ބޮލީވުޑްގެ ކުރިއަރަމުން އައި ތަރި ސުޝާންތު ސިންގް ރާޖްޕޫތު ގެ ފޭނަކު ހަނދުން ބިމެއް ގަނެފިއެވެ.

31 އަހަރުގެ ޒުވާން ޑިވެލޮޕަރު ރާމް ވަދްވާ ކިޔާ މި މީހާ ހަނދުން ބިން ގަތީ އޭނާ އެންމެ ލޯބިވާ އަދި ނަމޫނާއަކަށް ބަލަމުން އައި އެކްޓަރު ސުޝާންތު ހަނދުން ބިން ގަނެފައިވާކަން އެނގުމުންނެވެ. އޭނާ އަކީ އޭނާގެ ބައްޕަ އާއެކު ޑިވެލޮޕިން ކުންފުންޏެއް ހިންގާ މީހެކެވެ.

"ސުޝާންތު ހަނދުން ބިން ގަތްކަން އެނގުމުން އޭގެ މައުލޫމާތުތައް ހޯދީ. ދެން މިއެނގުނީ ވަރަށް ގިނަ މީހުން ހަނދުން ބިން ގަނެފައިވާކަން. އެއީ އެމެރިކާގެ ސޮސައިޓީ "ލޫނާ ލޭންޑް-ރިކޯޑްސް ޑިޕާޓްމަންޓް" އިން. އެކަން ކުރިއަށް ދާގޮތް އެނގުމުން އެތަނުން އެއް އޭކަރުގެ ބިމެއް މިގަތީ. އެކަން ކުރީ އެއްމަސް ވަންދެން އެމީހުނަށް ހަނދުން ބިން ވިއްކޭ ކަމުގެ ރައިޓްސް އޮތްތޯ ކަށަވަރުކުރުމަށްފަހު" މީޑިއާތަކަށް ރާމް ދިން އިންޓަވިއުގައި ބުންޏެވެ.

ހަނދުން ބިން ގަތުމުން ރާމްއަށް ވަނީ އޭގެ އެގްރީމެންޓެއްވެސް ހަދައިފައެވެ. އަދި އޭނާއަށް ވަނީ ގަތް ބިމުގެ އެޑްރެހެއް ވެސް ލިބިފައެވެ. ރާމް ބުނި ގޮތުގައި އެބިން އޭނާ ގަތީ އާއިލާއަށް ކަމަށާއި ހަނދަށް ދާން ފުރުސަތު ލިބިއްޖެޔާ ދާން ބޭނުންވާ ކަމަށެެވެ.

ރާމް ބުނިގޮތުގައި އޭނާއަކީ ސުޝާންތުގެ ވަރަށް ބޮޑު ފޭނެކެވެ. ސުޝާންތުގެ މަރުގެ ތަހުގީގު ލަސްވާތީ އެކަމާވެސް ރާމްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މަރުގެ ތަހުގީގު އަވަސް ކޮށްދިނުމަށްވެސް ރާމް ވަނީ ގޮވާލައިފައެވެ.

ސުޝާންތު އަކީ ބޮލީވުޑް ތަރިންގެ ތެރެއިން ހަނދުން ބިމެއް ގަތް ފުރަތަމަ ތަރިއެވެ.