ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކަށް ވެސް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދީ، އަމިއްލައަށް އިސްނަގައިގެން ދިރިއުޅެވޭނެ ފަދަ އުޖާލާ މުސްތަގުބަލެއް ހޯދައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ނައިބު ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަސްދީގު ކުރެއްވީ ކުޑަކުދިންނަކީ އަމިއްލަ ހައްގުތަކުގެ ދިފާއުގައި ނުވަތަ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ހޯދުމަށް ބަސްބުނެވޭ ފަދަ މަގާމެއްގައި ތިބި ބައެއް ނޫން ކަމުގައިވާތީ، ކުޑަކުދިންނަށް އެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މަގު ކޮށައިދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން އެ ގާނޫނުތައް ވުޖޫދަށް އައުމަށްފަހު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތަކަށް ހަރުދަނާ އޮނިގަނޑެއް ލިބި، އެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ މައިގަނޑު މަސްދަރުތަކާއި އަސާސުތަށް ކުޑަކުދިންގެ ދުޅަހެޔޮކަމާއި އެކުދިންގެ ހައްގުތައް ރައްކާތެރި ކުރެވޭނެކަން ކަށަވަރުކޮށްދީފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަކީ އދ. ގެ ކޮންވެންޝަން އޮން ދި ރައިޓްސް އޮފް ދަ ޗައިލްޑްގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއް ގޮތަށް އެކުލަވާލާފައިވާ ގާނޫނެއް ކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުން އެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ، އެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ބާރުއެޅުމުގެ ގޮތުން ޗައިލްޑް ރައިޓްސް އޮމްބަޑްސްޕަސަންއެއްގެ އޮފީސް ވުޖޫދަށް ގެނެސް، އެ އޮފީހުން ސަރުކާރު ޒިންމާދާރުކުރުވައި ގައުމީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރެވޭނެކަން ކަށަވަރު ކުރުމަށް ލާޒިމްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާއިން މިއަދުވެސް ކުރަން ހުރި މަސައްކަތްތައް ގިނަ ކަމަށެވެ. އަދި ސަރުކާރުންނާއި ދައުލަތުގެ ބާރުތަކުން އިސްނަގައިގެން އެ ކުދިންގެ ހައްގުތަކުގެ ދިފާއުގައި ބަސްބުނެ، އެ ކުދިންގެ އަބުރަށާއި ކަރާމާތައް އުނިކަމެއް އައުން ނުވަތަ އެކުދިންގެ ދުޅަހެޔޮ ކަމަށް ގެއްލުމެއް ވެދާނެ ކަމަށް ހުޝިޔާރުވެ ސަމާލުވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.