ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބާޒާރަށް މުޅިން އަލަށް ދެ ބާވަތެއް ނެރެން ނިންމައިފިއެވެ.

ޕީއެސްއެމްގެ "ރާއްޖެ" މިއަދު ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަމާޒަކީ ތަފާތު ބާވަތްތައް ބާޒާރަށް ނެރެ ފަސޭހައިން ހެޔޮ އަގުގައި ލިބޭނެ ގޮތް ހެދުން ކަމަށެވެ.

ފައުޒީ ވިދާޅުވީ، މިފްކޯއިން މުޅިން އަލަށް ދެ ބާވަތެއް ބާޒާރަށް ނެރެން ނިންމާފައިވާ ކަމަށާއި އެގޮތުން އަލަށް ބާޒާރަށް ނެރެން ނިންމާފައިވަނީ ވަޅޯމަސް ދަޅާއި އޯގަނިކް ބޮނބިކުނޑި ކަމަށެވެ. އޭގެ ތެރެއިން ވަޅޯމަސް ދަޅު ދެ މަހެއްހާ ދުވަސްތެރޭގައި ބާޒާރެއް ނެރޭނެ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

"ގަސް ހައްދާ ފަރާތްތަކަށް އަޅުގަނޑުމެން އެބަ ތައާރަފްކުރަން ބޮނބިކުނޑި. އަޅުގަނޑު ގަބޫލު ކުރަނީ އެއީވެސް ވަރަށް ރަނގަޅު މާކެޓަކަށްވާނެ ކަމަށް. މިހާރު ފެލިވަރުގައި އެއަށް ބޭނުންވާ ވަސީލަތްތައް ގެނެސްފައި މިވަނީ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާކެޓަށް ނެރެވޭނެ ކަމަށް މި ބަލަނީ" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ، މިފްކޯއިން ބާޒާރަށް ނެރޭ ބޮނބިކުނޑިއަކީ އެއްވެސް ކެމިކަލްއެއް ބޭނުން ނުކޮށް ހަދާފައިވާ ބޮނބިކުނޑި ކަމަށާއި ބޮނބިކުނޑި ވިއްކާނީ ހާއްސަ އަގެއްގައި ކަމަށެވެ.

މިއަހަރުގެ ރޯދަ މަހާއި ދިމާކޮށް މިފްކޯއިން ތައާރަފުކުރި ހޮޓް ޕެކް (އަސޭ މިރުސް އަދި ގިތެޔޮ މިރުސް ހިމަނައިގެން ބަންދުކޮށްފައިވާ މަސްދަޅު) އަށް އޮންނަ ޑިމާންޑް ބޮޑުކަން ފާހަގަކުރައްވައި ފައުޒީ ވިދާޅުވީ، ކަސްޓަމަރުންގެ ޑިމާންޑާއި އެއްވަރަށް ހޮޓް ޕެކް ސަޕްލައިކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

ފައުޒީ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ދަޅު މަހުގެ އަގުވެސް ހެޔޮވެގެންދާނެ ކަމަށެވެ.