ޑޮނަލްޑް ޓޮރަމްޕް

އިމާދު ލަތީފުގެ ކޮލަމް: ޓްރަމްޕަށް ބަޣާވާތެއްވެސް ނުކުރެވޭނެއެވެ.

އިމާދު ލަތީފު

1

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕަށް ނާކާމިޔާބުވެއްޖެއެވެ. ރިޔާސީ ދެވަނަ ދައުރެއް ނުދޭނަމޭ ބުނެ ރައްޔިތުން ބަސް އިއްވައިފިއެވެ. ޓްރަމްޕާއި އާއިލާޔާއި ކެބިނެޓުގެ ހަރުކަށިކަމާއި ބޮޑާކަން ބަލައިނުގަތުމަށް ރައްޔިތުން ވޯޓުދީފިއެވެ. އެކަމަކުވެސް ޓްރަމްޕު ބަލި ގަބޫލެއް ނުކުރެއްވިއެވެ. ގަދަދައްކަވަނީ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ވެރިކަމުގައި ދެމިހުންނެވުމަށެވެ. އަދިވެސް ދެންވެސް ބާރުއެބައޮތޭ ހަދާނީ ހަދާނެ އެއްޗެކޭ ވިދާޅުވާ ބީދައިން ކަންތައްތަކެއް ކުރައްވަމުން އެބަގެންދަވައެވެ. ކުރެއްވި ޓުވީޓަކުން ކުއްލިގޮތަކަށް ދިފާއީ ވަޒީރު ވަކިކުރެއްވުމަކީ މީގެތެރެއިން ކަމެކެވެ.

ޓްރަމްޕުގެ ޚާރިޖީވަޒީރު ވިދާޅުވިއެވެ. ވެރިކަން ބަދަލުކުރާކަށް ނުޖެހެއެވެ. ކުރަން ޖެހޭ ހާލަތެއްވެސް ނާދެއެވެ. އޮމާންކަމާއެކު ކުރިޔަށް އޮތީ ޓްރަމްޕުގެ ރިޔާސަތުގެ ދެވަނަ ދައުރެވެ. ޓްރަމްޕުގެ ބަންޑާރަނާއިބު ވިދާޅުވިއެވެ. ވޯޓު އޮޅުވާލައިފިއެވެ. އޮޅުވާލިވޯޓު ތަހުގީގުކުރަން ސަރުކާރުގެ އެންމެހައި ވަކީލުންނަށް އޭނާވަނީ އަމުރުވެސް ކުރައްވައިފައެވެ. މިހިސާބުން ބައެއް މީހުން އުފައްދާ ސުވާލަކީ ޓްރަމްޕާއި އޭނާގެ ވަޒީރުންގެ އަމާޒަކީ ކޮބައިބާވައެވެ. ރައްޔިތުންގެ ނިންމުން ބަލައިނުގަނެ ގާނޫނުއަސާސީއާއި މުޅިނިޒާމާ ދެކޮޅަށް ބަޣާވާތެއް ކުރައްވަން އުޅުއްވަނީބާވައެވެ. ވެދާނެއެވެ. އެކަމަކު ބަޣާވާތެއް ނުކުރެވޭނެއެވެ. އެފަދަކަމެއް ކާމިޔާބުކުރެވޭނޭ ވަސީލަތެއްވެސް ނެތްމެއެވެ.

އެމެރިކާއަކީ ރަނގަޅަށް ގިރިސްޖަހާފައިވާ މެޝިނެކެވެ. އެއްސޯބު އަނެއްސޯބާ ގުޅިގެން ގެތިގެން އެނބުރުނަސް ކޮންމެ ސޯބަކަށްވެސް އޭގެ ޒިންމާ މޭރުންވާގޮތަށް ފަރުމާކުރެވިފައިވާ ވަރުގަދަ ޑިމޮކްރަސީއެކެވެ. އެޑިމޮކްރަސީ މުގުރާލުމަކީ ޓްރަމްޕަށް އެކަނި ކުރެއްވޭނޭ ކަމެއް ނޫނެވެ. އެ ޕާޓީއަކަށް ޓްރަމްޕުވެސް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ފުރިހަމަ ތާއީދާއި އެޕާޓީގެ ހުރިހާ ވަސީލަތެއްވެސް ޓްރަމްޕަށް ބޭނުންފުޅު ވާނެއެވެ. އަދި ވަރަށް ގިނަ އެހެން ކަންކަންވެސް ޓްރަމްޕު އެދިވަޑައިގަންނަވާގޮތަށް ފަހިވާން ޖެހޭނެއެވެ. ރައްޔިތުންނާއި ދެކޮޅަށް އަދި ނިޒާމާ ދެކޮޅަށް ކުރާ ބަޣާވާތެއް ކާމިޔާބުކުރެވޭނީ މިހުރިހާކަމެއް ފުރިހަމަވެގެންނެވެ.

ޓްރަމްޕުގެ ޓީމުން ވަނީ ވޯޓު އޮޅުވައިލީކަމަށް ތުހުމަތުކޮށް އެކި ސްޓޭޓްތަކުގެ އެކި ކޯޓުތަކަށް މައްސަލަތަކެއް ހުށައަޅައިފައެވެ. މިއީ ހައްތާވެސް ޚިޔާލީފޮލާގެ މައްޗަށް ބިނާކޮށްފައިވާ ދައުވާތަކެކެވެ. ހެކި ދެއްކެން ނެތް ކަންކަމެވެ. ވޯޓު އޮޅުވައިލީ ކާކުހެއްޔެވެ؟ ވެރިކަމުގައި ހުންނެވީ ޓްރަމްޕެވެ. ސެނެޓުގެ އަގުލަބިއްޔަތު އޮތީ ޓްރަމްޕުގެ ޕާޓީއަށެވެ. އެމެރިކާގެ ފަންސާސް ސްޓޭޓްގެ ތެރެއިން ނަވާވީސް ސްޓޭޓުގެ ސަރަހައްދީ މަޖިލީހުގެ ކޮންޓްރޯލް އޮތީ ޓްރަމްޕުގެ ޕާޓީއަށެވެ. އަދި މީގެތެރެއިން ސައްބީސް ސްޓޭޓުގެ ގަވަރުނަރުންނަށް ތިބީވެސް ޓްރަމްޕުގެ ޕާޓީގެ މީހުންނެވެ. މިއެންމެން ހަމަ ބަލަންތިއްބާ ޑިމޮކްރަޓިކް ޕާޓީއަށް ވޯޓު އޮޅުވައިލެވިދާނެބާވައެވެ. ހޮޅިވާހަކައެވެ. އެއީ ނުކުރެވޭނޭ ކަމެކެވެ.

އިންތިޚާބުގެ ކަންކަމަކީ ކޮންމެ ސްޓޭޓެއްގައިވެސް އެ ސްޓޭޓެއްގެ ގާނޫނާއި ގަވާއިދުތަކަށް ފައްތައިގެން ވަރަށް ފަރުވާތެރިކަމާއެކު ދެފަރާތްވެސް ފެންނަގޮތަށް ކުރާކަމެކެވެ. އެމެރިކާގައި ނިޒާމު ހަމަޖެހިފައި އޮންނަނީ ސިލޯނުގައި ޕްރެމަދާސާ ވެެރިކަން ކުރެއްވި ޒަމާނުގައި އަދި ރާއްޖޭގައި މައުމޫނު ވެރިކަންކުރެއްވި ޒަމާނުގައި އެބޭފުޅުން ގެންގުޅުއްވި އުސޫލަކަށް ނޫނެވެ. ނެރޭންވީ ނަތީޖާޔަކާއި އަޅާންވީ ކަރުދާހަކާއި ޖަހާންވީ ބޮޑުކާފަކާއި ނުޖަހާންވީ ކުޑަކާފު އަންގަވަނީ ޓްރަމްޕެއް ނޫނެވެ. އޯޑަރު އަންނަތަނަކީ ވައިޓްހައުސްއެއް ނޫނެވެ. ވޯޓުގުނާ މީހުން ތަބާވަނީ ޓްރަމްޕަކަށްވެސް ނޫނެވެ. އެންމެންވެސް ތަބާވަނީ ގާނޫނުތަކާއި އުސޫލުތަކަށެވެ.

ވަގުވޯޓުގެ ދައުވާޔަކީ އެއްވެސް ކޯޓެއްގައި ޓްރަމްޕުގެ ޓީމަށް ސާބިތުކޮށްދެވޭނޭ ދައުވާއެއް ނޫނެވެ. އެބައި މުޅިން ފޭލްވާނެއެވެ. މުޅި ރިޕަބްލިކަން ޕާޓީގެ ތާއީދުވެސް ޓްރަމްޕަށް އޮތީކީނޫނެވެ. މިހާރު ގިނައީ ދެކޮޅުހަދާ މީހުންނެވެ. ރައްޔިތުންގެ ނިންމުން އަނބުރާލަން ރިޕަބްލިކަން ޕާޓީން ކޮންޓްރޯލްކުރާ ސްޓޭޓްތަކުގެ މަޖިލީސްތަކުން ނުނިންމާނެއެވެ. ނުވެސް ނިންމޭނެއެވެ. ނިންމިޔަސް އެނިންމުން ތަސްދީގުކުރައްވަން ހުރިހާ ސްޓޭޓްތަކުގައި ތިއްބެވީ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ގަވަރުނަރުންނެއްވެސް ނޫނެވެ. ދެގޭގެ މައްޗަށް އެކުލެވިގެންވާ މަރުކަޒީ މަޖިލީހުގެ އަގުލަބިއްޔަތުވެސް ރިޕަބްލިކަނުންނަކަށް ނެތެވެ. އެހެންވީމާ ޓްރަމްޕަށް ކުރިހޯއްދެވޭނޭ ހަމައެއްވެސް މަގެއް ނެތެވެ.

ޖެނުއަރީ ވިހިވަނަދުވަހާ ހަމަޔަށް ޓްރަމްޕު ވެރިކަމުގައި ހުންނަވާނެއެވެ. އެދުވަހުގެ ފަހަށް އެންމެ ސިކުންތަކުވެސް ނުހުންނެވޭނެއެވެ. އެދުވަހާ ހަމަޔަށް ކުރައްވާނޭ ކަންތައް ޓްރަމްޕުގެ ކިބައިން މިހާރުވެސް އެދަނީ ފެންނަމުންނެވެ. އެއީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރުމެވެ. ޖޯ ބައިޑެންގެ ޓީމަށް އެއްބާރުލުން ނުދިނުމެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރުމަކީ ޓްރަމްޕު ކުށްވެރިވާނޭ ކަމެއް ނޫނެވެ. އެއީ ގާނޫނަކުން އޭނާގެ މައްޗަށް ލާޒިމުކުރާ ކަމެއްވެސް ނޫނެވެ. ހަމައެހެންމެ ދެން ވެރިކަމާ ހަވާލުވާން ހުރި މީހާޔަށް ކަންކަން ކިޔައިދީ ވެރިކަން ބަދަލުކުރުމުގައި އެހީތެރިވެދީ އެއްބާރުލުން ދިނުމަކީވެސް ގާނޫނުއަސާސީ ލާޒިމުކުރާ ކަމެއްނޫނެވެ.

ނަތީޖާ ގަބޫލު ނުކޮށް އެއްބާރުލުން ނުދިނުމަކީ ގާނޫނީ ކުށަކަށް ނުވިޔަސް އެއީ ދެމިގެން އަންނަ އާދަތައް މުގުރައިލުމެކެވެ. އެއީ ބައިޑެންގެ އައު ސަރުކާރަށް ވަރަށް ގިނަ ގޮންޖެހުންތަކާއި ދަތިތަކާ ކުރިމަތިލާން ޖެހޭނޭ ކަމެކެވެ. ޓްރަމްޕުގެ ހަގީގީ މަގްސަދަކީ އެގޮތަށް ދަތިކުރުން ކަމަށްވެސް ވެދާނެއެވެ. އޭނާގެ ސަރުކާރުގެ ތެރެއިން މިވިސްނުމާ ދެކޮޅު މީހުން ބޭރުކުރަން ޖެހިލުމެއްވެސް ނުވާނެއެވެ. ޚާރިޖީ ދާއިރާގައި އައު ސަރުކާރަށް ދަތިކުރުމުގެ ގޮތުން ނަތަންޔާހޫއާއި ޕްރިންސް މުހައްމަދު ބިން ސަލްމާނު ކަހަލަ އެކުވެރިންނާ ގުޅިވަޑައިގެން ޓްރަމްޕު އެގެންދަވަނީ މިހާރުވެސް މެދުއިރުމަތި އިތުރަށް ގަޑުބަޑުކޮށް ހިލުވައިލުމަށް މަސައްކަތް ކުރައްވަމުންނެވެ.