(12 ނޮވެމްބަރުގެ އަދަދާ ގުޅޭ)
ފަތިސްވީއިރު عبـدالمـلـك އޮންނެވީ އޭނާގެ ގަނޑުވަރާ ވަރަށް ކައިރީގައިހުރި ޖަލެއްގައެވެ. އޭނާގެ ބައްޕަ إبــن جـهــور އާއި، އެ ޢާއިލާގެ އެހެނިހެން މެމްބަރުންނާއި، އައްޒަހުރާއުގެ ނުފޫޒުހުރި ހުރިހައި އަމީރުން ކުރީއްސުރެވަނީ އެޖަލުގައި ހައްޔަރުކޮށްފައެވެ. އެބޭފުޅުންގެ ފަރާތްޕުޅުން عبـدالمـلـك އަށް އެނގިވަޑައިގެންނެވި ގޮތުގައި ޤުރުޠުބާގެ ޚިޔާނާތްތެރި ބައެއް މީހުންނާއި، އައްޒަހުރާގެ ފާރަވެރީންގެ އެހީގައި إبـن عمّــار ވަނީ ޢިޝާނަމާދުން ފޭބިތާ ކުޑައިރުކޮޅެއްގެ ފަހުން އައްޒަހުރާއަށް ވެރިވެވަޑައިގެންފައެވެ.
ذوالـنّــون ގެ ފަހަތްޕުޅުންދިޔަ ޤުރުޠުބާގެ ލަޝްކަރަށްވެސް ކުރިމަތިލާންޖެހުނީ ވަރަށް އާދަޔާ ޚިލާފު ޙާލަތެކެވެ. عبـدالمـلـك އެނބުރި އައްޒަހުރާއަށް ވަޑައިގަންނަވަން ފުރައިވަޑައިގެންނެވުމާއެކު އިޝްބީލިއްޔާގެ ކޮމާންޑަރ އޭނާގެ ބާކީތިބި ދެހާސް ސިފައިންނަށްވެސް އެނބުރިދާން އަންގައިފިއެވެ.
عبـدالمـلـك އިޝްބީލިއްޔާގެ ކޮމާންޑަރ ހުއްޓުވަން އުޅުއްވިއެވެ. އިޝްބީލިއްޔާގެ ކޮމާންޑަރު ޖަވާބު ދެއްވީ އޭނާ އެނބުރި ވަޑައިގެން އެބައިމީހުންގެ ލަޝްކަރުގެ ޚަބަރު އޮޅުންފިލުއްވަން ބޭނުންފުޅު ކަމުގައެވެ. عبـدالمـنعــم އޭނާއަށް ވިސްނައިދެއްވިއެވެ. އެކަމަށްޓަކައި އެންމެން ދިއުމުގެ ބޭނުމެއް ނެތްކަމަށާއި ސަވާރުންގެ ދެތިން މީހަކު ފޮނުވަނިކޮށް އަނެއްދުވަހު ޚަބަރު ހިފައިގެން އަތުވެދާނެ ކަމުގައި ވިދާޅުވިއެވެ. ނަމަވެސް އިޝްބީލިއްޔާގެ ކޮމާންޑަރުގެ ޖަވާބު ކުރުވެފައި ޞަރީޙައެވެ. އޭނާ ދެންނެވިއެވެ. "އަޅުގަނޑުމެން ކަންކުރާންވީ ކޮންގޮތަކަށްކަން އެންމެ ރަނގަޅަށް އެނގޭނީ އަޅުގަނޑުމެންނަށް."
އިޝްބީލިއްޔާގެ ކޮމާންޑަރ ކަންކުރެއްވިގޮތުން، ޤުރުޠުބާގެ ލަޝްކަރަށް އެރަށުގައި ކޮންމެވެސްކަހަލަ ކެހިވެރި ރޭވުމެއް ތަންފީޒުވަމުން ދާކަމުގެ ޝައްކު އިތުރުވިއެވެ.
ޤުރުޠުބާގެ ކޮމާންޑަރ ވޮލަންޓިއަރ މުޖާހިދުންގެ ޤާއިދު عبـدالمـنعــم އާ މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ ވީހައިވެސް އަވަހަކަށް ޤުރުޠުބާއަށް އެނބުރިވަޑައިގަންނަވާށެވެ. އެބޭފުޅުން ދަތުރު ފެއްޓެވީ މެންދަމެއް ހައިއިރުއެވެ. ވިދިގެންއައި ދުވަހު އެލަޝްކަރު ޤުރުޠުބާއަށް އައިއިރު ރަށުގެ އިމާރާތްތަކުގައި ވިހުރުވެމުން ދިޔައީ معـتـمـد ގެ ދިދައެވެ.
عبـدالمـنعــم ރަށަށް އަރައިވަޑައިގަތުމާއެކު މިސްރާބު ޖެއްސެވީ ސީދާ އޭނާގެ ގެއަށެވެ. ގޭގެ ދޮރޯށިދޮށުގައި ޤުރުޠުބާގެ ފުލުހުންގެ އާ ވެރިޔާއާއި، އިޝްބީލިއްޔާގެ ލަޝްކަރުގެ ދެ އޮފިސަރަކާއި ސިފައިންގެ ބަޔަކު އޭނާގެ އިންތިޒާރުގައި ތިއްބެވެ. ފުލުހުންގެ ވެރިޔާއަކީ އޭގެ ވަރަށް ކުޑަދުވަސްކޮޅެއްގެ ކުރީން ޤުރުޠުބާގެ ދަންނަބޭކަލުންގެ މަޝްވަރާގެ މަތީން عبـدالمـلـك ސިފައިންގެ ތެރެއިން ވަކިކުރެއްވި އޮފިސަރެކެވެ.
عبـدالمـنعــم އޭނާގެ އަސް މަޑުކުރެއްވުމާއެކު ފުލުހުންގެ ވެރިޔާ އޭނާގެ އަރިހުގައި ދެންނެވިއެވެ.
"ކަލާ ހަމަ މިހާރު އަޅުގަނޑުމެންނާއެކު ހިންގަވާ! ޤަޞްރުއްޒަހުރާއުގައި ކަލާއަށް އެބަ އިންތިޒާރު ކުރެވޭ."
"ތިޔައީ އަމުރެއްތަ؟" عبـدالمـنعــم ހަމަޖެހިވަޑައިގެން ހުންނަވައި ސުވާލު ކުރެއްވިއެވެ.
"ފުލުހުންގެ ވެރިޔާގެ ބަދަލުގައި އިޝްބީލިއްޔާގެ އޮފިސަރެއް ޖަވާބު އެރުވިއެވެ. "ކަލާ އަމުރަކަށް ނޫނީ ގުޑައިނުލައްވާނެ ކަމަށްވަންޏާ އެއީ އަމުރެއް ކަމުގައި ބައްލަވާ!"
"ކާކުގެ އަމުރެއްތަ؟"
"އެއީ ޤުރުޠުބާގެ ގަވަރނަރ عبّــاد بــن معـتـمـد ގެ އަމުރުފުޅު."
عبـدالمـنعــم ޖަވާބު ދެއްވިއެވެ. "އެހެންވީއިރު ހިޔަޅު އޭގެ ދައުފަތުރައިލީދޯ؟"
އިޝްބީލިއްޔާގެ ސިފައިންގެ އޮފިސަރުގެ ގާތަށް އައި ރުޅީގައި އޭނާގެ މޫނު ރަތްވެގެން ދިޔައެވެ. ނަމަވެސް އޭނާއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުން ރަނގަޅު ނުވާނެކަމަށް ފެނިގެން ފުލުހުންގެ ވެރިޔާ ޖަވާބު އެރުވިއެވެ.
"އަޅުގަނޑުމެން ކަލާއާ ބަޙުޘު ކުރާކަށެއް ނެތިން. އަޅުގަނޑުމެންނަށް އަމުރު އައިސްފައިއޮތީ ކަލާ ގަނޑުވަރަށް ވަޑައިގަންނަވާން ދެކޮޅު ނަހައްދަވާނަމަ ޢިއްޒަތާއި ކަމޭހިތުމާއެކު ގަނޑުވަރަށް ގެންދަން. ކަލާ ގަނޑުވަރަށް ވަޑައިނުގެންފިނަމަ ހައްޔަރުކޮށްގެން ގަނޑުވަރަށް ގެންދެވޭނެ. ކަލާ ފިލައިވަޑައިނުގަތުމަށް ވަޢުދުވެވަޑައިގެންފިނަމަ އިރުކޮޅަކަށް ގެއަށް ވެދެވަޑައިގެންނެވިއަސް އެންމެ ރަނގަޅު!"
عبـدالمـنعــم އޭނާގެ ނޯކަރަކަށް އިޝާރާތް ކޮށްލައްވައިފައި އަސްމަތީން ފައިބައިވަޑައިގެންފިއެވެ. އޭނާ ނޯކަރާ އަސް ހަވާލުކުރައްވަމުން ފުލުހުންގެ ވެރިޔާއާ ދިމާއަށް ވިދާޅުވިއެވެ. "ގެއަކަށް ވަގަކު ވަނަކަސް ގޭގެ ވެރިޔާ ފިލައިގެނެއް ނުދާނެ! އަހަރެން ހަމަ މިހާރު އެބައަންނަން." عبـدالمـنعــم އެހެން ވިދާޅުވެފައި ގޭތެރެއަށް ވެދެވަޑައިގެންފިއެވެ.
ކުޑައިރުކޮޅެއްގެ ފަހުން عبـدالمـنعــم ހުންނެވީ އޭނާގެ އަނބިކަނބަލުންނާއި ބޭފުޅުންނާއެކު ގޯތިތެރޭގައެވެ. އޭނާގެ އަނބިކަނބަލުންގެ ދެލޯފުޅު ކަރުނަފޮދުން ފުރިގެން ދިޔުމާއެކު ވިދާޅުވިއެވެ. "ޤުރުޠުބާގައި معـتـمـد ގެ ރަސްކަން އިޢުލާނުވެއްޖެ. ކަލާއަށް ވާނީ މިހާރު އެކަން އެނގިވަޑައިގެންފައި."
"އަޅުގަނޑަށް އެނގޭ."
عبـدالمـنعــم އެހެން ވިދާޅުވެފައި سعد ގެ އަރިހުގައި ވިދާޅުވިއެވެ. "ދަރިފުޅާ! ކޮއްކޮމެން ގޮވައިގެން އިހަށް ބޭރަށްދޭ! ބައްޕަ ވަރަށް އަވަހަށް ދަރިފުޅަށް އެބަގޮވަން!"
سعد އާއި، أحمد އާއި، حسن އާ ތިންބޭފުޅުން ދޮރޯށިތެރެއަށް ވަޑައިގެންނެވުމުން عبـدالمـنعــم އޭނާގެ އަނބިކަނބަލުންގެ އަރިހުގައި ވިދާޅުވިއެވެ. "އެބައިމީހުން އަހަރެން ބަލައި ސިފައިން ފޮނުވައިފި!"
سـكيـنـة ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ދެނެހުރިން. އެމީހުން މިގޭގައި ފޯރިމަރާތާ ވަރަށްގިނަ އިރުވެއްޖެ!"
عبـدالمـنعــم ވިދާޅުވިއެވެ. "އަޅުގަނޑަށް ގެއަށް ނާދެވި ލަސްވާގޮތްވެއްޖެނަމަ ކަލާ ކުދީންކޮޅު ގޮވައިގެން ޣަރުނާޠާއަށް ވަޑައިގަންނަވާ! އެންމެ ރަނގަޅުވާނީ އެގޮތް."
"ނޫން! ނޫން!" سـكيـنـة ގިސްލައްވަމުން ވިދާޅުވިއެވެ.
"މިހާރު ކަލާއަށް ވިސްނައިވަޑައިގަތުން ފަސޭހަފުޅެއް ނުވާނެ. ނަމަވެސް ދުވަސްކޮޅެއްގެ ފަހުން ކަލާއަށް އަމިއްލަފުޅަށްވެސް އަޅުގަނޑު މިދަންނަވާ ވާހަކަ އިޙުސާސް ކުރެއްވިދާނެ. ޤުރުޠުބާގެ ވެށި މިކުދީން ތަރުބިޔަތު ކުރާކަށެއް ދެނެއް ރަނގަޅެއް ނުވާނެ. އެކުދީން މިތާނގައި ބައިތިއްބައިފިނަމަ އެކުދީންގެ މޭގައިވާ ޣީރަތްތެރިކަމުގެ ކަނިފަށް ނިވިދާނެ. معـتـمـد ގެ ރަސްކަން މިތަނަށް އަންނާނީ މަކަރުވެރިކަމާއި، ހީލަތްތެރިކަމާއި، ފާޙިޝްކަމުގެ ރާޅަކާއެކު މިތާނގައި ޙަޔާތުގެ ހުރިހާ އަގުތަކެއް މުޅީން ބަދަލުވެދާނެ. އަޅުގަނޑަށް ފުރިހަމަ ނުކުރެވި މިދޫކޮށްލާ ކަންތައްތައް މިކުދީން ލައްވައި ކަލާ ފުރިހަމަ ކުރުއްވަންވާނެ. ޣަރުނާޠާ ޤުރުޠުބާއަށްވުރެ ވަކި މާރަނގަޅެކޭ އަޅުގަނޑު ނުދަންނަވަން. ނަމަވެސް އެރަށުގައި އެކުދީން ބަލަހައްޓަވައި ތަރުބިޔަތު ކުރައްވާން އެކުދީންގެ ޅިޔަންބޭބެ ހުންނަވާނެ."
سـكيـنـة ވިދާޅުވިއެވެ. "ތިޔައީ ކަލާގެ އަމުރުފުޅު ކަމުގައިވާނަމަ އަޅުގަނޑަކަށް އިންކާރެއް ނުކުރެވޭނެ. އެކަމަކު ކަލާއަށް އަޅުގަނޑުމެންނާއެކު ވަޑައެއް ނުގެންނެވޭނެތޯ؟"
"އާދެ! މިހާރަކު ނުދެވޭނެ! އަޅުގަނޑަކަށް މިފެތެމުންދާ އޮޑި ދޫކޮށްލެވޭކަށެއް ނެތް. މި ޠޫފާނަކީ ވަގުތީ ކަމެއްކަން އަޅުގަނޑަށް ޔަގީން. އަޅުގަނޑުމެންނަށް މިހަނގުރާމަ ކުރެވުނީ ވަރަށް އާދައިގެ މަޤުޞަދެއްގައި. މިއަށްވުރެ މާ މަތިވެރި މަޤުޞަދެއްގައި ހަނގުރާމަކުރުމަށް މާތް اللّـه އަޅުގަނޑުމެންނަށް އެބަ ދަޢުވަތު ދެއްވާ. އެކަމަށްޓަކައި ކަލާވެސް މިރަށުގައި އިންނަވަން ޖެހިވަޑައިގަންނަވާނެކަމަށް އަޅުގަނޑު ދެކޭނަމަކަ އަޅުގަނޑު ކަލާ ޣަރުނާޠާއަކަށް ނުފޮނުވީމުސް. މިއަދު އަޅުގަނޑަށް އެނބުރި އާދެވޭގޮތްވުމަކީވެސް އެކަށީގެންވާ ކަމެއް. ހަމައެފަދައިން މިއީ އަޅުގަނޑުމެންގެ އެންމެފަހުގެ ބައްދަލުވުންކަމުގައި ވުމަކީވެސް ދުރުކަމެއް ނޫން. އަޅުގަނޑު ކަލާއާމެދު އުންމީދުކުރަނީ އަޅުގަނޑުމެންގެ ކުދީންނަށް ކަލާ ދެއްވާ އެންމެ ކުރީގެވެސް އަދި އެންމެ ފަހުގެވެސް ފިލާވަޅަކަށްވާނީ މުސްލިމެއްގެ ޙަޔާތުގެ މަޤުޞަދު އޭނާގެ ދިރިހުރުމަށްވުރެ މާމަތިވެރިކަން ދަސްކޮށްދެއްވުންކަމަށް. އަޅުގަނޑަށް ފުރިހަމަ ނުކުރެވި ދޫކޮށްލާ މަސައްކަތްތައް ކަލާ އެކުދީން ލައްވައި ފުރިހަމަ ކުރުއްވާންވާނެ."
سـكيـنـة ކަރުނަ ފޮއްސަވަމުން ޖަވާބު ދެއްވިއެވެ. "އަޅުގަނޑުގެ ސާހިބާ! ތިޔަފަދަ ފިލާވަޅަކަށް އަޅުގަނޑުވެސް ބޭނުން!"
عبـدالمـنعــم ވިދާޅުވިއެވެ. "ރޭގައި ދުޝްމިނުންގެ ފަހަތުން ވަޑައިގަންނަވަނިކޮށް عبـدالجـبّـار ވަނީ ޒަޚަމުވެވަޑައިގެންފައި. އޭނާގެ ހާލުކޮޅު ވަރަށް ނާޒުކު. އަޅުގަނޑު މިއައީ އޭނާ ބަލަހައްޓާން المـــاس ބަހައްޓައިފައި. عبـدالجـبّـار ގެ ގެއަށް އޭނާ ގެންގޮސްފައި، ހަވީރު ވާންވާއިރަށް المـــاس ގެއަށް އަންނާނެ. ކަލާ މިގޭގެ ހުރިހައި ކަމެއް ބެލެހެއްޓުން އޭނާއާ ހަވާލުކުރައްވާ! ބޭނުންވެއްޖެނަމަ އިތުރަށް މިހިރަ އަސްތައް ވިއްކަވާލައްވާ!"
سـكيـنـة ވިދާޅުވިއެވެ. "އިއްޔެ ތިޔަބޭފުޅުން ދުޝްމިނުން ފައްސަވައި ވަޑައިގަތުމުން عبـدالجـبّـار ގެ އަނބިކަނބަލުން ބޭފުޅުން ގޮވައިގެން މިގެއަށް ވަޑައިގެންނެވި. އޭނާ ވަޑައިގަތީ އަޅުގަނޑަށް ފަތަޙައިގެ މުބާރިކުބާދީ ވިދާޅުވާން. އޭނާ ވިދާޅުވީ ފަތަޙައަށްފަހު އޭނާ ގޮވައިގެން ޙައްޖަށް ވަޑައިގަންނަވަން عبـدالجـبّـار ވަޢުދުވެވަޑައިގެންފައިވާކަމަށް. އަނެއްކާ عبـدالجـبّـار ގެ ޒަޚަމް މާބޮޑަށް ސީރިޔަސްތޯ؟"
"ޑޮކްޓަރު ހުރީ އޭނާއާމެދު ވަރަށް ފިކުރު ބޮޑުވެފައި. އޭނާ ޒަޚަމުވެވަޑައިގެންނެވިއިރު އަޅުގަނޑުމެންނަކަށް ޤުރުޠުބާއާ މާދުރަކަށްވެސް ނުދެވޭ. އެކަމަކު އަޅުގަނޑުމެންނަށް އެކަން އެނގުނީ އޭނާ ހޭފުޅުނެތިގެން ވެއްޓިވަޑައިގެންނެވުމުން."
عبـدالمـنعــم އެހެން ވިދާޅުވެފައި އޭނާގެ ބޭފުޅުންނަށް ވިދާޅުވެލެއްވުމާއެކު ތިންބޭފުޅުން ދުވެވަޑައިގެންފައި އޭނާގެ އަރިހަށް ވަޑައިގެންފިއެވެ. عبـدالمـنعــم އެއްބޭފުޅަކަށްފަހު އަނެއްބޭފުޅަކު އުރައިލައްވައި މޭފުޅުގައި ޖައްސަވައިލެއްވިއެވެ. އެއަށްފަހު سعـد އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ.
"ދަރިފުޅާ سعـد! ބައްޕަ މިދަނީ ވަރަށްބޮޑު ކަމަކު ބޭރަށް. ބައްޕަ އަންނަންދެން ކޮއްކޮމެން ރަނގަޅަށް ބަލަހައްޓާތި! މަންމައަށް އުނދަގޫ ނުކުރާތި!"
حسن އޭނާގެ ބައްޕާފުޅުގެ ފައިންޕުޅުގައި އޮޅުލައިވަޑައިގެންފައި ވިދާޅުވިއެވެ. "ބައްޕާ! އަޅުގަނޑުވެސް ބައްޕަ އަރިހު ގެންދަވާ. ހަނގުރާމަ ނިމުމުން އަޅުގަނޑު ގޮވައިގެން ބޭރަށް ވަޑައިގަންނަވާނެކަމަށް ބައްޕަ ވިދާޅުވީމެއް ނޫންތޯ؟"
"އާނ ދަރިފުޅާ! އެކަމަކު ހަނގުރާމަ އަދިއެއް ނުނިމޭ ދަރިފުޅާ!" عبـدالمـنعــم އެހެން ވިދާޅުވެފައި އަނެއްކާވެސް حسن އުރައިލެއްވިއެވެ. އެއަށްފަހު سـكيـنـة އާއި، سعد އާއި، أحمد އާ ދިމާއަށް ބައްލަވައިލެއްވުމަށްފަހު حسن ބިންމަތީގައި ބަހައްޓަވައިފިއެވެ. "މާތް اللّـه ތިޔަބައިމީހުން ރައްކާތެރިކުރައްވާށި!" މިހެން ވިދާޅުވެފައި އޭނާ ހަރުކޮށް ހިންގަވައިފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ.
سعد އާއި، أحمد އާއި حسن އާ ތިންބޭފުޅުން އެބޭފުޅުންގެ މަންމަޔާ ދިމާއަށް ބައްލަވައިލެއްވިއެވެ. سعـد ގެ ފެންކަޅިވެފައިވާ ލޯފުޅު ހެކިދެނީ އޭނާއަށް އަނެއް ދެބޭފުޅުންނަށްވުރެ މާގިނަ ކަންތައް އެނގިވަޑައިގަންނަވާކަމެވެ.
(ނުނިމޭ)