ޚަބަރު

ވަންގެ ޗެއާޕާސަން، މިންނު އަށް ރެހެންދި އެވޯޑު ލިބިވަޑައިގެންފި

މުހައްމަދު ސިމާއު

ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަން ކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑް، "ވަން އޮންލައިން"ގެ ޗެއާޕާސަން މިންހާ ފާއިޒު ރަޝާދު (މިންނު) އަށް ލިބިވަޑައިގެންފި އެވެ.

މިންނު އަށް އެވޯޑް ލިބިވަޑައިގެންފައިވަނީ އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާއިންނެވެ. މި އެވޯޑް ހަވާލުކުރަނީ ކޮންމެ އަހަރެއްގެ ވެސް ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަން ބާއްވާ ޖަލްސާގައި ނަމަވެސް ކޮވިޑް 19ގެ ހާލަތަ ގުޅިގެން މިއަހަރުގެ އެވޯޑް ދިނުމުގެ ހަފްލާ ވަނީ ފަސްކޮށްފަ އެވެ.

މީޑިއާގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން މިންނު އަކީ ފާހަގަކޮށްލެވޭ ޒުވާން ކަނބެލެކެވެ. އެގޮތުން މިންނު ވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް މީޑިއާ ކަމަށްވާ ސަން މީޑިއާ ގުރޫޕުގައި ނުވަ އަހަރު ހޭދަ ކުރައްވައި، ސަން މީޑިއާ ގުރޫޕްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމު އަދާކުރައްވައިފަ އެވެ.

އޭގެ އިތުރުން ސަން އިން ކޮންމެ މަހަކު އެއް ފަހަރު ނެރޭ ޓްރެވަލް ޓޫރިޒަމް މެގަޒިން، މޯލްޑިވް އައިލެންޑްސްގެ މެނޭޖިން އެޑިޓަރުކަމާއި ސަން މެގަޒިންގެ އެސިސްޓެންޓް އެޑިޓަރުކަން ވެސް މިންނު ކުރައްވައިފައިވެ އެވެ.

އެއް ފައުންޑަރުގެ ގޮތުގައި، މިންނު "ވަން އޮންލައިން" ފެއްޓެވީ އެންމެ ދެ މުވައްޒަފުންނާއެކު 2018 ވަނަ އަހަރު އެވެ. މިހާރު ވަން މީޑިއާ ގުރޫޕު އުފައްދައި އެ މީޑިއާ ގުރޫޕުގެ ދަށަށް ވަން އޮންލައިން ހިންގަމުން އަންނަ އިރު، މި ގުރޫޕުގެ ކުޑައިގެ ދަށުން އިތުރު ތިން ޕްރޮޑަކްޓެއް އުފައްދައި، 25 އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ހުރިހައި މުވައްޒަފުންނަކީ ވެސް ދިވެހީންނެވެ. ދިވެހި ބަހުންނާއި އިނގެރޭސި ބަހުން ވަން އޮންލައިން ގެ ދެ އެޑިޝަން ހިންގަމުން އަންނަ އިރު މި ނޫހަކީ މިހާރު ރާއްޖޭގައި ގައުމީ ފެންވަރުގައި ނެރޭ ނޫސްތަކުގެ ތެރެއިން އެންމެ ތާޒާކަމާ އެކު ހަބަރާއި މައުލޫމާތު ގެނެސްދޭ އެއް ނޫހެވެ.

މީޑިއާ ކެރިއަރުގެ އިތުރުން މިންނު އަކީ 2017 ވަނަ އަހަރުން ފެށިގެން ގްލޯބަލް ބްރޭންޑް، ވުމެން އިން މެނޭޖްމަންޓް މޯލްޑިވްސްގެ ރައީސާ އެވެ. އަދި ބިޒްނަސް މެނޭޖްމަންޓާއި ފެޝަން ޑިޒައިންގެ ދާއިރާއިން ވެސް މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި މިންނު ގެންދަވަނީ ނޫހުގެ އިތުރުން އަމިއްލަ ވިޔަފާރިއެއް ވެސް ހިންގަވަމުންނެވެ. އެއީ 2011 ވަނަ އަހަރު ފެށި ބުޓީކް ކްލޯޓިން ފިހާރަ "ޑްރީމްސް ބައި މިންނު" އެވެ.

އޭގެ އިތުރުން ސްކޫލް ދުވަސްވަރު ލިޓިލް މެއިޑް އަދި ގާލްގައިޑުން ހުނަރުތައް ހާސިލުކުރައްވާފައިވާ މިންނު އަކީ މިއަދު މޯލްޑިވްސް ގައިޑް އެންޑް ސްކައުޓް ފެލޯޝިޕް (އެމްއެސްޖީއެފް)ގެ މެންބަރެކެވެ. އަދި ބައިކް މޯލްޑިވްސް، ރީޖަނަލް އެލަޔަންސް ފޮ ފޮސްޓެރިން ޔޫތް (ރަފީ) އަދި އައްޑޫ ވިމެންސް އެސޯސިއޭޝަނުގައި ޕީއާރު މާކެޓިން އަދި މީޑިއާގެ މަސައްކަތްތަކުގައި އަމިއްލަ ގޮތުން މިންނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މިންނު އަކީ މީޑިއާގައި މިންތީގެ ހަމަހަމަ ކަމަށް "ބިލްޑިން އަ ޖެންޑާޑް މީޑިއާ އިން ސައުތު އޭޝިއާ"ގެ ނަމުގައި ސާކުގެ ގައުމުތަކަށް ހިންގާ މެގަ ޕްރޮޖެކްޓް، ޔުނެސްކޯ ސްވޯން ޕްރޮޖެކްޓްގެ ވެސް ބޯޑު މެންބަރެކެވެ. އޭގެ އިތުރުން ކޮވިޑަށް ހޭލުންތެރިކުރުވުމަށް ދިވެހި މީޑިއާތައް ގުޅިގެން ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ސްޓިއަރިން ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ވެސް މިންނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މީޑިއާއާ ގުޅޭ ދާއިރާތަކުން މިންނު ވަނީ ގިނަ ކާމިޔާބީތަކެއް ވެސް ހާސިލުކުރައްވައިފަ އެވެ. އެގޮތުން 2015 ވަނަ އަހަރު ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓް އޮފް މާސް ކޮމިއުނިކޭޝަންގެ ސީނިއާ މެންބަރުކަމުގެ އެވޯޑް ކޮށްފައިވާ އިރު، 2016 ވަނަ އަހަރު ވިމެން އޮން ބޯޑްސް ޑިސްޓިކްޝަން އަދި އެވޯޑް ފޮ ބެސްޓް ޔަންގް ޕްރޮފެޝަނަލްގެ އެވޯޑު ވެސް މިންނުއަށް ވަނީ ލިބިވަޑައިގެންފައިވެ އެވެ.

މިންނު އަށް ވަނީ 2018 ވަނަ އަހަރު އިންޓަނޭޝަނަލް ޔޫތު ކޮމިޓީން ދޭ "އޭޝިއާ ޔޫތު އިންސްޕިރޭޝަނަލް އެވޯޑް އިން ވިމެން އެމްޕަވަމަންޓް" އެވޯޑާއި ރަފީ އެންޖީއޯ އިން "ޔޫތު ޑިވެލޮޕްމަންޓް ޗެމްޕިއަން އެވޯޑް" އަދި "އައުޓްސްޓޭންޑިން ޔޫތް ލީޑަރު"ގެ އެވޯޑް ވެސް ލިބިފައިވެ އެވެ.

ދާދި ފަހުން މިންނު ވަނީ އޭނާގެ އެޑިޓަރުކަމުގެ ދަށުން، އަންހެނުންނަށް ހާއްސަ މަޖައްލާއެއްވެސް ރަޖިސްޓްރީކުރައްވައިފަ އެވެ. "ހިޔަލަ"ގެ ނަމުގައި ރަޖިސްޓްރީކުރައްވައިފައިވާ އެ މަޖައްލާގެ އެއް އަދަދު މިހާރު ވަނީ ނެރެފަ އެވެ.