(14 ނޮވެމްބަރާ ގުޅޭ)
"އާނ ދަރިފުޅާ! އެކަމަކު ހަނގުރާމަ އަދިއެއް ނުނިމޭ ދަރިފުޅާ!" عبـدالمـنعــم އެހެން ވިދާޅުވެފައި އަނެއްކާވެސް حسن އުރައިލެއްވިއެވެ. އެއަށްފަހު سـكيـنـة އާއި، سعد އާއި، أحمد އާ ދިމާއަށް ބައްލަވައިލެއްވުމަށްފަހު حسن ބިންމަތީގައި ބަހައްޓަވައިފިއެވެ. "މާތް اللّـه ތިޔަބައިމީހުން ރައްކާތެރިކުރައްވާށި!" މިހެން ވިދާޅުވެފައި އޭނާ ހަރުކޮށް ހިންގަވައިފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ.
سعد އާއި، أحمد އާއި حسن އާ ތިންބޭފުޅުން އެބޭފުޅުންގެ މަންމަޔާ ދިމާއަށް ބައްލަވައިލެއްވިއެވެ. سعـد ގެ ފެންކަޅިވެފައިވާ ލޯފުޅު ހެކިދެނީ އޭނާއަށް އަނެއް ދެބޭފުޅުންނަށްވުރެ މާގިނަ ކަންތައް އެނގިވަޑައިގަންނަވާކަމެވެ.
* * * * * * * * * * *
عبـدالمـنعــم ހާޒިރުކުރެވުނީ ޤަޞްރުއްޒަހުރާގެ ދާރުލްއުމަރާއު މާލަމަށެވެ. އޭނާ ގެންދެވުނީ عبّــاد އާއި إبـن عمّــار އާ ދެބޭފުޅުންގެ ކުރިފުޅުމައްޗަށެވެ. عبّــاد އިންނެވީ ވެރިކަމުގެ ތަޚުތުގައެވެ. معـتـمـد ގެ ގަވަރނަރެއްގެ ހައިސިއްޔަތުންނެވެ. އޭނާގެ ކަނާތްޕުޅު ފަރާތުގައި އިންނެވީ إبـن عمّــار އެވެ. ވާތްފަރާތްޕުޅުގައި އިންނެވީ އިޝްބީލިއްޔާގެ ފަނޑިޔާރުމަނިކުފާނެވެ. އެބޭފުޅުންގެ ފަހަތްޕުޅުގައިހުރީ އިޝްބީލިއްޔާގެ ސިފައިންގެ އޮފިސަރުންގެ ގޮނޑިކޮޅުތަކެވެ. ތަޚުތުގެ ކުރިމަތީގައި ހުރީ ޤުރުޠުބާގެ އަމީރުންކުރެ معـتـمـد ގެ ރަސްކަން ގަބޫލުކުރައްވައިފައިވާ ބޭފުޅުންގެ ގޮނޑިކޮޅުތަކެވެ. އެގޮނޑިކޮޅުތަކުގެ ފަހަތުގައި ފާރަވެރީން ސަފުސަފަށް ތިއްބެވެ. ތަޚުތުގެ ދެފަރާތުގައި ޚާއްޞަ މަޤުޞަދަކަށްޓަކައި ބައެއް ގޮނޑިކޮޅުތައް ހުހަށް ބަހައްޓައިފައި ހުއްޓެވެ.
عبـدالمـنعــم ސިފައިންގެ މީހެއްގެ ހައިބަތާއެކު ދަރުބާރަށް ވެދެވަޑައިގެންފިއެވެ. އެދަރުބާރުގެ ގޮނޑިކޮޅުތަކުގައި އިށީނދެވަޑައިގަތުމުގެ ދަހިވެތިކަމުގައި ޤުރުޠުބާގެ ޝަރަފާއި މިނިވަންކަން ވިއްކައިލެއްވި އަމީރުންނާ ދިމާއަށް މަލާމާތުގެ ހިނިފުޅުވަޑުވައިލެއްވުމާއެކު ބައްލަވާލެއްވިއެވެ. އެއިން އެއްވެސް ބޭފުޅަކަށް عبـدالمـنعــم އާ ހަތަރުކަޅި ހަމަކުރައްވާކަށެއް ކެރިވަޑައެއް ނުގެންނެވިއެވެ. إبـن عمّــار ގެ އިޝާރާތަކަށް އިޝްބީލިއްޔާގެ ސިފައިންގެ އޮފިސަރެއް ތެދުވެއްޖެއެވެ. އޭނާ އެތަނުން ހުހަށްހުރި ގޮނޑިކޮޅަކާ ދިމާއަށް އިޝާރާތް ކޮށްލައިފައި عبـدالمـنعــم އަށް އިށީނދެވަޑައިގަންނަވަން ދަންނަވައިފިއެވެ. ނަމަވެސް عبـدالمـنعــم އެނގިވަޑައިގެންނެވި ކަމަކަށް ނެހެއްދެވިއެވެ.
إبـن عمّــار ވިދާޅުވިއެވެ. "އަޅުގަނޑުމެން ކަލާއަށް މިތަނަށް ވަޑައިގަތުމުގެ އުނދަގޫފުޅު ޖެއްސީ ރަޙުމަތްތެރިކަމުގެ ހައިސިއްޔަތުން. އިށީނދެވަޑައިގަންނަވާ!"
عبـدالمـنعــم ޖަވާބު ދެއްވިއެވެ. "ނޫން! އަޅުގަނޑު ތިޔަކަހަލަ ގޮނޑިޔެއްގެ ދަހިވެތިކަމުގައި ކަލާގެ ރަޙުމަތްތެރިޔަކަށް ވާކަށެއް ބޭނުމެއް ނޫން!"
إبـن عمّــار ވިދާޅުވިއެވެ. "ކަލާއަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން ޤުރުޠުބާގެ އަޣުލަބިއްޔަތު ވަނީ އިޝްބީލިއްޔާގެ ޝަހެންޝާހުގެ ރަސްކަން ގަބޫލުކޮށްފައި!"
"ތިޔައަށްވުރެ މާގިނަ ކަންތައްތައް އަޅުގަނޑަށް އެނގޭ."
"އެއީ ކޮންކަންތައްތަކެއްތޯ؟"
"އެއީ ވަރަށްދިގު ވާހަކައެއް. ތިޔަބޭފުޅުން އެވާހަކަ އަޑުއައްސަވާ ހިތްޕުޅެއް ނުވާނެ."
"ކަލާއަށް ވާހަކަ ދެއްކެވުމުގެ އަމުރު އެބައޮތް!"
"ވާހަކަ ދައްކާކަށެއް އަޅުގަނޑު ކަލާގެ އިޒުނައަކަށް ބޭނުމެއް ނޫން. އަޅުގަނޑުގެ އަނގައިގެ ތެރޭގައި ދޫ އޮތްހައި ހިނދަކު އަޅުގަނޑަށް ޙައްޤުގެ އަޑު އުފުލިދާނެ. އަޑުއައްސަވާ! ޤުރުޠުބާގެ މިނިވަންކަމާއި ޢިއްޒަތް ފޭރިގަތުމަށްޓަކައި ޠުލައިޠުލާއިން ފޭރޭ މީހުންގެ ޖަމާޢަތެއް އަތުވެއްޖެ. ޤުރުޠުބާގެ އަހުލުވެރީން ގެންދިޔައީ އެޑާކޫންނާ ހަނގުރާމަ ކުރަމުން. ހަނގުރާމަ ހިނގަމުންދަނިކޮށް އިޝްބީލިއްޔާއިން ވަގުންގެ ބައިގަނޑެއް އަތުވެއްޖެ. އެމީހުން އައީ ރަޙުމަތްތެރީންކަމަށް ހެދިގެން. ޤުރުޠުބާގެ މީހުން އެވަގުންނަކީ ތިމާމެންގެ ޝަރަފާއި މިނިވަންކަން ރައްކާތެރި ކޮށްދޭންއައި ބައެއްކަމުގައި ހީކޮށް އެވަގުންގެ ޖަމާޢަތަށް ތިމާމެންގެ ގޯތިގެދޮރުން ޖާގަ ދީފައި ޑާކޫންނާ ދޭތީން އެކައްޗަށް ހަނގުރާމަކުރާން ނުކުމެއްޖެ. އެމީހުން ޑާކޫންތައް ފައްސައިލި. ނަމަވެސް އެބައިމީހުންނަށް އެނބުރި އާދެވުނުއިރު ވަގުންތިބީ އެމީހުންގެ ގޯތިގެދޮރަށް ވެރިވެގެން. ތިޔަބޭފުޅުން ރަޙުމަތްތެރިކަމުގެ މޫނުބުރުގާގެ ތެރޭގައި ފޮރުވިވަޑައިގެން ތިއްބަވައި ޒަހަރުން ކަޅިކުރައްވައިފައިއޮތް ޚަންޖަރެއް އަޅުގަނޑުމެންގެ ބުރަކަށްޓަށް ހަރުއްވައިފީމު. އަޅުގަނޑު އެއްބަސްވަން. މިރަށުގެ ބަޔަކު ވަނީ ތިޔަބޭފުޅުންގެ ޒަހަރުގެ އަސަރު ގަބޫލުކޮށްފައި. އެކަމަކު އޭގެ މާނައަކީ އެބައިމީހުން ރުހުމުގައި ތިޔަބޭފުޅުންގެ އަޅުވެތިކަމުގެ ނިކަމެތިކަން ގަބޫލުކުރީކީ ނޫން. އެބައިމީހުންނަށް ތިޔަބޭފުޅުންގެ ކަނޑިކޮޅުތައް އެބައިމީހުންގެ ކަނދުރާތަކާ ކައިރިވެފައިވާތަން ފެނުމުން ތިމާމެންގެ ބަލިކަށިކަމާއި، އާރެއް ބާރެއް ނެތްކަމަށް އިޢުތިރާފުވީ. ޤުރުޠުބާގެ އަހުލުވެރީން ތިބީ ތިޔަބޭފުޅުންގެ އަޅުވެތިކަމަށް ރުހިގެން ކަމުގައި ގަބޫލު ކުރައްވާނަމަ ތިޔަބޭފުޅުންގެ ސިފައިން ޤުރުޠުބާގެ ވަށައިފާރުގެ ތެރެއިން ނިކަން ބޭރުކޮށްލައްވަ ބައްލަވާ. އެއަށްފަހު ބައްލަވާން ތިއްބަވާ. ޤުރުޠުބާގެ އަހުލުވެރީން ތިޔަބޭފުޅުންނަށްޓަކައި އައްޒަހުރާގެ ދޮރޯށިތައް ހުޅުވަނީތޯ ނުވަތަ އިޝްބީލިއްޔާއާ ހަމައަށް ތިޔަބޭފުޅުން ފަހައިދަނީތޯ. ތިޔަބޭފުޅުން އިޝްބީލިއްޔާއިން މިރަށަށް ވަޑައިގަތުމަށް އެއްމަސްދުވަސް ބޭނުންކުރެއްވީމު. އެކަމަކު އަޅުގަނޑު ޔަގީންކޮށް އަރުވަން ޤުރުޠުބާގެ މީހުން އެންމެ ދުވަހަކުން ތިޔަބޭފުޅުން އިޝްބީލިއްޔާއަށް ގެންގޮސްދޭނެ."
إبـن عمّــار އޭނާގެ ކުރިފުޅުމަތީގައިހުރި މޭޒުކޮޅުމަތީން ކަރުދާހެއް ނަންގަވައި ފަތްޖައްސަވައިލައްވައިފައި عبـدالمـنعــم ގެ އަތްޕުޅަށް ދެއްވަމުން ވިދާޅުވިއެވެ. "އަޅުގަނޑު ކަލާގެ ކެރިވަޑައިގަތުމާއި ސާފުބަހުން ވާހަކަފުޅު ދެއްކެވިކަމަށް އިޢުތިރާފުވަން. އެކަމަކު މިކަރުދާސް ބައްލަވައިލައްވާ. މިއީ معـتـمـد އަށް ބައިޢަތު ހިއްޕަވައިފައިވާ ދަންނަބޭކަލުންގެ ފަތުވާ."
عبـدالمـنعــم ޖަވާބު ދެއްވިއެވެ. "ތިޔަ ކަރުދާސް ނުބެލިކަމުގައިވިޔަސް އަޅުގަނޑު ތިޔަ ކަރުދާހުގައި ސޮއިކުރައްވައިފައިވާ ޢިލްމުވެރީންގެ ނަންތައް ވަކިވަކީން ދަންނަވައިފާނަން. އަޅުގަނޑުގެ ގާތުގައި އެބޭފުޅުންގެ އީމާނުގެ އަގު ތިޔަ ކަރުދާސް ހަޑިކޮށްފައިވާ ދެލީގެ އަގަށްވުރެވެސް މާދަށް. ސިންގާ ދިރިއުޅޭ ޖަންގަލިތަކުގައި ހިޔަޅުވެސް ދިރިއުޅޭ. އަދި ކީއްތޯ. ސިންގާއަށްވުރެ ހިޔަޅުގެ އަދަދު މާގިނަ. ތިޔަ ފަތުވާ ދިން ޢިލްމުވެރީން މިހާރު ތިބޭނީ ޤުރުޠުބާ ނޮޅައިލެއްވުމުގައި ތިޔަބޭފުޅުން އެ ޢިލްމުވެރީންވެސް ބައިވެރިކުރައްވާނެކަމުގެ ފޮނި އުންމީދުގައި. ތިޔަ ކަރުދާހުގައި ސޮއިކުރައްވައިގެން މި މަޖިލީހުން ގޮނޑި ހޯއްދެވުމުގެ ބަދަލުގައި ތިޔަބޭފުޅުންގެ ޖަލުތަކަށް ތަރުޖީހުދެއްވި ޢިލްމުވެރީންގެ ނަންފުޅުތައްވެސް އަޅުގަނޑު ދަންނަވައިފާނަން."
އިޝްބީލިއްޔާގެ ޤާޟީ ވިދާޅުވިއެވެ. "އަޅުގަނޑު އުންމީދުކުރަނީ އަންދަލުސުގައި ފެތުރިފައި މިއޮތް ބައިބައިވުން ނައްތައިލުމުގައި ކަލާ އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވާނެކަމަށް. معـتـمـد ފިޔަވައި އެހެން ރަސްކަލަކަށް އަންދަލުސުގެ މުސްލިމުން މުލޫކުއްޠަވާއިފުންގެ ކިބައިން ސަލާމަތްކޮށްދެއްވިދާނެތޯ؟"
عبـدالمنعـم ވިދާޅުވިއެވެ. "ކީއްވެތޯ މަނިކުފާނު ވިދާޅުނުވީ. މިއީ އަމިއްލަ އެދުމާއި، ކެހިވެރިކަމާއި، މަކަރުވެރިކަމާއި، ޢައްޔާޝީކަމުގެ ދުވަސްވަރޭ. އެހެންވީމާ މުލޫކުއްޠަވާއިފުންގެ ތެރެއިން އެންމެ ޢައްޔާޝީ އެންމެ މަކަރުވެރި، އެންމެ އަމިއްލަ އެދުން ބޮޑު އެންމެ ކެހިވެރި މީހެއްގެ އަޅުވެތިކަން ގަބޫލުކުރަމާ ހިނގާށޭ. މަނިކުފާނު ތިޔަ ވަޑައިގަތީ ޤުރުޠުބާގެ އަހުލުވެރީންގެ ކިބައިން معـتـمـد އަށް ބައިޢަތު ހޯއްދަވާން. އެއީ معـتـمـد އަކީ ކްރިސްޓިއަނުންނަށް ޖިޒީ ދެއްވާ ބޭފުޅަކަށްވާތީތޯ؟ އަލްފާންސޫގެ މޫނުފުޅުގެ ނިޤާބު ކަމުގައިވާތީތޯ؟ އަންދަލުސުގެ މުސްލިމުންގެ ސަލާމަތަކީ އޭނާ ކަމުގައި މަނިކުފާނު ތިޔަ ވިދާޅުވީ މުސްލިމުންގެ ތެރޭގައި ބައިބައިވުމުގެ އޮށް އެންމެ ގިނައިން އިންދެވީ އޭނާ ކަމުގައިވާތީތޯ؟"
ދަރުބާރުގައި ތިބި މީހުންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. معـتـمـد ގެ ޒުވާން ދަރިކަލުން އެހައިތަނަށް އިންނެވީ އެއްވެސް ބަސްފުޅެއް ވިދާޅުނުވެއެވެ. އޭނާ ކަންބޮޑުފުޅުވެގެން ތުންފަތްޕުޅު ހައްޕަވާން ފައްޓަވައިފިއެވެ. އިޝްބީލިއްޔާގެ ސިފައިންގެ އޮފިސަރުން ގޮނޑީން ތެދުވެ عبـدالمنعـم ގެ ވާހަކަފުޅާ ދެކޮޅުހަދަމުން ގެންދިޔައެވެ. إبـن عمّــار ގުގުރައިވަޑައިގެންފައި ވިދާޅުވިއެވެ. "ހުއްޓައިލާ! ކަލޭ އަމިއްލައަށް އެންމެ ބޮޑެތި އަދަބުތަކުގެ ޙައްޤުވެރިއަކަށް ވެގެންފީމު."
ނަމަވެސް عبـدالمنعـم އޭނާގެ ތަޤުރީރު ކުރިއަށް ގެންދެވިއެވެ. ޤުރުޠުބާގެ ޣައްދާރުންވެސް ހަޅޭއްލަވަމުން ގެންދިޔައެވެ. عبـدالمنعـم ގެ އަޑުފުޅު އެ އެންމެންގެ އަޑަށްވުރެވެސް މާބާރެވެ.
އެންމެފަހުން إبـن عمّــار ހަޅޭފުޅު ލައްވައިގެންފިއެވެ. "މިހިރަ ބޮޑު މުޖުރިމު މިތަނުން ގެންދޭ!"
ވިއްސަކަށް ފަނަރަވަރަކަށް ފާރަވެރީން عبـدالمنعـم ގެ ގައިކޮޅަށް އަރައިގެންފިއެވެ. އޭނާ ކޮއްޕައިގަންނަވަމުން ބޭރަށް ނެރެފިއެވެ.
އެވަގުތު ޤުރުޠުބާގެ އަމީރުންކުރެ معـتـمـد އަށް ވަފާތެރިވެވަޑައިގަންނަވާނެކަން އިޢުލާން ކުރައްވައިފައިވާ ބޭފުޅެއް އޭނާގެ ގޮނޑިކޮޅުން ތެދުވެވަޑައިގެންފިއެވެ. އޭނާއަކީ ޤުރުޠުބާގެ ވަރަށް ނުފޫޒުހުރި ބޭފުޅެކެވެ. އޭނާ ވިދާޅުވިއެވެ. "إبـن عمّــار!" ދެންމެއަކު عبـدالمنعـم އެދެއްކެވި ވާހަކަފުޅަށް އަޅުގަނޑުވެސް ތާއީދުކުރަން." އޭނާ މިހެން ވިދާޅުވެފައި إبـن عمّــار ގެ ޖަވާބަކަށް އިންތިޒާރު ކުރެއްވުމެއްނެތި عبـدالمنعـم ގެ ފަހަތްޕުޅުން ނުކުމެވަޑައިގެންފިއެވެ.
* * * * * * * * * * *
ރޭގަނޑު އަވަހާރަފުޅު ލެއްޕެވުމުގެ ކުރީން حسن އޭނާގެ އާދައިގެމަތީން އޭނާގެ މަންމަގެ އަރިހުން ވާހަކައެއް ވިދާޅުވެދެއްވާން އެދިވަޑައިގެންނެވިއެވެ. ނަމަވެސް سـكيـنـة ވިދާޅުވިއެވެ. "ދަރިފުޅާ! މިރޭ އެކޮޔަށް ވާހަކަ ވިދާޅުވެދެއްވާނީ އެކޮއިގެ ބޭބެ سعد!"
حسن އަށް ވާހަކަ ވިދާޅުވެދެއްވަން سعد އަންގަވައިފައި سـكيـنـة ވަޑައިގަތީ އޭނާގެ އަމިއްލަފުޅު ކޮޓަރިކޮޅަށެވެ. سـكيـنـة އެތައް އިރެއްވަންދެން އެއްވެސް ޙަރަކާތެއްނެތި ގޮނޑިއެއްގައި އިންނެވިއެވެ. އެއަށްފަހު ތެދުވެވަޑައިގެން ޖެހިގެންހުރި ކޮޓަރިކޮޅުގައިހުރި ފޮތް އަލަމާރިއަކުން ފޮތެއް ހިއްޕަވައިގެން ވަޑައިގެންފިއެވެ. سـكيـنـة އޭނާގެ ގޮނޑި ޝަމްޢުދާނާ ކައިރިކޮށްލައްވައިގެން އެފޮތް ވިދާޅުވާން ފަށްޓަވައިފިއެވެ. އެފޮތަކީ عبــدالّــرحـمـن الــدّاخــل ގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔެފައިއޮތް ފޮތެކެވެ. سـكيـنـة އެފޮތުން ތަންކޮޅެއް ވިދާޅުވުމަށްފަހު ފޮތް ލައްޕަވައިލައްވައިފައި މޭޒެއްގެ މަތީގައި ބާއްވަވައިފިއެވެ. އޭނާ ތެދުވެވަޑައިގެން އެނދުގައި އޮށޯވެ ވަޑައިގެންފިއެވެ.
سعد މަޑުމަޑުން އެކޮޓަރިއަށް ވެދެވަޑައިގެންފިއެވެ. އޭނާ ޖެހިލުންވެވަޑައިގެން ހުންނަވައި ވިދާޅުވިއެވެ. "މަންމާ! މަންމާ!"
"ކީއްވީ ދަރިފުޅާ؟" سـكيـنـة ތެދުވެވަޑައިގެން އިށީނދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "ދަރިފުޅު އަދިވެސް ނުނިދަމުތަ؟"
سعد ވިދާޅުވިއެވެ. "މަންމާ! އަޅުގަނޑަށް އެނގޭ ބައްޕަ ހައްޔަރުކޮށްފި!"
سـكيـنـة سعد ގެ މުލައްދަނޑިފުޅުގައި ހިއްޕަވައިފައި އޭނާގެ އަރިހުގައި ބައިންދަވަމުން ވިދާޅުވިއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު