ރާއްޖޭގެ ނޫސްވެރިންނަށް ތަހުގީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާނަލިޒަމް)އާ ބެހޭ މައުލޫމާތުދިނުމަށް ސްރީލަންކާގައި ހުންނަ ސެންޓާ ފޯ އިންވެސްޓިގޭޓިވް ރިޕޯޓިން (ސީއައިއޭ) އިން ވޯކްޝޮޕެއް ފަށައިފިއެވެ.
ޒޫމް މެދުވެރިކޮށް މިއަދު މި ވޯކްޝޮޕް ފަށާފައިވަނީ 25 އަށްވުރެ ގިނަ ބައިވެރިންނާއެކުއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ނޫސްތަކާއި ޓީވީ ސްޓޭޝަންތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނާއި މިނިވަން މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ހިމެނެއެވެ.
ހަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ވޯކްޝޮޕް ކުރިއަށްދަނީ އައްޑޫ ވުމެންސް އެސޯސިއޭޝަން (އޭޑަބްލިޔުއޭ)އާ ގުޅިގެންނެވެ.
ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި، ކެނެޑާއިން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް އެމްސީކިނޮން އާއި ރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝަކީލާ ވިދާޅުވީ، ރާއްޖެއަށް ތަހުގީގީ ނޫސްވެރިކަމަކީ މުހިންމު އެއްޗެއް ކަމަށާއި އީއައިއޭ ވޯކްޝޮޕްގެ ސަބަބުން ރާއްޖޭގެ ނޫސްވެރިންނަށް ތަހުގީގީ ނޫސްވެރިކަމާ ބެހޭ ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށެވެ.
ސީއައިއޭ ވޯކްޝޮޕްގައި ބައިވެރިންނަށް ޓްރައިނަރެއްގެ ގޮތުގައި ބައިވެރިވެފައިވަނީ، ނޭޕާލް އިންވެސްޓިގޭޓިވް މަލްޓި މީޑިއާ ޖާނަލިޒަމް ނެޓްވޯކް (އެންއައިއެމްޖޭއެން)ގެ ސީއީއޯ ރަޖްނީސް ބަންޑާރީއެވެ.
މިއަދު ބޭއްވި ޝެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ފެކްޓް ޗެކިން އަދި އައިޖޭ ސްޓޯރީ ޓެލިންގެ މައްޗަށެވެ. މި ވޯކްޝޮޕްގެ ތެރޭގައި ރިޕޯޓް ލިޔާނެ ގޮތާއި ތަހުގީގީ ނޫސްވެރިކަމުގެ އުކުޅުތަކާއި ނޫސްވެރިކަމުގެ މިންގަނޑުތަކުގެ އިތުރުން ނޫސްވެރިކަމާ ގުޅުންހުރި ގިނަ ކަންތައްތަކެއް ބައިވެރިންނަށް ކިޔައިިދެވިގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު