ޚަބަރު

ތުއްތު ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި މާމަ އާއި ދޮންކާފަގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ

އިބްރާހިމް ޒަކީ

ށ. ފޭދޫގައި 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި އެ 15 އަހަރުގެ ކުއްޖާގެ މަންމަ، ށ. ފޭދޫ ވައިމަތީއާގޭ އަޒީޒާ އިބްރާހިމާއި އެ ކުއްޖާގެ ދޮންބައްޕަ، އެ ރަށު ބުލޫހެވަން އަބްދުލްޣަފޫރު ގާސިމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ. މި މައްސަލައަކީ 2012 ވަނަ އަހަރު ހިނގާފައިވާ މައްސަލައެކެވެ.

މި މައްސަލައިގެ ދައުވާ އެންމެ ފުރަތަމަ އުފުލީ 2013 ވަނަ އަހަރުއެވެ. ނަމަވެސް އެ ދައުވާ އަނބުރާ ގެންދިއުމަށްފަހު ދެވަނަ ފަހަރަށް މި ދައުވާ އުފުލާފައިވަނީ 2016 ވަނަ އަހަރުގައެވެ.

މި މައްސަލައިގައި ދެމީހުންގެ މައްޗަށް ކުރި ދައުވާއަށް މީގެ ކުރިން ދެމީހުން ވެސް ވަނީ އިންކާރުކޮށްފައެވެ.

މި ދައުވާގައި ބުނެފައިވަނީ 2012 އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައި އަންހެން ކުއްޖާ ވިހެއި ތުއްތު ދަރިފުޅަށް، ބަލިވެ އިނީއްސުރެ ވިހެއުމާ ހަމައަށް ވެސް އޭނާ ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށެވެ.

އެ ތުއްތު ދަރިފުޅުގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނުވާ ކަމަށާއި އޭނާ ބަލިވެ އިންކަން ސިއްރުކޮށް އޭނާ ވިހަން އުޅޭކަން އެނގުމުން ވެސް އެ ދެ މީހުން އޭނާ ހޮސްޕިޓަލަށް ފޮނުވާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ސިއްހީ ގޮތުން އެކަށީގެން ނުވާ ގޮތަކަށް އެކުއްޖާ ވިހާފައިވާ އިރު، ފޭދޫ ވައިމަތީއާގޭ ގިފިލިތެރޭގައި ތުއްތު ދަރިފުޅު ވަޅުލި ކަމަށާއި އެ ކުއްޖާ މަރުވެފައިވަނީ އެ ދެ މީހުންގެ ބައިވެރިވުމާއި އިހުމާލުން ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައިވެއެވެ.