ހއ. އަލިދުއްފަރާއި މެދަފުށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ބޭއްވި ހޯރަފުށި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދެން އެންމެ އަވަހަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ފެށޭނީ އަލިދުއްފަރު ކަމަށެވެ. އަދި އެ އަތޮޅު މެދަފުށި ވެސް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ވަރަށް އަވަހަށް ބީލަމަށް ހުޅުވައިލާނެ ކަމަށެވެ.

"ދެން އެންމެ އަވަހަށް ރިސޯޓް ތަރައްގީ ކުރާ ތަންތަނުގެ ތެރޭގައި ދިއްދޫގެ ދެކުނުން އޮތް އަލިދުއްފަރު ފިނޮޅު ވާނެ. އޭގެ ފަހުން މިރަށުގެ އުތުރުން އޮތް މެދަފުށި ވެސް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ވަރަށް އަވަހަށް ބީލަމަށް ހުޅުވައިލާނަން. އޭގެ އިތުރުން ވެސް ހއ، ހދ، ށ އަދި ނ. އަތޮޅުގެ ބައެއް ރަށްތައް މި އަންނަ އަހަރުގެ ކުރީކޮޅު ފަތުރުވެރިކަން ތަރައްގީކުރަން ބީލަމަށް ހުޅުވާލެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހޯރަފުށި އެއާޕޯޓް ހުޅުވުމާއެކު އެ ސަރަހައްދުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށާއި މިއީ ރަށު ފަތުރުވެރިކަން ތަރައްގީކުރުމުގެ ވަގުތު ކަމަށެވެ. އެގޮތުން ހޯރަފުށިން ފަތުރުވެރިކަމަށް ދޫކުރާނެ ބިންތައް ގާނޫނުގައިވާ ގޮތުގެ މަތިން ޕްލޭނިން މިނިސްޓްރީގެ ލަފަޔާއެކު މިދިޔަ ހޯމަ ދުވަހު ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި ރަށުގެ ތަރައްގީގެ ޕްލޭނާ އެއްގޮތަށް އެކަމަށް އަވަހަށް ބިން ދޫކުރަން ފެށުމަށް ރައީސް ވަނީ ހޯރަފުށީ ކައުންސިލަށް ގޮވާލައްވައިފައެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ހއ. އަތޮޅުގައި ފަތުރުވެރިކަމުގެ މާގިނަ ފުރުސަތުތަކެއް ނެތް ނަމަވެސް، މި އެއާޕޯޓާއެކު ފަތުރުވެރިކަމުގެ ވަރަށް ފަހި ފުރުސަތުތަކެއް އެ ސަރަހައްދުގައި ތަނަވަސްވާނެ ކަމަށެވެ. އެގޮތުން ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަން އެރަށުން އަށް ލައްކަ އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއް މިދިޔަ އާދީއްތަ ދުވަހު ބީލަމަށް ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރަން ވަރަށް އަވަހަށް ބީލަމަށް ހުޅުވައިލާނެ ކަމަށާއި މިއީ ބީލަމަށް ހުޅުވައިލާ ދެވަނަ ފަހަރު ކަމަށެވެ. އަދި ވިދާޅުވީ އުލިގަމަށް ބަނދަރުކުރާ ޔޮޓް ފަހަރުން ކުރިން ނަގަމުން އައި ފީ ވެސް މިހާރު ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަމަށެވެ.