުއަލްކޮށް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ޕޮލިސީ ޑައިލޮގްގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް ކުރެވެމުން އަންނަ މަސައްކަތްތަކާއި ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ.

މީގެ އިތުރުން މަސްވެރިކަމާ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި ތަރައްގީގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރާނެއެވެ. އަދި ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގެ އިތުރުން މާލީ ދާއިރާއާ ޑިމޮކްރަސީއާ އިންސާނީ ހައްގުތަކާއި ސަލާމަތީ އެއްބާރުލުން އަދި ޝެންގެން ވިސާއާ ބެހޭގޮތުން ބައްދަލުވުމުގައި މަޝްވަރާކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ޕޮލިސީ ޑައިލޮގްގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އީޔޫގެ ވަފުދުގައި އިސްކޮށް ހުންނަވާނީ އީޔޫ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއެވެ.

ރާއްޖެ އާއި އީޔޫއާ ދެމެދު އެކި ދާއިރާތަކުން ހަރުދަނާ ގޮތެއްގައި މަޝްވަރާކޮށް، އިތުރަށް ގުޅުން ބަދަހިކުރުމަށް ބާއްވާ މި ޑައިލޮގަކީ އަހަރު އެއް ފަހަރު ބާއްވާ މަޝްވަރާތަކެކެވެ. މި ޑައިލޮގްގެ އިތުރުން ރާއްޖެ އާއި އީޔޫއާ ދެމެދު ސީނިއާ އޮފިޝަލުންގެ ބައްދަލުވުމެއް އަހަރަކު އެއް ފަހަރު ބޭއްވުމަށް ނިންމައި، ފުރަތަމަ ބައްދަލުވުން މިއަހަރު ފެބްރުއަރީ މަހު މާލޭގައި ވަނީ ބާއްވައިފައެވެ.