ހއ. ހޯރަފުށީ އެއާޕޯޓުގެ މަޝްރޫއަކީ ގައުމީ ލޯތްބާއި ރޫހު ދައްކުވައިދިން މަޝްރޫއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ހޯރަފުށި އެއާޕޯޓް ހުޅުވައިދެއްވުމަށްފަހު އެރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ ހޯރަފުށި އެހާ ފުރިހަމައަށް ތައްޔާރުވެފައި އޮތީ އެއާޕޯޓެއް ހުޅުވޭތީ ނޫން ކަމަށާއި މި ތައްޔާރީތަކުން ފެނިގެންދަނީ ތަރައްގީއާ މެދު ރައްޔިތުންގެ ހިތްތަކުގައި އާރޯކަމާއި ދިރުން އުފެދެމުން އަންނަ މަންޒަރު ކަމަށެވެ.
ރައީސް ވިދާޅުވީ ހޯރަފުށި އެއާޕޯޓް ތަރައްގީކޮށް ހުޅުވުމާ ހަމައަށް ކުރެވުނު މަސައްކަތުގައި ހޯރަފުށީގެ ރައްޔިތުންގެ ބައިވެރިވި މިންވަރާއި އެކަމަށް ދެއްވި ސަމާލުކަމަކީ މި ޖަޒީރާ ރާއްޖޭގެ ލާމަރުކަޒު ކުރުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ރައީސް ވިދާޅުވީ ހޯރަފުށި އެއާޕޯޓަކީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ބައިވެރިވުމަކާއެކު ތަރައްގީ ކުރެވުނު އެއާޕޯޓެއް ކަމަށާއި މި އެއާޕޯޓުގެ މަސައްކަތަށް އެހެން ރަށްރަށުންވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
"މި މަޝްރޫއަކީ ގައުމީ ރޫހާއި ގައުމީ ޖޯޝު އެކުލެވޭ ގޮތަށް ފުރިހަމަވެގެންދިޔަ މަޝްރޫއެއް. މި ދެންނެވީ ރައްޔިތުންގެ ހިތްތަކުގައި ގައުމީ ރޫހު އާލާކޮށް ދިރުވުމުގަ އާއި ގައުމީ ހިދުމަތުގައި މުޅި އުމުރު ހޭދަކުރެއްވި މަޝްހޫރު ހޯރަފުށީ އާދަމް ސަލީމްގެ އާއިލާއިން މި މަޝްރޫއަށް ދެއްވި ސަމާލުކަމަށް ދެއްވި ވާހަކަ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މި މަޝްރޫއުގެ އެކި ކަންކަމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ސަމާލުކަމަކީ މަޝްރޫއު ފުރިހަމަކުރުމަށް ލިބުނު ބާރެއް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މި މަޝްރޫއަކީ މުޅި އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ފެށުން ކަމަށާއި ހޯރަފުށި އެއާޕޯޓަކީ އެ އަތޮޅުގެ ރައްޔިތުން އުންމީދުކުރާ ތަރައްގީ ގެނެސްދޭނެ އެއް ވަސީލަތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު