އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސްކޮށް، މިރޭ ބަޖެޓް ބަހުސް ނިންމާލައިފިއެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސް މިދިޔަ ހޯމަ ދުވަހުން ފެށިގެން މިރެއާ ހަމައަށް ކުރިއަށް ގެންގޮސްފައިވާ އިރު، 69 މެންބަރަކު ވަނީ ބަޖެޓް ބަހުސްގައި ބައިވެރިވެވަޑައިގެންފައެވެ.
ބަޖެޓް ބަހުސް މިއަދުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް، މިއަދުގެ ޖަލްސާގެ ވަގުތު ވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ބަޖެޓް ބަހުސް ނިންމައިލައްވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ބަހުސްގައި 15 ގަޑިއިރަށް ވުރެ ގިނައިރު ހޭދަކުރެވުނު ކަމަށް އިއުލާނުކުރައްވައިފައެވެ.
ދެން އޮންނާނީ ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާ ކުރުމަށް ފަހު ނިންމާ ރިޕޯޓަށް ބަހުސް ކުރުމެވެ. އެ ރިޕޯޓަށް ބަހުސް ކުރަން ކޮންމެ މެންބަރަކަށް ހަތް މިނެޓް ލިބޭނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާއެވެ. އަދި އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭ އިރު، 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ބަޖެޓް ބަހުސްގައި އެމްޑީޕީގެ ބައެއް މެންބަރުންނާއި އެހެން ޕާޓީތަކުގެ މެންބަރުންވެސް ވަނީ ބަޖެޓާ މެދު ހިޔާލު ތަފާތުވެ، ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގެ ދަރަނި ބޮޑުވާތީވެ، ގިނަ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން އެމްޑީޕީގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ މެމްބަރުން ވަނީ ބަޖެޓުގެ ބައެއް ކަންކަމާ މެދު ސުވާލު އުފައްދަވައިފައެވެ. އެގޮތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާ، ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ތަންފީޒު ނުކުރެވޭނެ ކަމަށާއި ބަޖެޓް ބޮޑުވެފައި ވަނީ، "މި ވަޒީރު ރުހޭ މީހާއަށް، އެ ވަޒީރު ރުހޭ މީހާގެ ދާއިރާއަށް ބަޖެޓް ބޮޑުކޮށް އަނެއް މީހާއަށް ބަޖެޓް ކުޑަކޮށްގެން" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވަނީ ވިދާޅުވެފައެވެ.
މަޖިލިސް ރައީސް ނަޝީދުވެސް ވަނީ ބަޖެޓަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވައިފައެވެ. ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ތިން ތަނެއްގައި، ދަރަނި ދެއްކުމަށް ފަސް ބިލިޔަން ރުފިޔާއާ ހަމައަށް ފައިސާ ޖަހާފައިވާ ކަމަށާއި އެ ބައި ބަޖެޓުން ކަނޑާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގައި ރިޔާސަތުގައި ނީންނަވާނަމަ، މިފަދަ އިންތިހާއަށް ޑެފިސިޓް ބަޖެޓަކަށް ވޯޓު ނުދެއްވާނެ ކަމަށެވެ.
މީގެ އިތުރުން އިދިކޮޅު މެންބަރުންވެސް ވަނީ ބަޖެޓުގައި ހުރި ކަންކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ ބަޖެޓް އަނބުރާ ގެންދެވުމަށް އެދޭ ކަމަށާއި ގެންގޮސް 25 ބިލިއަން ރުފިޔާއަށް ނުވަތަ 24 ބިލިއަން ކުޑަކުރުމަށް އެދޭ ކަމަށެވެ. 20 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަކު ނުދާނެ ކަމަށާއި ރައްޔިތުންގެ ހާލަތު ދަށްވާނެ ކަމަށެވެ. އަދި މަޝްރޫއުތައް މަޑުޖައްސައިލަން ޖެހުމުން އެކަން ގަބޫލުކުރަން ވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމްގެ އިތުރުން މަހިބަދޫ ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ތޯރިގު ވިދާޅުވީ ދެކޮޅު ނުޖެހޭ ބަޖެޓެއް ސަރުކާރުން ހުށަހަޅާފައިވަނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް ރައްޔިތުންނަށް ފޮނި ހުވަފެން ދައްކައިގެން އޮޅުވައިލަން ކަމަށެވެ.
ބަޖެޓާ އެއްކޮޅަށް އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ ވާހަކަދައްކަވައިފައެވެ. އެގޮތުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ވިދާޅުވީ މި ބަޖެޓަކީ މިހާރުގެ ހާލަތަށް ބަލާފައި ރަނގަޅު ބަޖެޓެއް ކަމަށެވެ. އަދި ބަޖެޓާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
މީގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްވެސް ވަނީ ބަޖެޓާ މެދު ހިތްހަމަޖެހޭ ކަމަށް ވިދާޅުވެފައެވެ. ދަރަނި ބޮޑުވެގެން އޭނާ ކަންބޮޑު ނުވާ ކަމަށާއި ދަރަނި ދައްކަން މިއަހަރުވެސް ކަނޑައަޅަން ޖެހުނީ ވަރަށް ކުޑަ ޕަސެންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު