ޗައިނާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އަލީބާބާ ގްރޫޕުން، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސް (ޕެންޓަގަން) އާ ދެކޮޅަށް އެމެރިކާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ، ޗައިނާގެ އަސްކަރިއްޔާއާ ގުޅުންހުރި ކުންފުނިތަކުގެ ލިސްޓުގައި އަލީބާބާ ހިމެނުމާ ގުޅިގެންނެވެ.
ކެލިފޯނިއާގެ ސެން ހޯޒޭގެ ފެޑެރަލް ކޯޓަށް މިދިޔަ އަންގާރަ ދުވަހު ހުށަހެޅި މި މައްސަލައިގައި އަލީބާބާއިން ބުނެފައިވަނީ، ޕެންޓަގަންގެ "1260އެޗް" ލިސްޓުގައި އެ ކުންފުނި ހިމަނާފައިވަނީ އެއްވެސް ހެއްކެއް އަދި ގާނޫނީ އަސާސެއް ނެތި ކަމަށެވެ. އެއީ އެމެރިކާގެ ގާނޫނުއަސާސީން ލިބިދޭ ހައްގުތަކާ ހިލާފު ނިންމުމެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އަލީބާބާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، އެ ކުންފުންޏަކީ ޗައިނާގެ އަސްކަރިއްޔާގެ ބައެއް ނޫން ކަމަށާއި، އަދި އަސްކަރީ އެއްވެސް ސިޔާސަތެއްގައި ބައިވެރިވާ ކުންފުންޏެއް ނޫން ކަމަށެވެ.
ޕެންޓަގަންއިން ތުހުމަތުކުރާ ގޮތުގައި، އަލީބާބާއަކީ ޗައިނާގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މެދުވެރިކޮށް ޗައިނާގެ އަސްކަރިއްޔާއަށް އެހީތެރިވެދޭ ކުންފުންޏެކެވެ. ނަމަވެސް، އަލީބާބާއިން ބުނެފައިވަނީ އެއީ ހަމައެކަނި ވިޔަފާރީގެ ރެގިއުލޭޓަރީ ގުޅުމެއް ކަމަށެވެ. މި ލިސްޓުގައި ހިމެނުމުގެ ސަބަބުން، ޖޫން 30 އިން ފެށިގެން އެމެރިކާގެ އަސްކަރިއްޔާއަށް އަލީބާބާއާއެކު އެއްވެސް ވިޔަފާރީގެ މުއާމަލާތެއް ނުކުރެވޭނެއެވެ. މީގެ އިތުރުން، އެމެރިކާގައި އަލީބާބާ ތަމްސީލުކުރާ ބައެއް ލޯޔަރުންނާއި ލޮބީކުރާ ފަރާތްތަކުން މިހާރުވެސް އެ ކުންފުންޏާއެކު މަސައްކަތްކުރުން ހުއްޓާލާފައިވާ ކަމަށް އަލީބާބާއިން ބުނެފައިވެއެވެ.
ގާނޫނީ ތަޖުރިބާކާރުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މީގެ ކުރިން ޗައިނާގެ ޝައޯމީ ފަދަ ކުންފުނިތަކުންވެސް ވަނީ މިފަދަ މައްސަލަތައް ކޯޓަށް ހުށަހަޅައިގެން ކާމިޔާބު ހޯދާފައެވެ. އަލީބާބާގެ އިތުރުން ބައިޑޫ އަދި ބީވައިޑީ ފަދަ ކުންފުނިތައްވެސް މި މަހު ޕެންޓަގަންގެ ލިސްޓަށް އިތުރުކޮށްފައިވާއިރު، މި މައްސަލައިގެ ސަބަބުން އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ގުޅުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށް ހަބަރުތައް ބުނެއެވެ. ޕެންޓަގަންއިން މިހާތަނަށް މި ކޯޓު މައްސަލައާ ގުޅޭގޮތުން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އަލިބާބާ
ކޮމެންޓް