ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުހައްމަދު ސަލާހު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ސަލާހަށް ކޮވިޑް 19 ޖެހިފައިވަނީ މިސްރާއެކު އިންޓަނޭޝަނަލް ޑިއުޓީގައި ތަމްރީނު ކުރަމުން ދަނިކޮށެވެ. މިވަގުތު ސަލާހު ހުރީ ކަރަންޓީނުގައި މިސްރުގައެވެ.
މިސްރުގެ ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓީމު އެއްކޮށް ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ލިބުނު އިރު، ސަލާހް ޕޮޒިޓިވްވެފައިވާ ކަމަށާއި ސަލާހުގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. އަދި ޓީމުގެ އެހެން ހުރިހާ ކުޅުންތެރިން ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމަށްވެސް މިސްރުގެ ފުޓުބޯޅަ އިދާރާއިން ބުނެފައިވެއެވެ.
މިސްރުގެ ފެޑަރޭޝަނުން ބުނީ ސަލާހަށް ކޮވިޑް ޖެހުނުކަން އެނގުމާއެކު މިސްރުގެ ޓީމު ޑޮކްޓަރު މުހައްމަދު އަބޫ އަލް އޯލާ ވަނީ ލިވަޕޫލަށް އެކަން އަންގާފައި ކަމަށާއި ސަލާހާ އެއްވެސް ގޮތަކުން ކޮންޓެކްޓް ވެފައިވާ ހުރިހާ އެންމެން ކަރަންޓީނު ކޮށްފައިވާ ކަމަށެވެ.
ސަލާހަށް ކޮވިޑް ޖެހުނު ހަބަރަކީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަށް މާޔޫސްކަން ކުރިމަތިވާނެ ހަބަރެކެވެ. މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކްގައި ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޮމޭޒްގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސާޖަރީއަކަށް ދާން ޖެހުނު އިރު، އޭނާއަށް ސީޒަންގެ ބޮޑު ބައެއް ގެއްލޭނެކަންވެސް ވަނީ އެނގިފައެވެ.
ވާޖިލް ވެންޑައިކް ވެސް ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިފައިވުމުގެ އިތުރުން ލިވަޕޫލުގެ ވިންގް ބެކް ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑް ވެސް މިވަގުތު ހުރީ އަނިޔާގައެވެ. އާންމުކޮށް ވެންޑައިކް ނެތްތަން ފޫބައްދަން ފަހަތަށް ކުޅޭ ފަބީނިއޯގެ އިތުރުން މެދުތެރެއަށް މި ސީޒަނަށް ގެނައި ހޯލްޑިން މިޑްފީލްޑަރު ތިއާގޯ އަލްކަންޓްރާވެސް މިވަގުތު ހުރީ އަނިޔާގައެވެ. އަނިޔާގެ އެ މައްސަލަތަކަކީ ކްލޮޕަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި މައްސަލަތައް ކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް