ކުރިއަށް އޮތް ތަނުގައިވެސް ގަލްފުގައި އެމެރިކާގެ އަސްކަރީ ބާރުތައް ދެމިއޮންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވައިފިއެވެ.
ވައިޓް ހައުސްއިން ބުނި ގޮތުގައި މި ނިންމެވުމުގެ މައިގަނޑު މަގުސަދަކީ މެދުއިރުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއި، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.
މި އޮޕަރޭޝަންގެ ދަށުން ގަލްފާއި، އޮމާން ކަނޑު އަދި ރަތް ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ ކަނޑުގެ ސިފައިންނާއި މަނަވަރުތައް ހަރަކާތްތެރިވަމުން ދާނެއެވެ. ޕެންޓަގަންއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާރުވެސް އެ ސަރަހައްދަށް އިތުރު 2،500 މެރީންސް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މީގެ އިތުރުން 10،000 ސިފައިން ފޮނުވުމާމެދު ވެސް ދަނީ މަޝްވަރާކުރަމުންނެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި މިއީ ބައިނަލްއަގުވާމީ ވިޔަފާރިއާއި ތެލުގެ ސަޕްލައިއަށް ހުރަސްއެޅުނަ ނުދިނުމަށްޓަކައި ކުރަން ޖެހޭ ކަމެކެވެ. އަދި މި ފިޔަވަޅަކީ އީރާނުން ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން ސެންޓަ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) ގެ ތަޖުރިބާކާރު މާކް ކެންސިއަން ވިދާޅުވި ގޮތުގައި، ހަމައެކަނި ވައިގެ ހަމަލާތަކުން ވިޔަފާރި ބޯޓުފަހަރު ހިމާޔަތް ނުކުރެވޭނެކަން އެމެރިކާއަށް މިހާރު ވަނީ ގަބޫލުކުރެވިފައެވެ. އެހެންކަމުން އެއްގަމާއި ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ތިބުމަކީ ސްޓްރެޓީޖިކް ގޮތުން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ނިންމުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެދާނެ ކަމުގެ ކަންބޮޑުވުން ބައެއް މުހައްލިލުން ވަނީ ފާޅުކޮށްފައެވެ. މިހާރުވެސް އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، އެމެރިކާގެ އަސްކަރީ ބާރުތައް ދާއިމީކޮށް އެ ސަރަހައްދުގައި ތިބުމަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ގޮންޖެހުމެއް ކަމަށް އެ ފަރާތްތަކުން ދެކެއެވެ. އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ ސަރަހައްދުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ބޭނުންވެއްޖެ ހިނދެއްގައި އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް