އަންނަ 2021 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް އޮފީހަށް ދީފައިވާ ބަޖެޓް އޮފީސް ހިންގޭނެ ކަމަށާއި ނަމަވެސް ގާނޫނުއަސާސީން ތަސައްވަރު ކުރާ ގޮތަށް ކަންތައް ނުކުރެވޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި އަންނަަ އަހަރަށް ޕީޖީ އޮފީހަށް ކަނޑައަޅާފައިވާ ބަޖެޓާ ބެހޭގޮތުން ޕީޖީ ޝަމީމު ވިދާޅުވީ، ފިނޭންސް މިނިސްޓްރީއާއެކު ކުރި މަޝްވަރާތަކަށްފަހު ހަރަދުތައް ކުޑަކޮށް އަންނަ އަހަރަށް 62 މިލިއަންގެ ބަޖެޓެއް ހުށަހެޅި ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓް ފޮނުވި އިރު، އެ އޮފީހަށް ކަނޑައަޅާފައި އޮތީ 59.3 މިލިޔަނަށް ބަޖެޓް ކުޑަކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ގާނޫނުއަސާސީން ތަސައްވަރު ކުރާ ގޮތަށް ކަންތައް ނުކުރެވޭނެކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ އެކަމުގެ ސަބަބުން އެކަށީގެންވާގޮތަށް ކޯޓުތަކަށް ހާޒިރުވެ ކަންކަން ކުރަން ދަތިވާނެ ކަމަށެވެ.

ޕީޖީ ވިދާޅުވީ، އެ އޮފީހުގެ ހަރަދުތައް ކުޑަކުރުމަށް ވެސް ފިޔަވަޅުތަކެއް އަޅާފައިވާ ކަަމަށެވެ.

އެގޮތުން އިތުރުގަޑީގެ ފައިސާ ކުރިން ދޭވަރަށްވުރެ ބޮޑުތަނުން އުނިކުރުމާއި ކުރަންޖެހޭ ދަތުރުތަކަށް ބަދަލު ގެނައުން ހިމެނޭކަމަށް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ އެ އޮފީހުން އެންމެ ބޮޑު ހަރަދެއް ވަނީ ދަތުރުތަކަށް ކަމަށެވެ.

އެހެންކަމުން އެ އޮފީހުގެ ވަކީލުން ދަތުރުކުރަން ހިފާފައި އޮންނަ ދެ ވޭނުން އެއް ވޭން ދޫކޮށްލުމުގެ އިތުރުން، އިބްތިދާއީ އަޑުއެހުންތަކަށް އެ އޮފީހުގެ ވަކީލުނުް ހާޒިރުވުމުގެ ބަދަލުގައި އޮންލައިންކޮށް އެފަދަ އަޑުއެހުންތަކުގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމުންވެސް އެއް މިލިޔަން ރުފިޔާ ސަލާމަތްކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.