ދަރަނި ދެއްކުން އަންނަ އަހަރަށް ފަސްކޮށްދޭން ޖީ-20ގެ ގައުމުތަކަށް ގޮވައިލުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދު އެކަމަށް އެދިވަޑައިގެންފައިވަނީ ޖީ 77 + ޗައިނާ (Group of 77 + China) ގެ ހާރިޖީ ވަޒީރުންގެ 44 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. "ކޮވިޑް 19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، 2030 އެޖެންޑާ އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކޮވިޑުގެ ސަބަބުން އެޅިފައިވާ ހުރަސްތައް"، މި ޝިއާރުގެ ދަށުން މިއަހަރުގެ ޖީ77 + ޗައިނާ ބައްދަލުވުން ބާއްވާފައިވަނީ ވާޗުއަލްކޮށެވެ. މި ބައްދަލުވުމުގައި ޖީ77 + ޗައިނާގެ މެމްބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް 19ގެ ބަލިމަޑުގައި މަލްޓިލޭޓަރިޒަމްގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އަދި "ސަޕްލައި އެންޑް ޑިމާންޑް" އަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގުތިސާދަށް މިހާރަށްވުރެ ބޮޑު އަސަރެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާއެކު ފަގީރުކަން އިތުރުވެ، އާމްދަނީގެ ފަރަގު އިންތިހާއަށް ބޮޑުވެ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮވިޑުގެ ސަބަބުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސާދަށް ކުރާ އަސަރު އިންތިހާއަށް ބޮޑުވާނެކަން ފާހަގަކުރައްވައި، މިނިސްޓަރު ޝާހިދު ވަނީ ޖީ-20 ގެ ގައުމުތަކުން އިސްނަގައިގެން ފެށި ޑެޓް ސާވިސް ސަސްޕެންޝަން އިނީޝީއޭޓިވްއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދަރަނި ދެއްކުން 2021 ވަނަ އަހަރަށް ފަސްކޮށްދިނުމަށް ޖީ-20ގެ ގައުމުތަކަށް ގޮވައިލުމަށް ޖީ-77ގެ ގައުމުތަކަށް މިނިސްޓަރު ޝާހިދު ގޮވައިލެއްވިއެވެ.

އޭގެ އިތުރުން ޝަރުތުތަކެއް އެކުނުލެވޭ، މާލީ އިތުރު އެހީތެރިކަން ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމަށް ޖީ77 އިން ގޮވާލާފައިވާ ގޮވާލުން މިނިސްޓަރު ޝާހިދު ވަނީ ތަކުރާރުކުރައްވައިފައެވެ. އަދި މާލީ އިދާރާތަކުންނާއި ޑިވެލޮޕްމަންޓް ބޭންކުތަކުން ކޮންސެޝަނަލް ފައިނޭންސިން ފޯރުކޮށްދިނުމުގައި ލުއި ގޮތްތަކެއް ހަދައިދިނުމަށް ޖީ77 އިން ބާރުއެޅުމަށް ގޮވާލައްވައި، ކޮވިޑުގެ ބަލިމަޑުކަމުގައި ޖީ-77 ގެ ގައުމުތަކުން އެއް ގައުމުން އަނެއް ގައުމަށް ވެދިން އެހީތެރި ކަމަށް މިނިސްޓަރު ތައުރީފުކުރެއްވިއެވެ.

ކޮވިޑުގެ ސަބަބުން ދިމާވާ އިތުރު މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެކި ގައުމުތަކުގައި ފުރަބަންދުތަކުގެ ސަބަބުން އަނިޔާގެ ރިޕޯޓުތައް އިތުރުވިކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި މިންތީގެ ހަމަހަމަކަމުގެ މުހިއްމުކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިވުމަށް ހެލްޕްލައިންތަކާއި ހިޔާތަކުގެ އިތުރުން އެމެޖެންސީ ފަންޑުތަކުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އިސްކަމެއްދޭ ކަމަށާއި ހަމައެއާއެކު 2030 އެޖެންޑާ ހާސިލުކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންގެ ޕްރޮޖެކްޓްތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށް، ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުން މުހިއްމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގްރޫޕް އޮފް 77 އެންޑް ޗައިނާއަކީ ތަރައްގީވަމުން އަންނަ އދ. ގެ މެމްބަރު 134 ގައުމެއްގެ މައްޗަށް އެކުލެވޭ ކޯލިޝަނެކެވެ.