ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ސިންގަޕޫރުގެ ކޮންޓެއިނަރު ބޯޓަކަށް ޑްރޯން ހަމަލާއެއް ދިނުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ކުއްލިއަކަށް އުފުލިއްޖެއެވެ. އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮމާންގެ އައްސޭރިފަށާ ކައިރިން "އެވަރ ލަވްލީ" ނަމަކަށް ކިޔާ މި ބޯޓަށް ހަމަލާދީފައިވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިންނެވެ.

އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނި ގޮތުގައި، އޮމާންގެ ދާހިތު ބަނދަރާ 7.5 ނޯޓިކަލް މޭލު ބޭރުން ދިން މި ހަމަލާގައި ބޯޓުގެ ބްރިޖަށް ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ތިމާވެއްޓަށް ގެއްލުންވާ ފަދަ ކަމެއްވެސް ހިނގާފައިނުވާ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން، އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ވަނީ އެ ސަރަހައްދުގައި ތާށިވެފައިވާ ބޯޓުފަހަރު ސަލާމަތްކުރުމަށް ފަށާފައިވާ އޮޕަރޭޝަން ވަގުތީގޮތުން މެދުކަނޑާލައިފައެވެ.

އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ ޑޮމިންގޭޒް ވިދާޅުވި ގޮތުގައި، އޮޕަރޭޝަން މެދުކަނޑާލީ ބޯޓުފަހަރާއި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.

މި ހަމަލާއާއެކު ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަބޫދާބީގެ މަރްބަން ކްރޫޑްގެ އަގު ވަނީ ފީފާއަކަށް 69.06 ޑޮލަރަށް އުފުލިފައެވެ. މިއީ ގާތްގަނޑަކަށް ހަތަރު އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ބްރެންޓް ކްރޫޑްގެ އަގުވެސް ވަނީ ދެ އިންސައްތަ އުފުލި، ފީފާއެއްގެ އަގު 75.26 ޑޮލަރަށް އަރާފައެވެ.

ހަކަތައިގެ މާކެޓް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހުރަސްކުރާ ހޮރްމުޒް ކަނޑުއޮޅީގައި ހިނގި މި ހާދިސާގެ ސަބަބުން، ސަޕްލައި ޗެއިނަށް ބުރޫއަރައި، ކުރިއަށް އޮތް ތަނުގައިވެސް ތެލުގެ އަގަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.