އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ މިއަދުގެ ހާލަތަށް ބަލައި ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ހއ. ހޯރަފުށި އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދައުލަތުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް މިހާރު ހުށަހަޅާފައިވާ ކަމަށާއި އެ ބަޖެޓަކީ މިހާރުގެ ހާލަތަށް ބަލާއިރު ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެ ބަޖެޓަކީ މިއަދުގެ ހާލަތަށް ބަލައި، ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިއްހީ ދާއިރާއަށް ހަތަރު ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، ތައުލީމީ ދާއިރާއަށް 3.9 ބިލިއަން ރުފިޔާ ބަޖެޓުގައި އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ މުހިންމު ބޮޑެތި ޕްރޮޖެކްޓްތަކުގެ ފައިސާ ހުރީ ހަމަޖެހިފައި ކަމަށެވެ.
ރައީސް ވިދާޅުވީ މަޖިލީހުގައި ބަޖެޓް ކުޑަކުރުމަށް ބައެއް މެންބަރުން ވިދާޅުވި ކަމަށާއި ނަމަވެސް މިއީ މަޝްރޫއުތައް ހުއްޓާލަންވީ ވަގުތު ނޫން ކަމަށެވެ.
"ސަރުކާރުން ކުރަންޖެހޭނެ ކަމަކީ މި ދަނޑިވަޅުގައި އިގުތިސޯދު ހިންގުން. މިއީ ލިބިފައި ހުރި ފައިސާ ކަމަށް ވާތީ މި ޕްރޮޖެކްޓުތައް މެދުނުކެނޑި އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތި އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުނިޔެއަށް ދިމާވެފައި މިއޮތް ކޮވިޑުގެ ދަތި އުނދަގޫ ހާލަތާއި ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވެފައި މި އޮތް ދަތި ހާލަތުގައި ސަރުކާރުން ކުރަންޖެހޭނެ އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. މިއަހަރުގެ މިހާތަނަށް އައީ އެކަން ވަރަށް ރަނގަޅަށް ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވާނެ ކަމަށާއި އެއްވެސް މުއައްޒަފެއްގެ މުސާރަ ކުޑަ ނުކުރާ ކަމަށެވެ. އަދި މަސް ނިމުމުގެ ކުރިން ދޭންޖެހޭ މުސާރަ ދީފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މިއީ ދަތި ވަގުތެއް. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ފައިސާ ހޯދައިގެންވެސް މިކަންކަން ކުރަންޖެހޭނެ ވަގުތު،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު