ބޮލީވުޑް

ފިލްމު ޝިއްދަތު ކުޅުމަށް ރާދިކާ ފަތަން ދަސްކޮށްފި

ފިލްމު އަންގްރޭޒީ މީޑިއަމް އިން ބޮޑު މަގުބޫލު ކަމެއް ހޯދި ބަތަލާ ރާދިކާ މަދަންގެ ކުރިއަށް އޮތް ފިލްމު ޝިއްދަތު ކުޅުމަށް ޓަކައި ފަތަން ދަސްކޮށްފިއެވެ.

2018 ވަނަ އަހަރު ނުކުތް ފިލްމު ޕަޓާކާއިން ބޮލީވުޑަށް ނުކުތް ރާދިކާ އަކީ އޭނާ ކުޅޭ ކޮންމެ ރޯލެއްވެސް ވީހާވެސް ފުރިހަމަކޮށް ކުޅުމަށް މަސައްކަތް ކުރާ ތަރިއެވެ.

"އަހަރެން ބޭނުން ވަނީ އެކި ކަހަލަ ރޯލު ކުޅެން، އަބަދު އެއް ކެރެކްޓާއެއް ކުޅޭ ހިތެއް ނުވޭ. އެކްޓަރެއް ވިއްޔާ އެކި ކަހަލަ ރޯލު ކުޅެ އޭގެން ޗެލެންޖު ކުރުން މުހިންމު." މީޑިއާ ތަކަށް ދިން އިންޓަވިއުއެއްގައި ރާދިކާ ބުންޏެވެ.

"އަހަރެންގެ ކުރިއަށް އޮތް ފިލްމަކީ ޝިއްދަތު. މި ފިލްމުގައި މި ކުޅެނީ ފެތުންތެރިއެއްގެ ރޯލު. ފިލްމަށް ސޮއި ކުރިއިރު ފަތާކަށް ނޭނގެ. ނަމަވެސް މިހާރު ދަސްކޮށްފިން. އެކަން ކުރުމަށް ގާތްގަނޑަކަށް ހަތަރެއް ނުވަތަ ފަސްމަސް ދުވަސް ނެގި." ރާދިކާ ބުންޏެވެ.

މޯހިތު ރައިނާ، ޑިއާނާ ޕެންޓީ އަދި ސަނީ ކުޝާލް ލީޑްރޯލުން ފެނިގެންދާނެ ފިލްމު ޝިއްދަތު ޑައިރެކްޓް ކުރަނީ ކުނާލް ދޭޝްމުކެވެ.