ސައިކަލު ޕާކުކޮށްލަމުން ކުރިމަތިން ފެންނަމުން ދިޔަ އިމާރާތަށް ބަލަހައްޓައިގެން ސައިކަލު މަތީގައި ރުހައިމް އިނެވެ. ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު ނަގައި އަނެއްކާ ވެސް ޔަޝްފީއަށް ގުޅޭތޯ އޭނަ މަސައްކަތްކުރިއެވެ. އުއްމީދުކުރި ފަދަ ޖަވާބެއް މިފަހަރު ވެސް ނުލިބުނެވެ. ކަންފަތާ ފޯނު ވަކިކޮށްލަމުން އިރުކޮޅެއް ވަންދެން ވިސްނަން ރުހައިމް އިނދެވުނެވެ.
ޔަޝްފީއާ ބައްދަލުކުރަމުން ދިއުމަކީ ރަނގަޅު ޚިޔާލެއް ކަމާމެދު އެއްބަސްވުމަކަށް އާދެވޭ ގޮތެއް ނުވިއެވެ. އޭނަގެ ފޯނު ކޯލުތަކަށް ޔަޝްފީ ޖަވާބު ނުދިނުމުން ވެސް އޭނައާ ވާހަކަދައްކަން ޔަޝްފީ ބޭނުން ނުވާކަން ރުހައިމްއަށް ނަގައިގަނެވުނެވެ. އެކަމާ ހުރެވެސް ރުހައިމްގެ ހާސްކަން އިތުރުވާން ފެށިއެވެ. ޔަޝްފީއަށް އައި ކުއްލި ބަދަލުތަކުގެ ފަހަތުގައިވާ ސަބަބު އެނގެން އޭނަ ހުރީ ނުހަނު ބޭނުން ވެފައެވެ. އެހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބޭނީ އޭރުންނެވެ. ނަމަވެސް އޭނަގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމާ މެދު ހިތުގައި ސުވާލު އުފެދިފައި ވެއެވެ. އޭނަ ފެނުމުން ޔަޝްފީ އަމަލުކޮށްފާނެ ގޮތެއް ވެސް އެނގެނީކީ ނޫނެވެ. ފަސްޖެހެވެނީ އެހެންވެއެވެ.
ފަސްވަރަކަށް މިނެޓް ވަންދެން ވިސްނަން ރުހައިމް ހުއްޓެވެ. އެއަށްފަހު ހަށިފުރާ ދޫކޮށްލި ފުން ނޭވާއަށް ފަހު އޭނަ ކޮޅަށް ތެދުވުނެވެ. އަތުގައި އޮތް ފޯނު ފަޓުލޫނުގެ ޖީބަށް ލަމުން އޭނަ ހަލުވި ފިޔަވަޅުތަކެއްގައި މިސްރާބު ޖެހީ ކުރިމަތިން ފެންނަމުން ދިޔަ އިމާރާތަށް ވަނުމަށެވެ. އެހާ ހިސާބަށް އައުމަށް ފަހުގައި އަނބުރާލާފައި ދާން ރުހައިމްގެ ޒަމީރު ދެކޮޅު ހެދި އެވެ. ހަމައެއާއެކު ހިތުގައި ފުނިޖެހެމުން ދިޔަ ސުވާލުތަކުގެ ޖަބާބު ހޯދުން ވެސް މުހިންމުކަމަކަށް ވެއްޖެއެވެ. އެހެންނޫންނަމަ އެހިތުގެ ހައިޖާންގަނޑަށް ނިމުމެއް ނާންނާނެއެވެ. ހިތުގެ ވިންދު އަވަސް ވާން ފެށީ ކުރިމަތިލާން ޖެހިދާނެ ކަންތައް ލަފާކުރަން ދަތިވެފައިވީތީއެވެ.
*****
ބެލް ޖަހާލި އަޑަށް ފިޒާޔާއާއި ޔަޝްފީއަށް ވެސް އެކަކު އަނެކަކުގެ މޫނަށް ބަލައިލީ ހައިރާންކަމާއެކުގައެވެ. ދެއެކުވެރިން ވެސް އެއްވެސް މީހަކަށް ދައުވަތު ދީފައި ނުވުމުން އެގަޑީގައި އައި މީހަކާ މެދު ސުވާލު އުފެދުނެވެ.
''ކާކުބާ؟...'' ފިޒާޔާއަށް އަހާލެވުނެވެ.
ފިޒާޔާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޔަޝްފީ ކޮނޑު އަރުވާލިއެވެ. ޔަޝްފީއަށް ދިން އަވަސް ނަޒަރާއެކު ފިޒާޔާ ސޯފާއިން ތެވުނެވެ. އެއަށްފަހު އޭނަ މިސްރާބު ޖެހީ އެޕާޓްމެންޓްގެ ދޮރާއި ދިމާއަށެވެ. ޔަޝްފީ ވެސް ދޮރާއި ދިމާއަށް ބަލައިލިއެވެ. ކުއްލިޔަކަށް ސިކުނޑިއަށް ވެރިވެގެން އައި ޚިޔާލެއްގެ ސަބަބުން އެހިތުގައި އުއްމީދުގެ ވިންދު ޖަހަން ފެށިއެވެ.
ދޮރުގެ ''ޕީކް ހޯލް''އާއި ލޯ ކައިރިކޮށްލަމުން، ބޭރުގައި ހުރީ ކާކުތޯ ބަލައިލަން ފިޒާޔާ އުޅުނެވެ. ދެލޯ ބޮޑުވެގެން ދިޔައީ ރުހައިމް ފެނުމުންނެވެ. އޭނަ އަވަސްއަވަހަށް ބަލައިލީ ސޯފާގައި އިން ޔަޝްފީއެވެ. ފިޒާޔާގެ މޫނަށް ވެރިވި ކުލަވަރުތަކުން ހިތުގައި އުފެދުނު ޝައުޤުވެރިކަމާއެކު ކާކުތޯ އަހާލަން ޔަޝްފީ ބުމަ އަރުވާލިއެވެ. ކެތްތެރިކަން ކުޑަވެފައިވާ ހާލުގައެވެ. އެހިތުގައި އޮތް އުއްމީދު ޔަޤީންކަމަށް ބަދަލުވެގެން ދާން ޔަޝްފީ ހުރީ ބޭނުން ވެފައެވެ. ކޮންމެވެސް ވަރަކަށް ބޭރުގައި ހުރީ ކާކުކަން ޔަޝްފީއަށް ލަފާކޮށްލެވުނެވެ. އޭނަ އިންތިޒާރު ކުރަމުން ދިޔަ ވަގުތު އެވަނީ އައިސް ޖެހިފައެވެ.
''ރުހައިމް...'' ދޮރު ހުޅުވުމުގެ ބަދަލުގައި ޔަޝްފީގެ ގާތަށް އައިސް ހުއްޓެމުން ފިޒާޔާ ބުނެލިއެވެ. އޭނަ ހުރީ ސިހުމެއްގެ ތެރޭގައެވެ. ރުހައިމް އައިސްދާނެ ކަމަކަށް އޭނަ ކުޑަކޮށް ވެސް ހިޔެއް ނުކުރެއެވެ. ޝޮކެއް ލިބުނީ އެހެންވެއެވެ.
''އެހެންތަ؟...'' ޔަޝްފީގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ބޭނުންވި ގޮތަށް ބާޒީ އަތުރާލެވިއްޖެކަމުގެ ޔަޤީންކަން ޔަޝްފީއަށް ލިބުނެވެ. އޭނަ ދެކެމުން އަންނަ ހުވަފެންތަކުގައި ހަޤީޤީ ކުލަ ޖެހިގެންދާނެކަމުގެ ޔަޤީންކަން ވެސް ލިބުނެވެ. އޭނަގެ ހާލު ބަލައިލަން، އޭނަގެ ގާތަށް ރުހައިމް އައުމުން ޔަޝްފީއަށް އުފާވެރިކަން އިހުސާސްކުރެވުނެވެ. އޭނައަށް ރުހައިމް ސަމާލުކަން ދޭ ކަމާއި، އޭނައާ މެދުގައި ކަންބޮޑުވާކަން ވެސް ޔަޝްފީއަށް ޔަޤީންކުރެވުނެވެ.
''ފިޒާ ދޭ ކޮޓަރިއަށް، އަހަރެން ބުނަން ދެން ނުނިކުންނާތި، އަހަރެން އެކަނި ހުރެގެން ރުހައިމްއާ ވާހަކަދައްކާނީ...'' ކޮޓަރިއަށް ދިއުމަށް ފިޒާޔާއަށް އިޝާރާތްކުރަމުން ޔަޝްފީ އަވަސްއަވަހަށް ބުނެލިއެވެ. ޔަޝްފީއަށް ބަލަން ހުރި ފިޒާޔާ ބޯޖަހާލިއެވެ. އެއަށްފަހު ސޯފާ މަތީގައި އޮތް އޭނަގެ އަތްދަބަސް ހިފައިގެން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. ޔަޝްފީއާއި ރުހައިމްއާ ދެމެދު ދެކެވޭނެ ވާހަކަތަކާ މެދު ޝައުޤުވެރިކަން އުފެދިފައިވުމުން ކޮޓަރީގެ ދޮރުގައި ވެސް ކަންފަތް ޖައްސާލެވުނެވެ. ޔަޝްފީއާ ބައްދަލުކުރަން ރުހައިމް އަންނާނީ ކަންތައް ސީރިޔަސްވީމައިކަން އޭނައަށް ޔަޤީންކުރެފުނެވެ. އެދެމެދުގައި ދެކެވޭ ވާހަކަތަކުގެ މިސްރާބު ދާނެ ގޮތެއް ވެސް އެނގެން ފިޒާޔާ ހުރީ ބޭނުންވެފައެވެ.
ދޮރުގެ ތަޅުގައި ހިފާލަމުން ޔަޝްފީ ފުން ނޭވާއެއް ދޫކޮށްލިއެވެ. ތުންފަތުގައިވި ހިނިތުންވުން ސިއްރުކުރަމުން އުދާސްކަމާއި ވަރުބަލިކަމުގެ ޝުއޫރުތައް މޫނުމައްޗަށް ގެނައެވެ. ހަށިގަނޑުން ވެސް އެބަދަލުތައް ފާހަގަކުރެވޭނެހެން ކޮޅަށް ހުރުމަށް އޭނަ އިސްކަން ދިނެވެ. އޭނަ ބެނުންވާ ގޮތަށް ނަސުފު ތައްޔާރުކޮށްލެވުމުން ދޮރު ހުޅުވާލިއެވެ. ރުހައިމްއާ ނަޒަރު ބައްދަލުވުމާއެކު ހައިރާންކަމާއި ސިހުމުގެ އަސަރުތައް ވެސް މޫނަށް ގެނައެވެ. ދެވަނަ ސިކުންތުގައި އޭނަ އުޅުނީ ރުހައިމްގެ މޫނު މައްޗަށް ދޮރު ލައްޕާށެވެ. އޭގެ ކުރިން ރުހައިމް އެކަމަށް ހުރަސް އަޅައިފިއެވެ. ދޮރުދޭތެރެއަށް އޭނަގެ އަތްތިލަ ލައްވާލުމުން ފިތޭ ގޮތް ވެސް ވެއްޖެއެވެ.
ދޮރުގެ ދާރައާއި ދޮރާ ދެމެދުވެ އިނގިލިތައް ފިތުމުން ކުރެވުނު ތަދުގެ އިހުސާސާއެކު ރުހައިމްއަށް އަޑެއް ވެސް ލައްވާލެވުނެވެ. ވޭން ބަރުދާސްތުކުރަން އުޅޭ ހާލު އޭނަ ޔަޝްފީއަށް ބަލައިލިއެވެ. މީހަކަށް ފެނިދާނެތީ ވެސް ރުހައިމްއަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. މީހަކަށް އެމަންޒަރު ފެނި، އޭގެ މާނަ ނަގާފާނެ ގޮތަކާ މެދު ވެސް އޭނަ ނުތަނަވަސް ވިއެވެ. ޔަޝްފީއަށް ވިސްނައިދެވޭތޯ އޭނަ އުޅުނެވެ.
ރުހައިމްއަށް ހާނިކަވުމުން ޔަޝްފީގެ މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ. ވޭނުގެ އަސަރު ރުހައިމްގެ މޫނުން ފެނުމުން ދެރަ ވެސް ވެއްޖެއެވެ. ނަމަވެސް އެއިހުސާސްތައް ރުހައިމްއަށް އޭނަ ސިއްރުކުރިއެވެ. ކަންބޮޑުވެއްޖެކަން ހާމަވުމުގެ ބަދަލުގައި މޫނުމައްޗަށް ގެނައީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.
''ކީއްކުރަން ތިއައީ؟...'' ދޮރު ކުޑަކޮށް ހުޅުވާލަމުން ޔަޝްފީ ބުންޏެވެ. ރުހައިމްގެ އަތްތިލައަށް ލުޔެއް ލިބުނީ ދެނެވެ. އަތްތިލައަށް ރުހައިމްއަށް އަވަސް ނަޒަރެއް ދެވުނެވެ. އިނގިލިތަކުގެ ކުރިން ލޭހިލިފައި ވިއެވެ. އެކަމަށް ރުހައިމް ސަމާލުކަމެއް ނުދިނެވެ. އޭނަ ހުރީ ހިތުގައިވި ސުވާލުތަކުގެ ޖަވާބު އޮޅުން ފިލުވަން ކެތްތެރިކަން ކުޑަވެފައެވެ.
''ޔަޝްފީގެ ޚަބަރެއް ނުވެގެން އަންނަން ޖެހުނީ... ކޭން އާއި ޓޯކް ޓު ޔޫ...'' ރުހައިމް ބުންޏެވެ.
''ކީއްކުރަން؟...'' ނުރުހުމާއެކު ޔަޝްފީ ބުންޏެވެ. ''ކޮން ވާހަކައެއްތަ ދައްކަން ބޭނުމީ؟...''
''ޕްލީޒް...'' ރުހައިމްގެ އަޑުގައި ވަނީ އާދޭހެވެ. ''އެތެރެއަށް ވަނުމުގެ ހުއްދައެއް ނުދޭނަންތަ؟...''
ރުހައިމްއަށް ބަލަން ހުރެފައި ޔަޝްފީ ދޮރު ތަންކޮޅެއް ބޮޑަށް ހުޅުވާލިއެވެ. ހިލޭ އަންހެނަކާއެކު އެކަހެރި މާހައުލެއްގައި ބައްދަލުކުރުމަކީ ރުހައިމް ބޭނުންވާ ގޮތެއް ނޫންކަމުގައި ވިޔަސް، އޭނައަށް މިއަދު އެނޫން އިތުރު ގޮތެއް ވެސް ނެތެވެ. އަމިއްލަ މީހާ ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ވެސް ދާން ޖެހުނީ އެހެންވެއެވެ.
އެޕާޓްމެންޓަށް އަވަހަށް ރުހައިމް ވަނެވެ. އިތުރު މީހަކަށް ފެންނަން ބޭނުންވެފައިވާ ހާލުގައެވެ. މިއަދު އޭނަގެ މުޅި ދިރިއުޅުން އެވަނީ ބޮއްސުންލައިފައެވެ. ހަޔާތުގެ ރާސްތާ ގެއްލިފައިވާކަމުގެ އިހުސާސް ވެސް ކުރެވުނެވެ.
ބޮޑުކޮޓަރީގައި އެކަކު އަނެކަކާ ކުރިމަތިލައިގެން ޔަޝްފީއާއި ރުހައިމް ތިއްބެވެ. އެކަކު ވެސް ސޯފާގައި އިށީނުމުގެ ޚިޔާލެއް ނުކުރެއެވެ. ފާއިތުވާ ކޮންމެ މިނެޓަކާއެކު މާހައުލުގައި އުފެދިފައި އޮތް ނުތަނަވަސްކަން އިތުރުވަމުން ދިޔަ އެވެ. ދެކެވޭނެ ވާހަކަތައް އަޑުއަހަން ސިއްރުން ކޮޓަރީގައި ހުރި ފިޒާޔާއަށް ވެސް އެދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްކަން އިހުސާސްވާހާ ވިއެވެ. ކުރިއަށް ވުރެން ބޮޑަށް ކަންފަތް ހުޅުވާލައިގެން ފިޒާޔާ ހުއްޓެވެ.
''ޔަޝްފީ'' ވާހަކަ ފަށައިގަންނާނެ ގޮތެއް ރުހައިމްއަކަށް ނޭނގުނެވެ. ޔަޝްފީގެ މޫނަށް އޭނަ ބަލައިލިއެވެ. އެމޫނުމަތި މިލައިގެން ގޮސްފައިވާ މިންވަރާއި، އެމޫނަށް ވެރިވެފައިވި ކުލަވަރުތަކުން ރުހައިމްއަށް ވާހަކަތަކެއް ކިޔައިދޭން އުޅޭ ކަހަލައެވެ. ހިތް އަވަސްވީ ލިބުނު ހާސްކަމުގެ ސަބަބުންނެވެ. އޭނައަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަފުސު ތައްޔާރުކޮށްލުމުގެ ބޭނުމުގައެވެ. އޭނައާއި ޔަޝްފީއާ ދެމެދު ދުރުމިން ބަހައްޓަން ރުހައިމް އިސްކަން ދިނެވެ. އޭނަގެ ފަރާތުން ޔަޝްފީއަށް ނުރައްކަލެއް ނެތްކަން ސާބިތުކޮށްދިނުމަށެވެ. އޭނައަށް އިތުބާރުކުރުން ޔަޝްފީއަށް ފަސޭހަކަމަކަށް ވެސް ނުވާނެތީއެވެ.
''ކޮން ވާހަކައެއް ދައްކަންތަ ރުހައިމް ބޭނުމީ؟... އަހަރެން ސަލާން ބުނީމަ އެހެންވެގެންތަ؟، ސަލާން ބުނި ސަބަބު އޮޅުން ފިލުވަންތަ ތިއައީ؟...'' ރުހައިމްގެ ހިތުގައިވި ސުވާލުތައް ބޭރުވެގެން ދިޔައީ ޔަޝްފީގެ ދުލުންނެވެ. ރުހައިމްގެ މެޔަށް ފިނިވެގެން ދިޔަ އެވެ. ނޭވާ ވެސް ހިފަހައްޓާލަން ޖެހުނެވެ. ޔަޝްފީގެ ޖަވާބު އައިސްދާނެ ގޮތަކާ މެދު އޭނަ ބިރުގަތީއެވެ.
''ރުހައިމް ތިހިރީ އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލާފަ، އަހަންނަށް ދުވަހަކު ހަމަޖެހުމެއް ލިބެން ރުހައިމް ބޭނުމެއް ނުވޭދޯ؟...... އަހަރެން ރުހައިމްގެ ކޯލް ތަކަށް ޖަވާބު ނުދިނީ ސަބަބެއް އޮތީމައޭ، އަހަރެން ބޭނުމެއް ނޫން ރުހައިމްއާ ވާހަކަދައްކަން، ރުހައިމްގެ ފަރާތުން އަހަންނަށް ނިކަމެތިކަން ލިބުން ނޫން ކަމެއް ނުވޭ، ރުހައިމް ކުރި މުޑުދާރު ކަންތަކުގެ ޒިންމާ ނަގާނަމޭ ބުނެފައި އަހަންނަށް އޮޅުވާލަނީ، އަހަރެން ހުރި ނާޒުކު ހާލަތުގެ ފައިދާ ނެގުން ރުހައިމްގެ ބޭނުމަކީ، އަހަރެންގެ ދޫ ހިމޭން ކުރުން ރުހައިމްގެ މަޤުސަދަކީ؟... އަނބިމީހާއަށް ހުރިހާ ކަމެއް ސިއްރުކުރުން އެއީއެއްނު ރުހައިމް ބޭނުންވާ ގޮތަކީ؟... މިއީ ދޮގެއްތަ؟، ތީ ކޮން ކަހަލަ މީހެއްތަ؟ ހިތެއް ވެސް ނެތީތަ؟ ހަމައެކަނި އަހަރެންގެ ދިރިއުޅުން އެކަންޏެއް ނޫން ރުހައިމް ހަލާކުކޮށްލީ، ނާލާގެ ދިރިއުޅުން ވެސް ހަލާކުކޮށްލާފަ ތިހިރީ...... މިއަދު ރުހައިމް ދެކެ އަހަރެން ކިތަންމެ ރުޅި އަޔަސް ރުހައިމްގެ އެހީއަށް ބޭނުންޖެހިފައި މިހިރީ...... އެއީ ރުހައިމް ބޭނުންވާ ގޮތެއްނު، ރުހައިމްގެ ގާތަށް އަހަރެން ސަލާން ޖަހަން ދިއުން... މިއަދު ދުނިޔޭގެ ލަދުން ސަލާމަތްވާން އަހަންނަށް އޮތް ހަމައެކަނި ގޮތަކީ އެއީ...'' ލޮލަށް ކަރުނަ ގެންނަމުން ޔަޝްފީ ވާހަކަދެއްކިއެވެ. ވާހަކައިގެ މެދާ ހިސާބަށް ގޮސްފައި އޭނަ ގިސްލާން ވެސް ފަށައިފިއެވެ. ބަރުދާސްތުކުރަމުން ދިޔަ ބިރާއި، ވޭނާއި ތަކުލީފުތައް ހާމަކޮށްދެމުންނެވެ.
ޔަޝްފީގެ ޖުމްލައިން ރުހައިމްގެ ހިތް ބިރުވެރިކަމާއެކު ތެޅިލިއެވެ. ނޭވާލާން ވެސް ހަނދާން ނެތިފައި އޭނައަށް ހުރެވުނެވެ. ކަންފަތަށް އިވުނު ވާހަކަތަކުގެ މާނަ ނެގެން އޮތީ ހަމަ އެންމެ ގޮތަކުންނޭ އޭނަގެ ޒަމީރު އިންޒާރު ދިނެވެ. އެއީ ބިރުވެރިކަމުން ފުރިގެންވި އިންޒާރެކެވެ. މުޅި މީހާއަށް ސިހުން ލިބުނެވެ. ހުއްޓުން އަރާފައި ހުރެވުނީ އެހެންވެއެވެ.
''ޔަ..ޝްފީ...'' ރުހައިމްއަށް އުނދަގުލުން ބުނެވުނެވެ. މޭގެ ތެރޭގައި ހިތް ބާރުބާރަށް ތެޅެމުން ދިޔަ އެވެ. ހިތުގެ ކޮންމެ ވިންދެއްގައި ވަނީ ބިރުވެރިކަމެވެ. އަވަސްވެގެން ދިޔަ ހިތުގެ ވިންދުތަކާއެކު އޭނަގެ ބޮލަށް ވެސް އެނބުރުން އަރައިގެން ދިޔަ އެވެ.
ރުހައިމްއަށް އިތުރު އެއްޗެއް ނުބުނެވެނީސް ފެނުނީ ބާރުބާރަށް ހިނގާފައި ގޮސް ޔަޝްފީ ކޮޓަރިއަށް ވަން ތަނެވެ. އޭގެ އިރުކޮޅެއް ފަހުން ނިކުމެގެން އައި އިރު އަތުގައި ކަރުދާސްގަނޑެއް އޮތެވެ. އެކަރުދާސްގަނޑުން ރުހައިމްގެ ނަޒަރު ވައްކެއް ނުކުރެވުނެވެ. އޭރު ނޭވާލާން ވެސް އޭނަ ހުރީ ހަނދާން ނެތިފައެވެ. ކަންފަތަށް އިވެމުން ދިޔަ ބިރުވެރިކަމުގެ ރަނގަބީލުތައް ހަޤީޤަތަކަށް ވާން އުޅޭކަމުގެ ކޮޅުމަތި ފެނުމުން ފައިގެ ދަށުގައި އޮތް ބިންގަނޑަށް ވެސް ލޮޅުންއަރައިގެން ދިޔަ ކަމުގެ އިހުސާސް ކުރެވުނެވެ. އިތުރު އަނދަވަޅަކަށް އޭނަ ގެނބިގެންދާކަން ވެސް އިހުސާސް ވިއެވެ.
ރުހައިމްގެ މޫނު މައްޗަށް އަތުގައި އޮތް ކަރުދާސްގަނޑު ޔަޝްފީ ހޫރާލިއެވެ. އެއަށްފަހު މޫނުގައި އަތް އަޅަމުން ގިސްލާން ފެށިއެވެ. ހިތްދަތިކަން އެއަޑުން ރަމްޒުކޮށްދިނެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ހިމަހޯލި އިނގިލިތަކުގެ ތެރޭން ފޭދެން ފެށިއެވެ.
ގަބުވެފައި ރުހައިމްއަށް ހުރެވުނީ އެވެ. އަމިއްލަ ހަށިގަނޑުގެ މައްޗަށް އޮތް އިހްތިޔާރު ދޫވެފައިވާ ކަހަލައެވެ. ޔަޝްފީގެ ހިތްދަތި ގިސްލުމާއި ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ރުހައިމްގެ ހިތް ބިރުވެރިކަމުން ވަށާލިއެވެ. އެކަރުނަތަކުން ކިޔައިދެމުން ދިޔައީ ބިރުވެރި ވާހަކައެކެވެ.
ފައިބުޑަށް ވެއްޓިފައި އޮތް ކަރުދާސްގަނޑަށް ރުހައިމް ބަލައިލިއެވެ. އޭނަގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. ހުއްޓުން އަރާފައި އިރުކޮޅެއް ފާއިތުވެ ދިޔަތަނާ ރުހައިމް ގުދުވެލަމުން އެކަރުދާސްގަނޑު ނެގިއެވެ. އެއީ ލެބްގެ ތަހުލީލްތަކުގެ ނަތީޖާކަން ޔަޤީންކުރެވުމުން އޭގައި ލިޔެފައި އޮތް އެއްޗެއް ބަލަން ވެސް ރުހައިމް ޖެހިލުން ވިއެވެ. ހަޔާތަށް އިތުރު ތޫފާނެއް އައިސްދާނެތީއެވެ. އެހަޤީޤަތާ ކުރިމަތިލާން ރުހައިމް ހުރީ ޖެހިލުންވެފައެވެ. އޭނަ ހީކުރި ވަރަށް ވުރެން އުނދަގޫ ކަމަށް ވެއްޖެއެވެ.
ރުހައިމްގެ އަތުގައި މަޑު ތުރުތުރުލުމެއް އުކުލެވިގެން ވިއެވެ. ހިތްވަރުކޮށްލަމުން އޭނަ ނަތީޖާ ބަލައިލިއެވެ. އެއާއެކު އޭނަގެ ދެލޯ ބޮޑުވެގެން ދިޔަ އެވެ. ދޫކޮށްލަން އުޅުނު ނޭވާ ވެސް ހިނދުރީގައި ތާށިވެއްޖެއެވެ. މޫނުގެ ކުލަވަރު މުޅިން އޮއްސިއްޖެއެވެ. ސިހުން އެދެލޮލުގައި ވިއެވެ. އަތުގައި އުފެދުނު ތުރުތުރުލުމާއެކު، އަތުގައި އޮތް ގަނޑު ވެސް ދޫވެގެން ގޮސް ބިންމައްޗަށް ވެއްޓިއްޖެއެވެ. ރުހައިމްގެ ސިކުނޑީގެ މަސައްކަތައް އޭރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. ވަށައިގެންވި މާހައުލަށް އޭނައަށް ސަމާލުކަމެއް ވެސް ނުދެވުނެވެ. މެޔަށް ބާރުވެ ނޭވާލާން ވެސް ދަތިވާން ފެށިއެވެ. އެހަޤީޤަތާ ކުރިމަތިލާނެ ގޮތެއް އޭނައަކަށް ނޭނގުނެވެ. ގޮތްހުސްވެފައިވާ މީހަކު ފަދައިން ރުހައިމްއަށް އިސްޖަހާލެވުނެވެ.
''ރުހައިމްގެ ސަބަބުން މިހެން މިވީ، އަހަރެން މުޅި ދުނިޔެއަށް ބަދުނާމުވެއްޖެ، ތި ޓެސްޓް ހަދަން ދިޔައިރުގައި ވެސް ހަދަން ޖެހުނީ ހުސް ދޮގު، ކައިވެނީގެ ބޭރުން ބަލިވެ އިންކަން އިތުރު މީހަކަށް އެނގިއްޖެނަމަ ވާނެ ގޮތް ރުހައިމް ވިސްނާލަބަލަ.....'' މޫނުމަތިން އަތް ނަގަމުން ޔަޝްފީ ބުންޏެވެ. ލޮލުން އޮހޮރުނު ކަރުނަތައް ފޮހެލަމުން އޭނަ ގޮސް ރުހައިމް ކުރިމައްޗަށް ހުއްޓުނެވެ. އޭނަގެ އަތުގެ ހޫނު ހަމަލާއެއް ވެސް ރުހައިމްގެ ކަންކަށިމައްޗަށް އަމާޒުކޮށްލިއެވެ.
ތަދުގެ އިހުސާސެއް ވެސް ރުހައިމްއަކަށް ނުކުރެވުނެވެ. އޭނަ ހުރީ ސިހުމެއްގެ ތެރޭގައެވެ. ހާމަވެގެން ދިޔަ ހަޤީޤަތާ ކުރިމަތިލާނެ ގޮތެއް ނޭނގިފައެވެ.
''ޔޫ ރުއިންޑް މައި ލައިފް...'' ރުހައިމްގެ ގަމީހުގެ ގިރުވާނުގައި ހިފަމުން ޔަޝްފީ ގިސްލާން ފެށިއެވެ. ''ރުހައިމްގެ ސަބަބުން އަހަރެން މުޅި ދުނިޔެއަށް ބަދުނާމުވާނެ... ހުރިހާ ކަމެއް ދިމާވީ ރުހައިމްގެ ސަބަބުން، އެ މުޑުދާރު ކަންތައް އަހަރެންގެ ނުރުހުމުގައި ކުރީ ވެސް ރުހައިމް...''
(ނުނިމޭ)
ވާހަކަ
ވާހަކަ