އިސްލާމީ ތާރީޚު

ޔޫސުފު ބިން ތާޝްފީން 16

އަބްދުﷲ ފާރޫގް ހަސަން

19 ނޮވެމްބަރުގެ އަދަދާ ގުޅޭ)

ބައްގީ ފުރިއިރު إدريـس އާއި ميـمــونـة އާ ދެބޭފުޅުން ބޭރުގައި ބައްގީއާ ދިމާއަށް ބަލަހައްޓަވައިގެން ތިއްބެވިއެވެ. އޭގެފަހުން ތިންވަނައަށްވީ ދުވަހު المـــاس عبـدالمـنعــم ގެ ގޭގެ ދޮރުކޮޅުމަތީގައި ހުއްޓެވެ. އޭނާ ހުރީ ޣަރުނާޠާއަށް ފުރައިގެންދާ ބައްގީއަކާ ދިމާއަށް ބަލަހައްޓައިގެންނެވެ. سعد ކުޑަދޮރުން އިސްތަށިފުޅު ނެރުއްވައިފައި ވިދާޅުވިއެވެ. "المـــاس ބޭބެ! إدريـس އަރިހަށްދާން ހަނދާންކުރާތި!"

މޫސުން ހައްތާ ދިޔައީ ނުބައިވަމުން

سـكيـنـة އޭނާއާއި އޭނާގެ ބޭފުޅުން ތިއްބެވުމަށްޓަކައި ޣަރުނާޠާއިން ގެއެއް ބައްލަވައިގެންނެވިއެވެ. ޤުރުޠުބާގައިހުރި އެބޭފުޅުންގެ ބަގީޗާތަކާއި ދަނޑުފަނގުތަކުން ލިބިވަޑައިގަންނަވާ އާމްދަނީ އެބޭފުޅުންގެ ޚަރަދު ބަރަދަށް ފުދިފައި އިތުރުވާވަރުވެއެވެ. عبـدالمـنعــم ޖަލަށްލެވުމުގެ ކުރީން ދާއިމީ އެހީ ދެއްވަމުން ގެންދެވި ޔަތީމުންނަށާއި، ހުވަފަތް އަންހެނުންނަށް ދެއްވާ އެހީ ކަނޑުއްވައިލައްވާކަށެއް سـكيـنـة ގެ ހިތްޕުޅު ހަމަޖެހިވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން سـكيـنـة އެ އެހީތައް ދެމެހެއްޓެވިއެވެ.

معـتـمـد ގެ ފަރާތްޕުޅުން ޤުރުޠުބާގައި ތިއްބަވާ ވެރީންނާއި، ކާރުދަވެރީން ރައްޔިތުންގެ ތަނަވަސް މީހުންގެ އަތުން ނަގާ ޓެކްސް ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. އެބޭފުޅުންގެ ޢައްޔާޝީ ދިރިއުޅުއްވުން އިތުރަށް ތަރައްޤީކުރެއްވުމަށްޓަކައި ބޭނުންފުޅުވާ ތަނަވަސްކަން ހޯއްދެވުމަށްޓަކައެވެ. އަލްފާންސޫގެ ވާރު އަދާކުރެއްވުމަށްޓަކައިވެސްމެއެވެ. المـــاس ވަނީ އޭނާގެ އަތުން އަތުލާ ޓެކްސް އަހަރުން އަހަރަށް އިތުރުކުރެއްވުމުގެ އިތުރަށް އެބޭފުޅުންގެ އަމިއްލަފުޅު މުހުތާދުގައިވެސް އޭނާގެ އަތުން މަޖުބޫރުން ފައިސާ އަތުލައްވާ ވެރީންގެ ލިސްޓެއް ތައްޔާރުކޮށްފައެވެ. އޭނާ ކޮންމެ އަހަރަކުވެސް ޣަރުނާޠާއަށް އާދެއެވެ. ބިންތަކާއި ބަގީޗާތަކުގެ ހުރިހާ އާމްދަނީއެއް سـكيـنـة ގެ ކުރިފުޅުމައްޗަށް ހުށަހަޅައެވެ. އޭނާ ގެންނަ ފައިސާގެ ހިސާބު ބެއްލެވުމުގެ މައްޗަށް ބާރުއަޅައެވެ. ނަމަވެސް سـكيـنـة ވިދާޅުވިއެވެ. "ނޫން. المـــاس! ކަލެއަށް ހިސާބު ހުށަހަޅާކަށެއް ޖެހޭނެ." އޭނާ ކަންބޮޑުވެގެން سعد ގާތު ޝަކުވާކުރެއެވެ. "سعد ނިކަން ބައްލަވާ! ދަރިފުޅު މިހާރު ބޮޑުވެއްޖެ. ދަރިފުޅު ބޮޑުބޭބެ ގެންނަ އެއްޗެހީގެ ހިސާބު ބައްލަވާ!"

سعد ވިދާޅުވެއެވެ. "ނޫން! ބޮޑުބޭބޭ! ބޭބެ އަތަކުން ބައްޕަވެސް ހިސާބެއް ނުއަތުލައްވާ!"

المـــاس ޖަވާބުދެއެވެ. "ދަރިފުޅާ سعد! އެއީ މުޅީން އެހެން ދުވަސްވަރެއް. މިހާރު ކޮންމެ އަހަރަކުވެސް ބޮޑުބޭބެ ދަރިފުޅަށް ތަފްސީލުކޮށް މަޢުލޫމާތު އަރުވަން ބޭނުން އެތައްކަމެއް އަންނަނީ އިތުރުވަމުން. ދަރިފުޅު ވާނީ އެވާހަކަތައް އަޑުއައްސަވަން. އެހެންނޫނީ ބޮޑުބޭބެ ހިތްހަމައެއް ނުޖެހޭނެ! ބޮޑުބޭބެ ރުޅިވާނަން. أحمد، حسن ތިޔަ ދެބޭންވެސް އިށީނދެވަޑައިގަންނަވާ!"

އެބޭފުޅުން މަޖުބޫރުވެވަޑައިގެން المـــاس ގެ ކުރިމަތީގައި އޭނާ ދަންނަވާ ވާހަކަތައް އަޑުއައްސަވަން ތިއްބަވައެވެ. سـكيـنـة އާއި އޭނާގެ ދައިތަވެސް ފަރުދާގެ ނިވަލުގައި ތިއްބަވައި المـــاس ގެ ވާހަކަ އަޑުއައްސަވައެވެ. ބައެއްފަހަރަށް أبــوصــالح ވެސް المـــاس ގެ ވާހަކައަށް ސަމާލުކަން ދެއްވައެވެ. المـــاس އާމްދަނީގެ ތަފުސީލު ދިނުމަށްފަހު ޚަރަދުގެ ވާހަކަ ކިޔައިދޭން ފެށުމުން އެވާހަކަ ބަދަލުވެގެންދަނީ އެހުރިހައި ބޭފުޅުންވެސް ވަރަށް ޝައުޤުވެރިކަމާއެކު އަޑުއައްސަވާ ވާހަކަ އަކަށެވެ.

"سعد! އަޑުއައްސަވާ! މިދިޔަ އަހަރު معـتـمـد ޤުރުޠުބާގައި އާއްމު ހަތަރު ދަރުބާރު ބޭއްވެވި ސާޅީސް ޖާފަތް ދެއްވި. ޅެންވެރީންނާއެކު ހަވީރު ކުރެއްވުމުގެ ފަންސާސް ބައްދަލުވުން ބޭއްވެވި. އެހެންކަމުން ރައްޔިތުންގެ އަތުން އިތުރަށް ޓެކްސް އަތުލެއްވި. މިދިޔަ އަހަރު އަލްފާންސޫއަށް ދެއްވަން ޖެހިވަޑައިގެންނެވި ޖިޒީވެސް ކުރީ އަހަރަށްވުރެ ދެގުނަ އިތުރު. އެހެންކަމުން އަޅުގަނޑުމެންގެ އަތުން ޚާއްޞަ ޓެކުހެއް ނެންގެވި. އޭގެ އަދަދަކީ މިވެނި ވަރެއް. ޤުރުޠުބާގެ ގަވަރނަރ ވަނީ އޭނާގެ މޭޒުކޮޅުމައްޗަށް އިތުރު ޓެކުހެއް ނަންގަވައިފައި. މީހުން ވާހަކަ ދައްކާގޮތުގައި އެފައިސާ ހޭދަކުރެވުނީ ފަރަންސޭސިވިލާތުން ބަނގުރާ އެތެރެކުރައްވަން. އެކަމަށް އަޅުގަނޑުގެ އަތުން މިތައް ދީނާރު އަތުލެވުނު. މަލަކާ ރަމީކިއްޔާ މިދިޔަ އަހަރު ޤުރުޠުބާގައި އިންނެވީ އެއްމަސްދުވަހު. އެކަމަކު މިއަހަރު އޭނާ ތިންމަސްދުވަހު ޤުރުޠުބާގައި އިންނެވި. އެހެންކަމުން އަޅުގަނޑުމެން ދައްކަންޖެހޭ ޓެކްސްގެ ކޮންމެ ދީނާރަކަށް މިތައް ދިރުހަމް އިތުރުވި. މިހާރު ޚަބަރު ލިބޭގޮތުގައި ރަމީކިއްޔާ އުޅުއްވަނީ މުސްތަޤިއްލު ގޮތަކަށް ޤުރުޠުބާއަށް ބަދަލުވެވަޑައިގަންނަވަން އެކަމާހުރެ ޤުރުޠުބާގެ ފޯރާމީހުންގެ އެތައްބަޔަކު މިހާރު ތިބީ ރަށް ދޫކޮށްލައިފައި ފިލައިގެން ދިޔުމުގެ ފިކުރުގައި."

ޚަރަދުތަކުގެ ތަފުސީލު ދިނުމަށްފަހު المـــاس އޭނާގެ ޖީބުން ކަރުދާސްގަނޑެއް ނަގައިފައި سعد ގެ އަތްޕުޅަށް އަރުވަމުން ދެންނެވިއެވެ.

"މިކަރުދާސް ރަނގަޅަށް ރައްކައުކުރައްވައިފައި ބާއްވަވާތި! މިއީ އަޅުގަނޑުގެ އަތުން ގަދަކަމުން ފައިސާ އަތުލެއްވި ބޮޑުންގެ ލިސްޓެއް. މި އީމާންތެރިކަމެއް ނެތް. ރިޝްވަތު ހިފާ މީހުންގެ ހިސާބު ބެލެވޭނެ ދުވަސް އިރާދަކުރެއްވިއްޔާ މާދުރެއް ނޫން. އެދުވަހެއްގެ ކުރީން އަޅުގަނޑު މަރުވެއްޖެނަމަ މީގެތެރެއިން އެކިމީސްމީހުންގެ އަތުން ވަކިލާރިކޮޅުކޮޅަށް ދަންދެން އަތުލެއްވުމަކީ سعد ގެ ވާޖިބެއް."

* * * * * * * * * * *

عبـدالمـنعــم ހައްޔަރުވެވަޑައިގަތުމާއި، ޤުރުޠުބާ ދޫކޮށްލައްވައިފައި ޣަރުނާޠާއަށް ވަޑައިގަންނަވާން ޖެހިވަޑައިގަތުމުން سعد އާއި، أحمد އާއި، حسن ގެ ޙަޔާތްޕުޅަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. އެބޭފުޅުންގެ މަންމާފުޅުގެ ތަރުބިޔަތުގެ ސަބަބުން އެބޭފުޅުން ތުއްޕުޅު އިރުއްސުރެވަނީ ޤައުމުގެ މާޒީއާއި ޙާލާއި މުސްތަޤުބަލާމެދު ވިސްނައިވަޑައިގަތުން އާދަވެފައެވެ. އެބޭފުޅުންގެ ޅިޔަންބޭބެ އެބޭފުޅުން ޢަސްކަރީ ސްކޫލަށް ވައްދަވައިދެއްވިއެވެ.

މިދެންނެވި ޢަސްކަރީ ސްކޫލަކީ އެއްދުވަސްވަރެއްގައި އަންދަލުސުގެ މުސްލިމުންގެ ވަރަށް ފަޚުރުވެރި އިދާރާއެކެވެ. ސަރުކާރުގެ ޚަރަދުގައި ޒުވާން ކުދީންނަށް ސިފައިންގެ މަސައްކަތް ދަސްކޮށްދެމުން ގެންދިޔަ މިލިޓްރީ ކޮލެޖެކެވެ. ނަމަވެސް ފަހަކަށްއައިސް ވެރިކަމަށް ވަޑައިގެންނެވި ޤާބިލިއްޔަތެއް ނެތް ވެރީންގެ އަޅައިލެއްވުމެއް ނެތުމުގެ ސަބަބުން އެތާނގެ އަހައްމިއްޔަތު އޮތީ ވަރަށް ކުޑަވެފައެވެ. ސަރުކާރުގެ އެހީތެރިކަމެއް ނެތުމުގެ ސަބަބުން އެތައްދުވަހެއް ވަންދެން އެތަން ބަންދުކޮށްފައިވެސް ހުއްޓެވެ. ނަމަވެސް ޣަރުނާޠާގެ ބޮޑުންކުރެ ހެޔޮކަންތައްތަކަށް ހޭދަކުރައްވާ ބޭފުޅުންކޮޅެއް އެތަން އަލުން ހުޅުއްވިއެވެ. އެބޭފުޅުން އެތާނގެ ހިންގުމާ ހަވާލުވެވަޑައިގެންނެވިއެވެ.

ވަރަށް މުއްސަނދިފުޅު މުސްލިމު ވިޔަފާރިވެރިއެއް އޭނާގެ ބިންތަކާއި، ބަގީޗާތަކުގެ ވަރަށްބޮޑު ބައެއް އެތަނަށް ވަޤުފު ކޮށްދެއްވިއެވެ. ދަންނަބޭކަލުންގެ ޖަމާޢަތެއްގެ ބާރު އެޅުއްވުމުގެ ސަބަބުން ޣަރުނާޠާގެ ސަރުކާރުންވެސް އެ ސްކޫލަށް އެކަށީގެންވާ އަދަދެއްގެ އެހީދޭން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ޣަރުނާޠާގެ ޢަސްކަރީ ކޮލެޖަށް އާދިރުމެއް ލިބުނެވެ.

سـكيـنـة އޭނާގެ ބޭފުޅުން ތައްޔާރުކުރައްވާ މަތިވެރި މަޤުޞަދަށް ހަމައެކަނި ޢަސްކަރީ ސްކޫލުގެ ތަރުބިޔަތުން ފުދޭނެކަމުގައި ދެކެވަޑައެއް ނުގަންނަވައެވެ. އެހެންކަމުން އޭނާ އެބޭފުޅުންނަށް ކިޔަވައި އަރުވައިދެއްވާނެ ޚާއްޞަ މުދައްރިސަކު ހޯއްދެވިއެވެ. އޭނާއަކީ ޣަރުނާޠާގެ ޢާލިމުންކުރެ އެއްވަނަ ދަރަޖައިގެ ބޭކަލެކެވެ. عبـدالمـنعــم ގެ ބޭފުޅުން ޢަސްކަރީ ސްކޫލުގެ ފިލާވަޅުތަކުގެ އިތުރަށް އެބޭފުޅުންގެ ގޭގައި ޤުރުއާނާއި، ޙަދީޘާއި، ތާރީޚާއި، ޖިއޮގްރަފީއާއި، ހިސާބު ޢިލްމު ކިޔަވައި ވިދާޅުވެއެވެ.

އެބޭފުޅުންނަށް ޤުދުރަތުން ހިބަކޮށްދެއްވައިފައިވާ ތޫނު ވިސްނުންފުޅަށް ޢަސްކަރީ ސްކޫލުގެ ހުރިހައި މުދައްރިސުން އިޢުތިރާފު ވެވަޑައިގަންނަވައެވެ. ޣަރުނާޠާގެ ޒުވާނުންގެ މަޖްލިހެއްގައި ތީރުހެވިކަމާއި އަސްދުއްވުމުގެ ހުނަރުވެރިކަމުގެ ވާހަކަ ދެކެވޭ އެއްވެސްފަހަރަކު عبـدالمـنعــم ގެ ބޭފުޅުންގެ ވާހަކަ ނުދެކެވިއެއް ނުދެއެވެ.

أحمد އޭނާގެ އަނެއް ދެ އަޚުންނަށްވުރެ މާބޮޑަށް ފޮތް ވިދާޅުވާހިތްޕުޅުވެއެވެ. أبــوصــالح ގެ އަމިއްލަފުޅު ކުތުބުޚާނާގައި އެތަކެއްހާސް ފޮތް ހުއްޓެވެ. أحمد ކޮންމެ ދެތިން ދުވަހަކުން އެ ކުތުބުޚާނާއިން އާފޮތެއް ނަންގަވައެވެ. سعد އާއި حسن އާ ދެބޭފުޅުންވެސް ސްކޫލުގެ ފިލާވަޅުތަކާއި މުދައްރިސް ދެއްވާ ފިލާވަޅުތައް ވަރަށް ފަރުވާތެރިކަމާއެކު ދަސްފުޅު ކުރައްވައެވެ. ނަމަވެސް އެދެބޭފުޅުންގެ ސަމާލުކަން އެންމެބޮޑަށް ޚާއްޞަކުރެވިފައި އޮންނަނީ ހެވިކަމުގެ ތަފާތު ރޮނގުތަކާ މެދުގައެވެ.

سعد ގެ އުމުރުފުޅުން ސަތާރަ އަހަރުފުޅު ފުރުނުއިރު އޭނާއަކީ ހަށިކޮޅުގެ ދުޅަހެޔޮކަމާއި ރީތިކަމާއި، ވިސްނުންފުޅު ތޫނުކަމުގެ ސަބަބުން ޣަރުނާޠާގެ އެތަކެއްހާސް ޒުވާނުންކުރެވެސް ހޮވައިލެވޭ ބޭފުޅެކެވެ. އެއަހަރަކީ ޢަސްކަރީ ސްކޫލުގައި އޭނާގެ ކިޔަވައި ވިދާޅުވުން ނިމޭ އަހަރެވެ.

* * * * * * * * * * *

އިޝްބީލިއްޔާގެ މީހުންގެ ބޭވަފާތެރިކަމަކީ ޤުރުޠުބާގެ އަހުލުވެރީންނަށް ކެތްކޮށްގެން ތިބޭން މާކަފަސޭހަކަމެއް ނޫނެވެ. ނަމަވެސް إبـن عمّــار ގެ މަކަރުވެރި ރޭއްވެވުމުގެ ކާމިޔާބުކަމުން ޤުރުޠުބާގެ އަހުލުވެރީންނަކަށް ވަގުތުން އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތެއް ނުލިބުނެވެ. ޤުރުޠުބާގެ ބޮޑުންނާއި ދަންނަބޭކަލުންކުރެ އިޝްބީލިއްޔާއާ ދެކޮޅަށް ބަޣާވާތް ކުރައްވައިފާނެ ކަމުގައި ހީކުރެވުނު ހުރިހައި ބޭފުޅުންވަނީ ވަގުތުން ހައްޔަރު ކުރެވިފައެވެ. އެބޭފުޅުންގެ ބާރުފުޅާއި ނުފޫޒު ކަނޑުވައިލުމަށްޓަކައި ބޭނުންކުރެވުނީ ބޮޑުންކުރެ އަމިއްލަފުޅު ޒަމީރު ވިއްކަވައިލެއްވި ބޭފުޅުންނެވެ. ބައެއް ބޭފުޅުން ގަނެލެވުނީ ފައިސާގެ ބޮޑެތި އަދަދުތައް ހަދިޔާކޮށްގެންނެވެ. އަނެއްބަޔަކަށް މަތީ މަގާމުތައް ހުށަހަޅައިގެންނެވެ. އެހެންކަމުން އެންމެ ފުރަތަމަ ދުވަހުވެސް ބައެއް މިސްކިތްތަކުގެ ކަތީބުންނާއި އިމާމުން معـتـمـد ދީލަތިފުޅުކަމާއި، ޢަދުލުއިންޞާފުގެ ބޮޑުކަމުގެ ވާހަކައިން އުޑާއި ބިން އެއްކުރެއްވިއެވެ. އާއްމުން ތިބީ ޠުލައިޠުލާއާ ދެކޮޅަށް ކުރެވެމުންދިޔަ ދިގުލީ ހަނގުރާމައިގެ ދަތިބޮޑުވެފައެވެ. އެހެންކަމުން ބައެއް މީހުން ބުނަމުންދިޔައެވެ. ކޮންމެ ގޮތެއްގައިވެސް معـتـمـد އަކީ މުސްލިމެކެވެ. އަނެއްބަޔަކު ބުނެއުޅުނެވެ. عبـدالمـلـك އަށްވުރެ معـتـمـد މާރަނގަޅުވާނެއެވެ. ކަންހިނގަމުންދިޔަ ގޮތާމެދު ހިތްހަމަނުޖެހިތިބި މީހުންވެސް ތިބީ އިޝްބީލިއްޔާގެ ސިފައިންގެ ކަނޑިތައް ދެކެ ބިރުންނެވެ. ފާޅުގައި ބަޣާވާތްކުރަން ފަސްޖެހިފައެވެ. އަމީރުންކުރެ އިޝްބީލިއްޔާގެ އަޅުވެތިކަމާ ގަބޫލުފުޅު ނޫން ބޭފުޅުންގެ ނަޒަރުގައިވެސް އެވަގުތު ކުއްލިއަކަށް އިޝްބީލިއްޔާގެ ވެރިކަމާ ދެކޮޅަށް ތެދުވެވަޑައިގަތުމަކީ މާއެދެވޭ ނަތީޖާއެއް ފެންނާނެކަމެއް ނޫނެވެ. އެކަމަށްޓަކައި ބޭނުންވަނީ އެކަށޭނަ ވަގުތަކަށް އިންތިޒާރު ކުރެއްވުމެވެ.

معـتـمـد ރަސްމީ ޢިއްޒަތުގައި ޤުރުޠުބާއަށް ވަޑައިގެންފިއެވެ. އައްޒަހުރާގައި އޭނާ ކުރެއްވި ދަރުބާރުގެ އަބުއިކަމާއި އާރާއި ބާރުގެ ދެއްކުންތެރިކަން ފެނިފައި އާއްމުންގެ ހިތްތަކުގައި ވަރަށްބޮޑަށް ޖެހިލުންވުން އުފެދުނެވެ. ނަމަވެސް ވިސްނުންތެރި ހަރުދަނާ މީހުންނަކަށް އެ ކަންދެއްކުމުގެ ކަންތައްގަނޑުގެ އަސަރެއް ނުކުރެއެވެ.

معـتـمـد އަށްވުރެ މާބޮޑަށް އޭނާގެ އަނބިކަނބަލުން ރަމީކިއްޔާ ކަންދެއްކެވުމަށާއި، ހައިބަތާއި އަބުއިކަން ހާމަކުރެއްވުމަށާއި، ދީލަތިފުޅުކަން ފާޅުކުރެއްވުމުގެ ދަޢުވަތުތަކާއި، ކުޅިވަރާއި މަޖަލުގެ ޙަފުލާތަކަށް މަރުދެއްވައެވެ. معـتـمـد ގެ މަލަކާގެ ހައިސިއްޔަތުން އައްޒަހުރާއަށް ވެދެވަޑައިގަތުމަކީ އޭނާގެ ޙަޔާތްޕުޅުގެ އެންމެބޮޑު އެދިވަޑައިގަތުމެވެ. ރަސްމީ ޒިޔާރަތަށްފަހު معـتـمـد އާއި ރަމީކިއްޔާ ކޮންމެ އަހަރަކުވެސް އައްޒަހުރާގައި ދުވަސްކޮޅެއް ހޭދަކުރައްވައެވެ. معـتـمـد ގެ ގަވަރުނަރާއި އޭނާގެ ސަރުކާރުގެ ދަރަޖަވެރީން އަހަރުގެ ބާކީ ދުވަސްތައް ހޭދަކުރައްވަނީ އެދެކަނބަލުންނަށް އިސްތިޤުބާލު ކުރެއްވުމުގެ ތައްޔާރީގައެވެ.

ޤުރުޠުބާގެ ގަވަރުނަރަކީ معـتـمـد ގެ ދަރިކަލުން عبّــاد އެވެ. އޭނާގެ ބައްޕާފުޅާއި މަންމާފުޅުގެ ތަރުބިޔަތާއި إبـن عمّــار ގެ އެކުވެރިކަމުގެ ސަބަބުން ތުއްޕުޅުއިރުއްސުރެ އޭނާއަކީ އެއްވަނަ ދަރަޖައިގެ ޢައްޔާޝީ ބޭފުޅެކެވެ. އައްޒަހުރާގައި ބޭއްވޭ ކުޅިވަރާއި މަޖަލުގެ ޙަފުލާތަކުގެ ޚަރަދުބަރަދު ހަމަޖެއްސުމަށްޓަކައި ޤުރުޠުބާގެ މީހުންނަށް ވަރަށްބޮޑު ޓެކުހެއް ދޭންޖެހެއެވެ. ދުވަހެއް ދުވަހަކަށް ޓެކްސް ދިޔައީ އިތުރުވަމުންނެވެ. އިޝްބީލިއްޔާގެ މަސްއޫލުވެރީން ކަނޑައެޅިފައިވާ ޓެކްސްގެ އިތުރަށްވެސް ރައްޔިތުންގެ އަތުން ވަރަށްގިނަ ރިޝްވަތާއި ހަދިޔާ އަތުލައްވައެވެ. އެހެންކަމުން معـتـمـد ގެ ދީލަތިފުޅުކަމާއި އޭނާ ދެއްވާ މުއްސަނދި ޖާފަތްތަކުގެ ޚަބަރު އަޑުއަހާ މީހުންނަށްވެސް ވަނީ އޭނާގެ ދީލަތިފުޅުކަމުގެ ހުރިހާ ބުރައެއް އުފުލާންޖެހެނީ ތިމާމެން އަމިއްލައަށްކަން އެނގިފައެވެ.

ޤުރުޠުބާގެ އަހުލުވެރީންގެ ހިތްތަކުގައި معـتـمـد އާ ދެކޮޅަށް އުފެދިފައިއޮތް ނަފުރަތުގެ ޖަޒުބާތު މާޒީވަމުންދިޔަ ދުވަސްތަކާއެކު ދިޔައީ ކެކިއުތުރި އަރަމުންނެވެ. ޤުރުޠުބާގެ މިސްކިތްތަކުގެ ދޮރުތަކުގައި ހިއްޕައިފައި ހުންނަ ލިޔުންތައް ހައްތާ ދިޔައީ ގިނަވަމުންނެވެ. އެފަދަ ލިޔުންތަކުގައި ހުންނަ ވާހަކަތަކުގެ ތެރޭގައި ހިމެނެއެވެ. "ތިމާމެންގެ ކުޅިވަރާއި މަޖަލުގެ ވަސީލަތްތައް ފުރިހަމަކުރުމަށްޓަކައި ރައްޔިތުންގެ ލޭބޯ ވެރީންނާމެދު ދަންނަބޭކަލުންގެ ފަތުވާއަކީ ކޮބައިހެއްޔެވެ. އިސްލާމްދީނުގެ ދުޝްމިނުންނަށް ޖިޒީދޭން ރައްޔިތުން ފެލައިގެން ވާރު އެއްކުރާ ވެރީންގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ އެބޭފުޅެއްގެ އަނބިކަނބަލުން އިސްލާމްދީނުގެ ކޮންމެ ޙުކުމަކަށް ފުރައްސާރަކުރައްވާ ރަސްކަލަކާމެދު ދަންނަބޭކަލުން ވިދާޅުވަނީ ކީކޭހެއްޔެވެ؟

ޤުރުޠުބާގެ އަހުލުވެރީންނޭވެ! ތިޔަބައިމީހުންގެ ރަސްގެފާނަކީ އަލްފާންސޫގެ ޑޯލާ ރަސްކަލެކެވެ. ތިޔަބައިމީހުންގެ މުސްތަޤުބަލުވަނީ އައްޒަހުރާގެ މާލަންތައް ޢައްޔާޝީކަމާއި، ފާޙިޝްކަމުގެ ހާލިތަކަކަށް ބަދަލުކޮށްލި އަންހެނެއްގެ މުށުތެރޭގައެވެ. ތެދުވާށެވެ! އެބައިމީހުންގެ ތަޚުތު އެކޮޅުކޮޅުން ޖަހައިލާށެވެ. އެބައިމީހުންނަކީ މާތް اللّـه އާއި އެކަލާނގެ ރަސޫލާގެ ބާޣީންނެވެ."

ބައެއް ފަހަރުފަހަރަށް ޤުރުޠުބާގެ ބާޒާރުމަތީގައިވެސް ފަތުވާއާއި އިޝްތިހާރުތައް ބަހައިލެވެއެވެ. އެއީ އިޝްބީލިއްޔާގެ ބާރު ނުފޯރާ ސަހަރުތަކުގައި معـتـمـد ގެ އަތްޕުޅު ނުފޯރާފަށުގައި ތިއްބަވާ މަޝްހޫރު ޢިލްމުވެރީންނާއި ފިޤުހުވެރީންގެ ފަތުވާތަކެވެ. އެއިން ކޮންމެ ފަތުވާއެއްގައިވެސް އެންމެބޮޑަށް މަލާމާތް ރައްދުކޮށްފައި ހުންނަނީ މަލަކާ ރަމީކިއްޔާއަށެވެ.

ޤުރުޠުބާގައި އަޑީން ކެކެމުން އުތުރެމުންއައި ޝުޢޫރުތަކުގެ ދިލަ ހޫނު ބޭރަށް ނުކުންނާންފެށީ ގާތްގަނޑަކަށް ހަތަރު އަހަރު ފަހުންނެވެ. ޤުރުޠުބާގެ އާއްމުން ތިބީ އިޝްބީލިއްޔާގެ ވެރީންނާ ދެކޮޅަށް ބަޣާވާތުގެ ދިދަ އުފުލައިގެންނެވެ. ނަމަވެސް އެމީހުންނަށް މަގު ދައްކާނެ ޤާބިލު ޝަޚުޞިއްޔަތެއް ނެތެވެ.

އިބްނު ޢަކާޝާއަކީ އެއްދުވަސްވަރެއްގައި މަޝްހޫރު މަގުފޭރޭ މީހެކެވެ. އޭނާ ޤުރުޠުބާގައި ކަންތައް ހިނގަމުންދިޔަ ގޮތުގެ ފައިދާ ނެގިއެވެ. ބާޣީންގެ ލީޑަރަކު ކަމުގައި ހަމަޖެހުނީ އޭނާއެވެ. އެއްރެއަކު عبّــاد އާއި އޭނާގެ އެކުވެރީން އައްޒަހުރާގައި ނެށުމުގެ މަހެފިލެއްގެ އުފާ ހޯއްދަވަމުން ގެންދަވަނިކޮށް އިބްނު ޢަކާޝާ ބާޣީންނާއެކު ކުއްލިއަކަށް ގަނޑުވަރަށް ވަދެއްޖެއެވެ. عبّــاد ހަނގުރާމަ ކުރައްވަނިކޮށް އަވަހާރަވެއްޖެއެވެ. އެރޭގެ އިރުއެރިއިރު ޤުރުޠުބާއާއި އައްޒަހުރާ އޮތީ އިބްނު ޢަކާޝާގެ ބާރުގެ ދަށުގައެވެ.

* * * * * * * * * * *

سعد އާއި އޭނާގެ ކޮއްކޮމެން މަދަރުސާއަށް ވަޑައިގަންނަވާން ތައްޔާރުވެ ވަޑައިގަންނަވަނިކޮށް ބޭރު ދޮރުގައި މީހަކު ޓަކިދީފިއެވެ. سعد ވަޑައިގެން ދޮރު ހުޅުއްވައިލެއްވިއިރު ދޮރުމަތީގައި ހުންނެވީ އެބޭފުޅުންގެ މުދައްރިސެވެ. سعد ފެނިވަޑައިގަތުމާއެކު މުދައްރިސް ވިދާޅުވިއެވެ.

(ނުނިމޭ)