ޚަބަރު

ކަންނެލި ނުކިރި މަސްވެރިން ކިޔޫގައި ތިބޭތާ ތިން ދުވަސް!

އަލީ ޔާމިން

ކަންނެލި ކިރުމުގައި ދަތިތަކެއް ކުރިމަތިވެ، މަސްވެރިން ކިޔޫގައި ތިބޭތާ ތިން ދުވަސް ވެއްޖެއެވެ.

ހުޅުމާލޭ ކަންނެލި ޖެޓީގައި މިހާރުވެސް 20 ވަރަކަށް ދޯނި ކިޔޫގައި އޮތް އިރު‏، މަސްވެރިން ކިޔޫގައި ތިބޭތާ މިއަދަށް ތިން ދުވަސް ވަނީ ވެފައެވެ. މަސް ނުކިރި ކިޔޫގައި ތިބެން ޖެހޭތީ މަސްވެރިން އަންނަނީ މަހުގެ ފެންވަރު ދަށްވެ، ހަމަ އަގު ނުލިބޭ ކަމުގެ ޝަކުވާތައް ކުރަމުންނެވެ.

ކަންނެލި މަސް ގަންނަ ހައެއްކަ ކުންފުނި އޮންނަ އިރު، މިހާރު އޮޕަރޭޝަނުގައި އޮތީ ތިން ކުންފުންޏެވެ. އެއީ އެންސިސް، ސީޕްރިއާ އަދި ބިގްފިޝްއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން އެންސިސްގެ ޖެނެރަލް މެނޭޖަރު ހުސައިން އަފީފް ވިދާޅުވީ، އެންސިސްއިން އެކުންފުނީގެ ފުލް ކެޕޭސިޓީގައި މަސްވެރިންގެ އަތުން މަސް ގަންނަމުން އަންނަ ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 30 ޓަނުގެ ބޮޑު ކަންނެލި އެންސިސްއިން ގަންނަ ކަމަށް ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ، ކަންނެލި ދޯނިތަކުން ކިޔޫގައި ގިނަ ދުވަސްތަކެއްވެފައިވަނީ މި ދުވަސްވަރަކީ ބޮޑުކަންނެލީގެ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށްވެފައި، މަސްވެރިން ބާނާ މަސް ގަތުމުގެ ކެޕޭސިޓީ މަދުވުމުން ކަމަށެވެ. އަދި ޔޫރަޕުގެ މާކެޓުތަކަށް މަސް އެކްސްޕޯޓް ކުރުމުގައި ހުރި ދަތިތަކަކީވެސް މަސް ގަތުމަށް ހުރި ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑުކަންނެލީގެ މަސްވެރިން މަސް ނުކިރި ކިޔޫގައި ތިބޭތާ ތިން ދުވަސްވެފައިވާ އިރު، އެކަމާ ގުޅިގެން "ވަން"އިން ސީޕްރިއާ އަދި ބިގްފިޝްގެ ބަހެއް ހޯދަން ކުރި މަސައްކަތް ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ބޮޑުކަންނެލި މަސްވެރިންނަށް މަސްކިރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ އިރު، އުތުރުގެ މަސްވެރިންނަށް ވެސް މަސްކިރުމުގައި ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް މިފްކޯއިން ވަނީ ދުވާލެއްގެ މައްޗަށް 300 ޓަނާ ހަމައަށް ފެލިވަރުގެ އިތުރުން ކޫއްޑޫއާއި އެކުންފުނީގެ ބޯޓުތަކަށް ކަޅުބިލަމަސް ކިރާ ކަމަށް ބުނެފައެވެ.