ދުނިޔެ

ސަމޯއާ އިން ފުރަތަމަ ފަހަރަށް ކޮވިޑް ކޭހެއް ފެނިއްޖެ

މުހައްމަދު އައުޒަމް

ސަމޯއާ އިން ފުރަތަމަ ފަހަރަށް ކޮވިޑް ކޭހެއް ފެނިއްޖެއެވެ.

ޕެސިފިކްގެ ޖަޒީރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ސަމޯއާ އިން ފުރަތަމަ ކޮވިޑް ކޭސް ފެނިފައިވަނީ ޔޫރަޕުން އެގައުމަށް އެތެރެވި ދަތުރުވެރިއެއްގެ ފަރާތުންނެވެ. އޭނާއަކީ ޔޫރަޕުން އޮސްޓްރޭލިއާއަށް ދަތުރުކުރި މީހެއް ކަމަށް ސަމާއޯގެ އޮފިޝަލުން ވިދާޅުވެ އެވެ.

އާބާދީގައި ދެލައްކައެއްހާ މީހުން ދިރިއުޅޭ ސަމޯއާ އިން ޕޮޒިޓިވްވި އެ މީހާ ކަރަންޓީނު ކުރުމަށްފަހު އަލުން ޓެސްޓު ކުރި އެވެ. ނަމަވެސް ނަތީޖާ ޕޮޒިޓިވް ވުމާއެކު ކަރަންޓީނުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.

ސަމޯއާގެ ބޮޑުވަޒީރު ޓުއިލެޕާ ސައިލެލެ ވަނީ ދުނިޔޭގައި ހަލުވި މިނެއްގައި ފެތުރެމުން އަންނަ ކޮވިޑް-19ގެ އަސަރުކޮށްފައިވާ ގައުމުތަކުގެ ލިސްޓަށް ސަމޯއާ އެރުމުން އެގައުމުގެ ރައްޔިތުން ސަމާލުވުމަށް އެދިފަ އެވެ. އެގޮތުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާމެދު ސަރުކާރުން މަސައްކަތް ކުރާކަމަށް ވިދާޅުވި އެވެ.